ދިވެހި ފަތުރުވެރިކަން ވަރުގަދަ ވެގެން ދިޔައީ ޕްރައިވެޓް ސެކްޓަރައް ދޫކޮށްލާފައި އޮތުމުން
4 އޮކްޓޯބަރ 2022 - 10:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރުނބާ މޯލްޑިވްސްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ދެއްކެވިވާހަކަފުޅުގެ ތެރެއިން ސަރުކާރުގެ ދައުރަކީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅިފައިވާ ސަރުކާރެކެވެ.
ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި، ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޙަފްލާގައި ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން ފެންނަ އެއްކަމަކީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީކުރުމުގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާއި، ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ގޮތް ފާޑު ނުކިޔައި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާކަމުގައެވެ.
މި ޙަފްލާގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިތްވަރާ، އަޒުމާއި، ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް ބުންވަރު ހުރެއްޖެ ނަމަ ބަޔަކު ދުވަހަކު ޚިޔާލަށް ނުގެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ފަތުރުވެރިކަން އުފަން ކުރެއްވުމުގައި، އަދި ފަތުރުވެރިކަން ތަރައްޤީކުރެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން މިއަދު ރާއްޖެ ފޯރާފައިވާ އައްސޭރިއަށް، މި ޤައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެދުވަހު ކެރިވަޑައިގެން އެބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލެއްވުމުން ކަމަށެވެ.
ހަމަ އެއާއެކު އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ.
އަދި އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި، ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވެވިއެވެ.