ވަޒީފާއާއިބެހޭ ޤާނޫނަށާއި ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި
22 ސެޕްޓެމްބަރ 2022 - 11:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު، 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 7 ވަނަ އިސްލާޙް ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު، 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލްތައް ތަސްދީޤު ކޮށްފިއެވެ.
ވަޒީފާއާބެހޭ ޤާނޫނު
މި ބިލަކީ، މި އަހަރުގެ ސެޕްޓެންބަރު 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ:
- ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއްނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެމަތިން، މިނިސްޓަރ ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ތާރީޚެއް މިނިސްޓަރ ކަނޑައަޅައި ޢާންމުކޮށް އިޢުލާން ކުރަންވާނެކަމަށް ޤާނޫނުގައި ކަނޑައެޅުން.
ޓޫރިޒަމާބެހޭ ޤާނޫނު
މި ބިލަކީ، މި އަހަރުގެ ސެޕްޓެންބަރު 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ:
- ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުން.
- މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް،
- ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައި.
ރިއެކްޝަންސް