ޒުވާނުންނަށް އަމާޒުކޮށް ޖަލްބޫޓް މެރިން ސާރވިސަސްއިން އިންޓަރންޝިޕް ޕްރޮގުރާމެއް ފަށައިފި
31 އޯގަސްޓް 2022 - 14:05
ޖަލްބޫޓް މެރިން ސާރވިސަސް ޕްރައިވެޓް ލިމިޓްޑްއިން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވައިވާފައިވާ އިންޓާރންޝިޕް ޕްރޮގުރާމް ފެށުމުގެގޮތުން 2022 އޮގަސްޓް 30 ވަނަ ދުވަހުވަނީ ހަފްލާއެއްބާއްވާފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން، ޑރ އިބްރާހީމް ޙަސަންއެވެ.
މޯލްޑިވްސް ޕޮލީޓެކްނިކްގައި ބޭއްވުނު މިހަފްލާގައި 15 ޒުވާނަކަށް އިންޓަރންޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކުރެވުނެވެ. މި ހަފްލާގައި އިންޓާނުންނާއި ބެލެނިވެރިން އަދި ޖަލްބޫޓްގެ މުވައްޒަފުން ބައިވެރިވިއެވެ.
ހަފްލާގެ ބައިވެރިންނާއި މުހާތަބްކުރައްވައި ގައުމު ބިނާކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ފުރުޞަތަކީ މަދުން ނުލިބޭނެ ފުރުޞަތެއްކަން ފާހަގަކޮށް މިފުރުޞަތުދޫކޮށް ނުލުމަށް އިންޓާނުންނަށް ހަނދާންކޮށްދިނެވެ. އަދި މި ޒުވާންނަށް މިފަދަ ފުރުޞަތެއް ހޯއްދަވައިދެއްވިކަމަށްޓަކައި ޖަލްބޫޓްގެ މެރިން ސާވިސަސްއަށް ޝުކުރުދެންނެވިއެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ޖަލްބޫޓް މެރިން ސާވިސަސްއިން ހުޅުވާލި އިންޓަރންޝިޕްއަކީ ޖަލްބޫޓް މަސައްކަތްކުރާ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް އެދާއިރާތަކުން ތަމްރީން ދިނުމަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި އިންޓާރންޝިޕަކީ 06 މަސް ދުވަހުގެ މުއްދަތަށް ރާވައިފާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމްގައި ބައިވެރިވާ އިންޓާނުންނަށް، ވޯޓަރ ސްޕޯޓްސް، ޑައިވިންގ، އެކްސްކާޝަންސް، މެރީނާ އޮޕަރޭޝަންސް، ވޯޓަރ ޓްރާސްޕޯޓް، އެޑްމިން، ފައިނޭންސް އަދި މާރކެޓިންގ ފަދަ ދާއިރާތަކުން ކުރިއަށް ދިއުމަށް ތަމްރީންދެވޭނެއެވެ.
އިންޓާރންޝިޕް ނިންމާ ޒުވާނުންނަށް އިންޓާންޝިޕް ނިންމިކަމުގެ ލިޔުން އަދި ރިފަރެންސް ލެޓަރ ދެވޭނެއެވެ. މީގެ އިތުރުން އިންޓާރންޝިޕް ނިންމާ ޒުވާނުންނަށް ޖަލްބޫޓްއިން ވަޒީފާގެ ފަހި ފުރުޞަތު ލިބިގެންދާނެއެވެ.
ޖަލްބޫޓް މެރިން ސާރވިސް ޕްރައިވެޓް ލިމިޓެޑް އަކީ ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ކުންފުންޏެއް ކަމައްވާ ޖަލްބޫޓް ހޯލްޑިންގ އެލްއެލްސީ ގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. ޖަލްބޫޓް މެރިން ސާރވިސަސް ހާއްސަވެފައިވަނީ ކަނޑުދަތުރާއި މެރީނާ މެނޭޖްމަންޓާއި ވޯޓާރ ސްޕޯޓްސް އަށެވެ. މީގެ އިތުރުން ބޯޑް ބިލްޑިންގ އާއި ޗާޓަރގެ ހިދުމަތަށެވެ. ޖަލްބޫޓް މެރިން ސާރވިސަސްއިން މިހާރުވެސް ރާއްޖޭގެ ބޮޑެތި ރިސޯޓްތަކަށް ދަތުރުފަތުރާއި ވޯޓަރ ސްޕޯޓްސްގެ ހިދުމަތް ފޯރުކޮށްދެއެވެ.