ފައިބަރު ބޯޓުތައް ނަގަން ބުނިތާ ދެ މަސްދުވަސްވީ، އަދިވެސް މިކަމެއް ނުހުއްޓުވޭ

3 އޮކްޓޯބަރ 2022 - 12:05

މާލޭގައި ބްރިޖް އެޅުމުގެ މަސައްކަތް ކުރާތީ ވިލިނގިލީ މޫދަށް އެރޭ ސަރަހައްދު ދޯނި އެހެލާ ދޯނިފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދިއުމާއި ގުޅިގެން ޖަމާއަތްތަކާއި އާންމުންގެ ކަންބޮޑުވުން ފާޅުކުރުމުން މާލެ ސިޓީ ކައުންސިލުން ވަނީ ޖުލައި މަސް ނިމުމުގެ ކުުރިން އެ މަސައްކަތްތައް ހުއްޓާ، އެ ސަރަހައްދު ހުސްކުރަން އަންގާފައި އެވެ. ނަމަވެސް ދެ މަސް ދުވަސް ފާއިތުވެގެން ދިޔައީ އެވެ. ބޯޓުތައް އަދިވެސް ހުރީ އެތާންގަ އެވެ.

މިކަމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާއަކީ “ސޭވް ދަ ބީޗް” އެވެ. ސޭވް ދަ ބީޗްއިން މި މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ފިތުރު އީދުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދިވެސް މިކަމަށް ހައްލެއް ނުލިބޭތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރުވެސް ވިލިނގިލީ ބީޗް ސަރަހައްދުގައި 25 އަކަށް 30 ހަކަށް ފަރާތުން ފައިބަރ މަސައްކަތް ކުރަމުންދާކަމަށް ސޭވް ދަ ބީޗްއިން ބުނެއެވެ.

މި މައްސަލައަށް ބަލަދު އަރާ އެތައް އިދާރާއެއް އެބައޮތް، އެންމެންވެސް ޒިންމާ ނަގަންޖެހޭ

ވިލިނގިލި ގޮނޑުދޮށުގައި ކުރެވޭ މި ނުރައްކާތެރި މަސައްކަތަކީ ދައުލަތުގެ އެކި އިދާރާތަކަށް ބަލަދު އަރާ މައްސަލައެކެވެ. އޭގެ ތެރޭގައި:

ޕްލޭނިންގ މިނިސްޓްރީ:

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ‘ލޭންޑް ޔޫޒް ޕްލޭން’ ރެގިޔުލޭޝަންގައިވާ ގޮތުގެ މަތިން ފައިބަރްގްލާސް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ބަންދުކުރެވިފާ ހުރި، ރަނގަޅަށް ވެންޓިލޭޓް ކުރެވިފައިވާ އަދި މީހުންދިރިއުޅޭ ނުވަތަ އެއްވެ އުޅޭ ސަރަހައްދުތަކާއި މަދުވެގެން 350 ފޫޓު ދުރުގައިވާ ތަންތަނުގައެވެ.

މާލެ ސިޓީ ކައުންސިލުން މި ސަރަހައްދު ހުސްކުރަން އަންގާފައިވީ ނަމަވެސް އަދި މި މަސައްކަތް އެތަނުގައި ކުރޭ| ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

ނަމަވެސް އެއާ ޚިލާފަށް މިބޯޓްޔާޑުގައި މަސައްކަތްކޮށްފައިވަނީ ބޭރުތެރެއަށް ފައިބަރު ދައުރުކުރާނެ ފަދަ ހުޅުވިފާ ހުންނަ ގޮތަކަށެވެ. އަދި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމާއި ނުރައްކާތެރި މެޓީރިއަލްތައް ނައްތާލުމުގެ އެއްވެސް އުސޫލެއް ނެތިއެވެ.

ހެލްތް މިނިސްޓްރީ:

ފައިބަރު މަސައްކަތުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ސީރިޔަސް އަދި ފުރާނައަށް ނުރައްކާވާފަދަ ހާލަތްތައް ކުރިމަތިވެދާނެއެވެ.

ބޯޓުޔާޑުތަކުގައި ބޭނުންކުރެވޭ ރެޒިންގެ ވިހަގަދަ އާވިތައް ހަށިގަނޑަށް އެތެރެވެއްޖެނަމަ ނޭވާލުމުގެ ނިޒާމަށް އަދި ހަޖަމްކުރުމުގެ ނިޒާމަށް އަސަރުކޮށް، މޭނުބައިކޮށް، ހޮޑުލަވާ، ވަރުބަލިވުންފަދަ ކަންކަން ދިމާވެ، އަޑުއިވުމާއި ނާރުތަކުގެ ބަލިތަށް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވެއެވެ.

އެހެލާފައި ހުރި ގިނަ ފައިބަރު ބޯޓުތަކުގައި ވަނީ ފެންހެދި، މަދިރި ފަނި އަޅާފައި | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

ވިލިމާލޭގެ އުތުރު ފަރާތުގެ ގޮނޑުދޮށަކީ އެތައް ބައެއް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާއިރު، މި މަސައްކަތްތައް އެ މީހުން ކުރަނީ އެއްވެސް ކަހަލަ ރައްކާތެރި ކަމުގެ ފިޔަވަޅެއް ނާޅަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ:

އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަޞީލަތްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ޤާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމެކެވެ.

އެގޮތުން ފައިބަރު މަސައްކަތުން އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލެވޭނެ ގޮތެއް ހެދުމާއި މިސައްކަތުންއުފެދޭ ކުނި މެނޭޖްކުރަން އިންތިޒާމްކުރުމަކީ އެންވަޔަރަމެންޓް މިނިސްޓްރީއަށް ލާޒިމް ކަމެކެވެ.

ވިލިނގިލި ގޮނޑުދޮށުގައި މި މަސައްކަތް ކުރަނީ އެއްވެސް ހަމައެއް ނެތި | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

އަދި ހަމަ އެހެންމެ، 304 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއް މިހާރު ކުރިއަށް ދާއިރު ފައިބަރު މަސައްކަތުން އުފެދޭ މި ވިހަގަދަ ކުނީގެ މައްސަލަ އެ މަޝްރޫޢުގައި ހިމަނަންޖެހޭނެ އެވެ.

މާލެ ސިޓީ ކައުންސިލް:

ވިލިނގިލި ބީޗްގައި މި ހިންގާ ފައިބަރު މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ކަމެކެވެ. މާލޭ ސިޓީ ކައުންސިލްއަކީ އިންތިހާބީ ގޮތުން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ހޮވާފައިވާ ބައެއްކަމުން، މިކަން ނުހުއްޓުވުން، ލާމަރުކަޒީ އުސޫލުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންގެ އަޑުއަހައި އެ މީހުންގެ ހައްގަށް ވަކާލާތުކުރުމަށް ހޮވާފައިވާ މީހުންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

މި ހުރިހާ އިދާރާތަކަށްވެސް ފައިބަރު މަސައްކަތް ނުހުއްޓުވި ވިލިނގިލި ރައްޔިތުންނާއި އެ ގޮނޑުދޮށް ބޭނުންކުރާ މީހުންގެ ރައްކާތެރިކަން ނުބެލެއްޓުމަކީ ލަދުގަންނަން ޖެހޭ، އަދި އެކަމަށް ޖަވާބުދާރީވާން ޖެހޭކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
1
2