ރިޕޯޓު: ސަރުކާރުގެ ލޯޑް ކުޑަކުރަން ބައެއް އެސްއޯއީތައް އުވާލަންޖެހޭ!

5 އޮކްޓޯބަރ 2022 - 15:53

ބޭރުގެ ބޮޑެތި ބައެއް އިގްތިސޯދުތަކުގެ ބިޔަ އިންޑަސްޓްރީތަކުގައި ސަރުކާރުގެ ކުންފުނިތައް ހަރަކާތްތެރިވެއެވެ. މިސާލަކަށް ތެލާއި މައުދަނުގެ ވިޔަފާރި އާއި ބޭންކިން އާއި މި ނޫން ވެސް ވަރުގަދަ އެތައް އިންޑަސްޓްރީތަކެއްގައި ސަރުކާރުގެ ކުންފުނިތައް ހަރަކާތްތެރިވެއެވެ. މައިގަނޑު މަގުސަދަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދުމެއް ނޫނެވެ.

އޭގެ ބަދަލުގައި ހަކަތައިގެ ޔަގީންކަން ކަށަވަރުކުރުމާއި އާންމު ހިދުމަތްތަކަށް ބުރޫނާރައި، ރަތްޔިތުންނަށް ހިދުމަތްކުރެވޭނެ މަގު ތަނަވަސްކުރުމަކީ އެފަދަ ކުންފުނިތައް އޮޕަރޭޓްކުރުމުގެ ވަރަށް މުހިންމު މަގުސަދެކެވެ.

advertisement

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ސްޓެލްކޯ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ހަކަތައިގެ ޔަގީންކަން އިތުރުކުރުމެވެ. އެސްޓީއޯގެ ސަބަބުން ކާބޯތަކެތީގެ ޔަގީންކަން އިތުރުކޮށްދެއެވެ. މިހެން ގޮސް ވަޔާއި ކަނޑާއި އެއްގަމުގެ ދަތުރުފަތުރާއި މިފަދަ އެތައް ކަންކަމެއްގެ ޔަގީންކަން ކަށަވަރުވާ މައިގަނޑު ސަބަބަކީ ސަރުކާރުގެ ކުންފުނިތަކެވެ.

މިފަދަ ބައެއް މުހިންމު ކުންފުނިތަކަކީ ފައިދާއެއް ނުވި ނަމަވެސް ސަަރުކާރުގެ ސަބްސިޑީއާ އެކު ކޮންމެހެން ހިންގަންޖެހޭ ކުންފުނިތަކެވެ. ނަމަވެސް މިއާ ހިލާފަށް ވެސް ކުންފުނިތަކެއް އެބަ ހުއްޓެވެ. ދައުލަތުގެ މަގުސަދު ވެސް ހާސިލްނުކުރެވޭ އަދި ގެއްލުން ބޮޑު ކުންފުނިތަކެއް ވެސް އެބަހުއްޓެވެ. މިފަދަ ކުންފުނިތައް ދެމެހެއްޓުމުގެ މައިގަނޑު މަގުސަދު ގޮސް ގުޅެނީ ސިޔާސީ ބޭނުމަކާއެވެ. ނަމަވެސް މި ކުންފުނިތަކުގެ ސަބަބުން ދައުލަތަށް އޮތް ހިރާސާ އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ.

ސިޔާސީ ބޭނުމަށް ސަބްސިޑީދީގެންނާއި ލޯނު ނަގައިގެން ހިންގާ ކުންފުނިތަކުގެ ވާހަކަ

ވާލްޑް ބޭންކުން ނެރުނު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ބުނެފައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި 2.5 ބިލިއަން ޑޮލަރު (38.5 ބިލިއަން ރުފިޔާ) އަށް އަރައެވެ. މިފަދަ ކުންފުނިތައް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ދޭ ލޯނާއި ސަބްސިޑީ އަދި އެ ނޫން ވެސް މާލީ އެހީތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޮތް ރިސްކް ވަރަށް ބޮޑު ކަމަށް ވާލްޑް ބޭންކުން ބުނެފައި ވެއެވެ.

ދައުލަތުގެ ބައެއް ކުންފުނިތަކުގެ ސަބަބުން ސަރުކާރަށް ގިނަ ފައިދާތަކެއް ވެސް ކުރެއެވެ. އެ ގޮތުން އެމްޓީސީސީ ފަދަ ކުންފުނިތަކަކީ ސަރުކާރުގެ ޕީއެސްޕީއައި ނުވަތަ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި ނުހަނު މުހިންމު ބައިވެރިއެކެވެ. އަދި އެ ކުންފުނީގެ ސަބަބުން ސަރުކާރުގެ ގިނަ މަޝްރޫއުތަކެއްގެ ސްޕީޑް އަވަސްވެފައިވެއެވެ.

އެހެން ނަމަވެސް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސީ މަގުސަދުތައް ހާސިލްކުރުމުގައި ވެސް މިފަދަ ބޮޑެތި ކުންފުނިތަކުގެ ބޭނުން ސަރުކާރުން ދަނީ ކުރަމުންނެވެ. އެހެންކަމުން ކިތަންމެ ގިނަ އަދި ބޮޑު ލޯނެއް ނަގައިގެން ވެސް މިފަދަ ކުންފުނިތައް ދެމެހެއްޓުން ނޫން ގޮތެއް ސަރުކާރަކަށް ނެތެވެ. ވާލްޑް ބޭންކްގެ ރިޕޯޓްގައި ވެސް އެކަންކަން ފާހަގަކޮށްފައި ވެއެވެ.

ރިވިއު ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މަޝްރޫއުތައް ހިންގުމަށް ދައުލަތް ޒިންމާވާ ގޮތަށް އެތައް ލޯނެއް ވަނީ ނަގާފައެވެ. އެ ގޮތުން 2020 ވަނަ އަހަރު ނިމުނު އިރު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދައުލަތް ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނުގެ ޖުމްލަ 1.3 ބިލިއަން ޑޮލަރު 20 ބިލިއަން ޑޮލަރު) އަށް އަރައެވެ. އެއީ އޭރުގެ ޖީޑީޕީގެ 35 ޕަސެންޓެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓްގައިވާ ގޮތުން ދައުލަތުން އެންމެ ބޮޑު އެހީއެއް ވަނީ ހަކަތަ އާއި އަސާސީ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށެވެ. އެ ގޮތުން 2018-2021ގައި ތެލާއި ކާޑުގެ ބާވަތްތަކުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކަށް އަހަރަކު 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ސަރުކާރުން ދީފައި ވެއެވެ. ފާއިތުވި ފަސް އަހަރު ދުވަހަށް ބަލާއިރު މި އަދަދުތައް ވެސް ވަނީ އަހަރުން އަހަރަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެ އަދަދު ވަނީ 139 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް އަރާފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާއެއް ނެރެނީ މަދު ކުންފުނިތަކެއް

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަކީ ފައިދާ އަށް ވުރެ ބޮޑަށް އެހެން ބޭނުންތަކުގައި އުފައްދާފައިވާ ކުންފުނިތަކެވެ. ފައިދާ ނެރޭ މަދު ކުންފުނިތައް ވެސް ދެމި އޮތުމުގެ މައިގަނޑު އަސްލަކީ ސަރުކާރުގެ ބަޖެޓުން އެ ކުންފުނިތަކަށް ކުރާ ހޭދައެވެ. ނުވަތަ ސަރުކާރާއި އެ ކުންފުނިތަކާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކެވެ.

މިސާލަކަށް ބުނާ ނަމަ އެމްޓީސީސީ އަށް ފައިދާ ނެރެވުނަސް އެ ކުންފުނީގެ އާމްދަނީގެ ބޮޑު ބަޔަކީ ދައުލަތުގެ ބަޖެޓުން އެކި މަޝްރޫއުތަކަށް ހިންގުމަށް ކުރާ ހޭދައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވެން މަސް ވެނަށް ކާންދެނީއެވެ. ވާލްޑް ބޭންކްގެ ރިޕޯޓްގައި ހުރި ތަފާސް ހިސާބުތަކުން އެކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނެރޭ މަދު ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތައް ހިމެނެއެވެ. އެހެންނަމަވެސް މިފަދަ ކުންފުނިތަކުގެ ފައިދާގެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުގެ ސަބްސިޑީއެވެ.

އެގޮތުން 2020 ވަނަ އަހަރު ދައުލަތުގެ މާލިއްޔަތުން 20 ކުންފުންޏަކަށް 275 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ)  ދޫކޮށްފައިވާ ކަމަށް ވާލްޑް ބޭންކްގެ ރިވިއުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ކުންފުނިތަކުގެ ސާފު ފައިދާގެ 81 ޕަސެންޓް ނުވަތަ 224 މިލިއަން ޑޮލަރު  (3.4 ބިލިއަން ރުފިޔާ)އަކީ ސަރުކާރުގެ ސަބްސިޑީއެވެ.

ސަރުކާރުގެ ކުންފުނިތައް ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާއިރު ދައުލަތަށް އާމްދަނީއެއް ލިބެނީ މީގެ ތެރެއިން މަދު ކުންފުންޏަކުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނީގެ ތެރެއިން ސަރުކާރަށް ޑިވިޑެންޓް ދައްކަނީ ހަ ކުންފުންޏަކުންނެވެ. އަދި އޭގެ ތެރެއިން ވެސް ބޮޑު ޑިވިޑެންޓެއް ދައްކަނީ ސަރުކާރުގެ މައިނޯރިޓީ ހިއްސާ އޮންނަ ދިރާގުން ކަމަށް ވާލްޑް ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ބޮޑު ޑިވިޑެންޓެއް ލިބެމުން އައީ އެސްޓީއޯ އިންނެވެ. އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގައި އެސްޓީއޯ އިން ދައުލަތަށް ދައްކާ ޑިވިޑެންޓްގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. އެ ގޮތުން 2010-2012 ވަނަ އަހަރު އެސްޓީއޯގެ ޑިވިޑެންޓް 1.8 ޕަސެންޓްގައި ހުރި ނަމަވެސް ފާއިތުވި އަށް އަހަރުގެ ތެރޭގައި އެ ނިސްބަތް ވަނީ 0.8 ޕަސެންޓަށް ދަށްވެފައެވެ.

ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭނެ ތަ؟

މި ހިސާބުތަކުގެ އަލީގައި ވާލްޑް ބޭންކުން ވަނީ ސަރުކާރަށް ލަފާތަކެއް ދީފައެވެ. މިއީ މީގެ ކުރިން ވެސް ދައްކަމުން އައި ވާހަކައެކެވެ. އަދި މާލީ އިދާރާތަކުން އަބަދު ވެސް ސަރުކާރަށް ދެމުން އައި ލަފައެކެވެ.

ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކޮށް، ގެއްލުންވާ ކުންފުނިތައް އުވާލުމާއި ޕްރައިވަޓައިޒްކުރުމަށެވެ. އަދި ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަގުސަދުގައި ދަމަހައްޓަމުން އަންނަ ކުންފުނިތައް ވަކިކޮށް ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތަކަށް ސަބްސިޑީ ދިނުމުގައި މެނޭޖްމަންޓް ޕާފޯމަންސް އަށް ބެލުމަށް ވާލްޑް ބޭންކް އިން ލަފާދީފައި ވެއެވެ. މީގެ އިތުރުން އެފަދަ ކުންފުނިތަކުގެ ހިއްސާ ވެސް ޕްރައިވަޓައިޒްކުރުމަށް އެ ރިވިއުގައި ލަފާ ދިފައި ވެއެވެ.

ސަރުކާރުގެ ބަޖެޓަށް ބާރު ކުޑަކުރުމަށާއި ހިރާސް ނައްތާލުމަށް ބައިނަލްއަގުވާމީ މިފަދަ މާލީ އިދާރާތަކުގެ ބަސް އަހަންޖެހެއެވެ. ސިޔާސީ މަގުސަދުތައ ހާސިލްކުރުމަށް ދަމަހައްޓަމުން އަންނަ ބައެއް ކުންފުނިތައް އުވާލަން ޖެހެއެވެ. ނުވަތަ އަމިއްލަ ވިޔަފާރިތަކަށް އެ ފުރުސަތުތައް ދިނުމަށް ޕްރައިވަޓައިޒްކުރަންޖެހެއެވެ.

މޯލްޑްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ސްޕޯޓްސް ކޯޕަރޭޝަން ފަދަ ކުންފުނިތަކަކީ އޭގެ މިސާލެކެވެ. މިފަދަ އެތައް ކުންފުންޏެއް އެބަހުއްޓެވެ. އެތަންތަނުން ކުރާ ކަމެއް ފެންނަން ނެތް އިރު ކުންފުނި ހިންގުމަށްޓަކައި އެތައް ހަރަދެއް އެބަދެއެވެ. މިފަދަ ބައެއް ކުންފުނިތައް ދެމެހެއްޓުމުގެ ފަހަތުގައި ވަނީ ސިޔާސީ ސަބަބުތަކެވެ.

ކޯލީޝަނެއްގެ ތެރެއިން އުފެދުނު ސަރުކާރަކަށްވާތީ ޕާޓީތަކަށް ބައި އެޅުމުގެ ގޮތުން މި ފަދަ ކުންފުނިތަކުގެ ވެރިން ވަނީ ކޯލީޝަން ޕާޓީތަކުގެ މެދުގައި ބެހިގެން ގޮސްފައެވެ. އެހެންކަމުން އެފަދަ ކުންފުނިތައް އުވާލުމަކީ ކޯލީޝަން އުވާލުން ފަދަ ކަމެކެވެ. ނަމަވެސް އެ ސަބަބަށްޓަކައި އެފަދަ ބޮޑު ގެއްލުމެއް ސަރުކާރުގެ ބޮލުގައި އަޅައިގެން ތިބެންވީ ހެއްޔެވެ؟ ސަރުކާރުގެ ލޯޑް ކުޑަކުރެވޭނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
1
0
1
0