މާލޭގައި ކޮންމެހެން ހުންނަން ނުޖެހޭ އޮފީސްތައް ހިންގަން ކުލީގެ ގޮތުގައި އަހަރަކަށް ދައުލަތުން 78 މިލިޔަން ރުފިޔާ!

27 ސެޕްޓެމްބަރ 2022 - 11:48

ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި މާލެއިން މިވަގުތު 138 ތަނެއް ސަރުކާރުން ކުއްޔަށް ހިފާފައި އެބަ ވެއެވެ. މާލޭގެ ކޮމާޝަލް ރޭޓުން އޮފީސް އިމާރާތްތައް ކުއްޔަށް ހިފާފައިވަނީ ބޮޑު އަގުގައި ކަމަށް 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފޮތުގައި ވެއެވެ. މިގޮތުން ކުއްޔަށް ހިފާފައިވާ ތަންތަނަށް ދައުލަތުގެ ބަޖެޓުން މިއަހަރު އެކަނި 77.7 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އެއީ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން އަށް ހިފާފައިވާ ތަންތަން ނުހިމަނައި، ހަމަ އެކަނި އޮފީސް އިމާރާތްތަކުގެ ކުއްޔެވެ.

ރާއްޖެތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގައި ވަޒީފާތައް އުފެއްދުމަކީ އެކަމަށް ގިނަ އަހަރުތަކެއް ބޭނުންވާނެ ކަމެކެވެ. އެފަދަ ވާހަކަތައް ހުރިހާ ސަރުކާރުތަކުން ދެއްކި ނަމަވެސް އަމަލީ ގޮތެއްގައި އެއިން ކަމެއް ހިންގައި، ބިޔަ އިގްތިސާދީ ޕްރޮޖެކްޓުތައް ރާއްޖެތެރޭގައި ހިންގާ ތަނެއް ނުފެނެއެވެ. ގިނަ އާމްދަނީ ވަދެ އިގްތިސާދީ ހަރަކާތްތައް ގިނަވާނެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ޕޯޓު ވެސް އަޅަން ނިންމާފައިވަނީ މާލޭ ސަރަހައްދު ހިއްކައިގެން އެތަނުގައެވެ. އެހެންކަމުން އަލަށް އުފެދޭ ވަޒީފާތައް އަދާ ކުރާ މީހުން ޖެހޭނީ މާލޭގައި ދިރިއުޅޭށެވެ. މާލޭގައި އޮތް ބޮޑު މަސައްކަތު އާބާދީން ބައެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިގެން ދާނެ އެއް ގޮތަކީ މިވަގުތު މާލޭގައި ހިންގަމުން އަންނަ ދައުލަތުގެ ބައެއް އޮފީސްތައް ރާއްޖެތެރެއަށް ބަދަލުކުރުމެވެ. މިސާލަކަށް، ފެނަކަ އަކީ މާލެ ފިޔަވައި އެހެން ހުރިހާ ހިސާބަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ދައުލަތުގެ ކުންފުންޏެކެވެ. މިތަން މާލޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިނޫނަސް މިފަދަ ގިނަ އޮފީސްތަކެއް މާލޭގައި މިވަގުތު އެބަހުއްޓެވެ. ހިދުމަތް ހޯދަން މާލެއަށް މީހުން ދާ ފަދައިން، ރަށްރަށަށް ނުދެވެންވީ ސަބަބެއް ނެތެވެ. އެހެން ކަމުން، ކޮންމެ ހިދުމަތެއް ދިން ކަމުގައި ވިޔަސް އެއްވެސް އޮފީހަކީ މާލެއިން ބޭރު ނުކުރެވޭނެ އޮފީހެއް ކަމުގައި ބެލެވެން ނެތެވެ.

advertisement

މިވަގުތު މާލޭގެ އޮފީސް ކުލީގެ ގޮތުގައި އަހަރަކަށް ހޭދަކުރާ 78 މިލިޔަން ރުފިޔާގެ ތެރެއިން ބޮޑު އިންސައްތައެއް ސަލާމަތްވެ، މަސައްކަތްތެރިންނަށް މާލެއިން ބޭރުގައި އާމްދަނީ ހޯދޭނެ ގޮތެއް އޭރުން ހަމަޖެހިގެން ދާނެއެވެ. މިކަމާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ އޮފީސްތައް ރަށްރަށަށް ބަދަލު ކުރުމަށް ތަރުހީބެއް ނުލިބުނު ކަމަށެވެ. ނަމަވެސް މިއީ ގަބޫލު ކުރަން ދަތި ވާހަކައެކެވެ. ސަބަބަކީ އަމިއްލަ ރަށުގައި، ގެއަށް ކުލި ދޭން ނުޖެހި، ވަޒީފާ އަދާ ކުރަން ބޭނުން ނުވާނެ މަސައްކަތްތެރިއެއް ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. ތަރުހީބު ނުދިން ނުވަތަ ރަށްރަށަށް ބަދަލުވާން ބޭނުނުން ނުވާ މަސައްކަތްތެރިން ތިބުމަކީ އޮފީސްތައް ބަދަލު ނުކުރެވޭނެ ސަބަބެއް ނޫނެވެ. އައްޑު އަތޮޅު، ކުޅުދުއްފުށި، ފުވައްމުލައް، ލާމު ފަދަ ބޮޑެތި ސަރަހައްދުތަކަކީ ވަޒީފާ އަދާކުރަން ބޭނުންވެފައި ތިބި ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދުތަކެއް ކަމުން، އޮފީސްތައް އެ ސަރަހައްދުތަކަށް ބަދަލުކޮށްފި ނަމަ ވަޒީފާ އަދާ ކުރާނެ މުވައްޒަފުން ނުލިބިއެއް ނުދާނެއެވެ. ވީމާ، އިހުލާސްތެރިކަމާއި އެކު މިކަން ކުރުމުގެ ނިޔަތެއް އޮތް ނަމަ މިއީ ބަހަނާއެއް ނެތި ސަރުކާރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ރައްޔިތުންގެ ފައިސާއިން އެތައް މިލިޔަން ރުފިޔާއެއް މާލޭގެ ގޭގެތަކަށް ކުލީގެ ގޮތުގައި ދިނުން ހުއްޓާލުމަކީ ދައުލަތަށް ލިބޭ ލުޔެކެވެ. އެފައިސާ އިން ބޭނުންތެރި އެތައް ކަމެއް ކުރެވެން އެބައޮތެވެ. ރާއްޖެތެރެއަށް ބަދަލުވާން ބޭނުން އެތައް މަސައްކަތްތެރިންނެއް އެބަތިއްބެވެ. މިއީ އެ އާއިލާތަކަށް އުފާވެރިކަމާއި ފާގަތިކަން ލިބޭނެ ކަމެކެވެ. ރަށްރަށުގެ އިގްތިސާދުވެސް ރަނގަޅުވާނެ ކަމެކެވެ.

އޮފީސްތައް މާލެއިން ބޭރު ނުކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ގިނައީ އެބައި މީހުންގެ އަމިއްލަ ގެތައް ސަރުކާރަށް ކުއްޔަށް ދީފައިވާ މީހުންނެވެ. މަދުބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދޭން ޖެހެނީ ގިނަ ރައްޔިތުންނަށާއި، ރައްޔިތުންގެ ބަޖެޓަށް ފަސޭހަ ގޮތް ހިޔާރުކުމަށެވެ.

ރިއެކްޝަންސް
1
0
1
1
0
0
2