މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
28 ސެޕްޓެމްބަރ 2022 - 16:26
އަމީނީ މަގުން ގަސް ކަނޑާތީ މަޖިލީހަށް ކުއްލި މައްސަލައެއް
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު އެ މަގުން ގަސް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މާދަމާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފިއެވެ
އަމީނީމަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.
އޭޝިއަން ކަޕް ކޮލިފައިންއަށް 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީއަށް ފުރައިފި
ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީއަރަބިއްޔާއަށް މިއަދު ފުރައިފިއެވެ.
އެ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގައެވެ.
ސަތާރަ އަހަރުން ދަށުގެ އޭފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ)އެވެ. އޭނާއާއެކު ކޯޗިން ސްޓާފުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުޙައްމަދު ހިމެނެއެވެ.
އެ މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅޭނީ ކުވައިތާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ވީއައިއޭގެ އާ ރަންވޭ އަންނަ މަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފަށަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ މަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ
ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭ ހަދަން ފެށީ 2017 ވަނަ އަހަރެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާލުކޮށްގެން ހެދި އާ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ރަންވޭއަކީ 34،000 މީޓަރު ދިގު ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ.
އާ އަހަރާ ދިމާކޮށް ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެ: މިނިސްޓަރު
އާ އަހަރާ ދިމާކޮށް، ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވަނީ މިފަހުން ވިދާޅުވެފައެވެ
ކޮވިޑް ވެކްސިން ގުދަންކުރަން އޭޑީބީން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޑީބީގެ ފަރާތުން ދިން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް މަންމޯހަން ޕްރަކާޝްއެވެ.