“ދުނިޔެ މަގޭ” ކެމްޕޭނުގައި ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންގޮސްފި
17 ސެޕްޓެމްބަރ 2022 - 12:55
“ވޯލްޑް ކްލީން އަޕް ޑޭ” އާއި ގުޅިގެން އެޗްޑީސީގެ ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ވަނީ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރ އަލްފާޞިލް އަލީ ނިޔާޒް، އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވިއެވެ.
މި ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި އެސްއޯއީ ތަކުން ޖުމްލަ 2000 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތަކީ އެޗްޑީސީގެ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިދިޔަ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ.
އަދި މި ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހަމަޖެހިފަވެއެވެ.
“އޭޕްރިލް މަހު އެޗްޑީސީ ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ޖުމްލަ 86 ހެކްޓަރަށް ވުރެއް ބޮޑު ސަރަހައްދެއް ސާފު ކުރެވިގެން ދާނެ. މިގޮތުން މިއަހަރު އެކަނި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1696 ޓަނުގެ ކުނި ވަނީ ނެގިފައި. ވެމްކޯ މި މަސައްކަތާއި ހަވާލުވި ފަހުންވެސް ޖުމްލަ 118 ޓަނުގެ ކުނި ވެމްކޯގެ އޮޕަރޭޝަންގެ ދަށުން ވަނީ ނެގިފައި. މިއީ ވަރަށް ބައިވަރު ކުނި، އަޅުގަނޑުގެ އިލްތިމާސް އަކީ ހުޅުމާލޭގައި މިގޮތަށް އުކާލާ ކުނި މަދު ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރުން،” މިހަރަކާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް “ވޯލްޑް ކްލީން އަޕް ޑޭ” އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދެއެވެ.
އެގޮތުން މިފަހަރު މި ބާއްވާ ސާފުކުރުމުގެ ހަރަކާތަކީ “ވޯލްޑް ކްލީން އަޕް ޑޭ” އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދެވޭ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމުގައި ވެގެންދާނެއެވެ.
ހުޅުމާލެގެ ސާފުތާހިރުކަން ގާއިމްކުރުމަށްޓަކައި މިތަނުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ.