2024 ވަނަ އަހަރު ނިމެންވާއިރަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ: އަސްލަމް

21 ސެޕްޓެމްބަރ 2022 - 10:47

މިއަދު ރައްޔިތުންގެ މަޖިލީހުގައި ސްޕީޑް ފެރީގެ ނިޒާމާއި ބެހޭގޮތުން ވާހަކަ ދަކަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބުނެފައިވަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭނެ ކަމުގެ އުންމީދު ކުރާ ކަމަށެވެ.

މިނިސްޓަރ އަސްލަމް މިހެން ބުނެފައިވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ޔައުގޫބް ވަނީ މިއަދު މަޖިލީހުގައި ޕްލޭނިން މިނިސްޓަރާއި ހައި ސްޕީޑް ފެރީ ނިޒާމްގެ ކާމިޔާބުކަމާއި ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

advertisement

“އަޅުގަނޑަށް ފެންނަނީ ތިން އަތޮޅުގެ (ހއ، ހދ، ށ) ރައްޔިތުން މިކަން ވަރަށް ރަނގަޅަށް ބަލައިގަންނަތަން. ބައިވަރު މީހުން ދަތުރަށް އަރާތަން އަޅުގަނޑަށް ފެންނަނީ،” އަސްލަމް ސުވާލަށް ޖަވާބުދެމުން ބުންޏެވެ.

“އެއްރަށް އަނެއް ރަށާއި ނުގުޅޭނެ ރަށެއް އޮވެގެން ނުވާނެ…700 ނޯޑުގެ ވާހަކަ މިދައްކަނީ… އަޅުގަންޑު ގަބޫލުކުރަނީ މިއޭ އަސްލުގަ ބެކްބޯންއަކީ ރާއްޖެ ތަރައްގީވާން، އެއްރަށް އަނެއް ރަށާއި ގުޅެން، އިގްތިސާދު ތަރައްގީ ވާން، އެކައްޗަކަށް ހަދާލުމަށް، އިޖްތިމާއި ގުޅުންތައް ބަދަހިކުރަން،” އަސްލަމް ތަފްސީލް ކުރި އެވެ.

އަދި ހަމަ އެހެންމެ އަސްލަމް ހާމަކޮށްފައިވަނީ އެހެން އަތޮޅުތަކުގައި ފެރީގެ ނިޒާމް ގާއިމްކުރުމަށް ޕްލޭނެއް ރާވާފައިވާ ކަމަށެވެ. މިއަންނަ އަހަރު މެދުތެރޭގައި ދެކުނު އަތޮޅުތަކުގައި މި ނިޒާމް ގާއިމް ކުރުމަށް ރޭވިފައިވާކަމަށް ވެސް މިނިސްޓަރ އަސްލަމް މައުލޫމާތުދިނެވެ. އެއީ، ގއ، ގދ، ނ، އައްޑޫ، ފޯމުލައް ކަމަށް ބުންޏެވެ.

“އަޅުގަނޑު އުންމީދުކުރަން މި އަންނަ ސިޔާސީ ބަދަލުތަކާއި އެކީ މިޒާތުގެ މަސައްކަތް އެއްވެސް ބަޔަކު ހުއްޓާ ނުލާނެ ކަމަށް،” އިތުރަށް ވާހަކަ ދައްކަމުން މިނިސްޓަރ އަސްލަމް ބުނަނީ މިއީ ގައުމު ބިނާ ކުރުމަށް އެންމެން އެކައްޗެއް ކިޔާ ޒާތުގެ މަސައްކަތެއް ކަމަށެވެ..

ރިއެކްޝަންސް
0
0
1
0
0
0
0