ރިޕޯޓު: ރަލާއި، އޫރުމަހާއި، ކެސީނޯ — ރޮނގު ދަމަންވީ ކިހާ ހިސާބަކުން؟
9 އޮކްޓޯބަރ 2022 - 16:47
ދިވެހިރާއްޖޭގެ އިޤްތިސާދުގެ ބޮޑު ބަޔަކީ އަދި އާބާދީގެ ބޮޑު ބައެއް ކައިބޮއި ހަދަނީ ޓޫރިޒަމްގެ ހިމެނޭގޮތަށް ބަނގުރަލާއި އޫރުމަސްވެސް ވިއްކައިގެން ލިބޭ އާމްދަނީންނެވެ. ރިސޯޓްތަކާއި ސަފާރީ ފަދަ އުޅަނދުތަކުގެ ވިޔަފާރީގައި ބަނގުރަލާއި އޫރުމަހުގެ ހިއްސާ ބޮޑެވެ.
އެ ތަންތަނުން ލިބޭ އާމްދަނީން ބޮޑު ބައެއް ދައުލަތުގެ ބަޖެޓަށް ވެސް ވަދެއެވެ. ސަރުކާރުގެ ވައުދުތަކާއި އާންމު ފަރުދުންނަށް ފޯރުކޮށްދޭ ތަފާތު ސަބްސިޑީތަކާއި ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ބޭނުންކުރާ ދައުލަތުގެ ބަޖެޓުގެ ބޮޑު ބަޔަކީ ވެސް އެ ރިސޯޓްކާއި ސަފާރީތަކުން ލިބޭ އާމްދަނީއެވެ. މިކަންމިއީ މައްސަލައެއް އޮތްކަމަށް ގިނަބަޔަކު ނުދެކި އެއީ އެކަން އޮތްގޮތް ކަމަށް ތިބީ ގަބޫލުކޮށްގެންނެވެ.
ބަނގުރަލާއި އޫރު މަސް ވިއްކުމަށް ހުރަހެއް ނެތް އިރު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ކެސީނޯ ފަދަ ހިދުމަތެއް ދިނުމާ މެދު ދާދި ފަހަކުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. މުޅި ދުނިޔޭގެ ޓޫރިޒަމަށް ބަލާއިރު ކެސީނޯއަކީ ޓުއަރިޒަމްގެ ބޮޑު އަދި ބޭރުގެ ގައުމުތަކުގައި ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ. ގަވާއިދުތަކާއި އެއްގޮތަށް މެލޭޝިއާ ފަދަ އިސްލާމީ ޤައުމުތަކުން ކުރަމުން އަންނަ ވިޔަފާރިއެކެވެ.
މަހުލޫފް މިވާހަކަ ދެއްކުމުން ސޯޝަލް މީޑިއާ ހޫނުވުން
ދާދިފަހަކުން މަޖިލީހުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ޓުއަރިސްޓުންނަށް ހާއްސަކޮށްގެން ކެސީނޯ ފަދަ ހިދުމަތްތައް ތައާރަފްކުރުމާމެދު މަޝްވަރާކުރެވެމުން މިކަމާ ހިޔާލު ތަފާތުންވަނީ އުފެދިފައެވެ. ކެސީނޯގެ ބަހުސް މީގެ ކުރިން ވެސް ކުރިއެވެ. އަލުން މި ވާހަކަ މާބޮޑަށް ހޫނުވެގެން އުޅެނީ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަންގާރަ ދުވަހު ކުރެއްވި ސުވާލަކަށް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް ދެއްވި ޖަވާބަކާ ގުޅިގެންނެވެ.
Youth Minister Mahloof has today said at the parliament that we should be able to discuss topics such as casinos and yoga. He said this answering a question by MP Jabir about casino permits. pic.twitter.com/2LeDbGfVAn— MV+ (@mvplusmedia) October 4, 2022
”ކެސީނޯއޭ ބުންޏަސް އެ ވާހަކަ ފެށިޔަސް ގޯސްވީ. ހަމަ ޙަޤީޤަތަށް މި ދެންނެވީ އެ ނަން ކިޔަސް ވެސް ގޯސްވާ ހިސާބަށް. އެހެންވީމަ އުޅެންޖެހެނީ ބޮޑު ބިރުވެރިކަމެއްގައި. މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އެ އޮންނަ ކަމަކަށްނުވޭ.. ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް މި ހަރާމޭ، އެ ކަމެއް ނުކުރެވޭނޭ،” ކެސިނޯ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވިއެވެ.
އެ ވާހަކަތައް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން މަހްލޫފް ވަނީ ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަތައް ތަފްސީލްކޮށްދެއްވާފައެވެ.”ދައްކާވާހަކައިގެ އަސްލު އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރާކަމީ ވަރަށް ދެރަކަމެއް،ހާއްސަކޮށް ދީނާގުޅޭ ކަންކަމުގަ. ޖުމްލަ ގޮތެއްގައި އަޅުގަނޑު މިއަދުވެސް ދެންނެވީ މިހެން ހުރި ކަންކަމުގަ މަޝްވަރާކުރެވެން ވާނެކަމަށް. ކެސިނޯ އަކީ މުސްލިމުންނަށް ހުއްދަކަމެކޭ ނުބުނަން،” މަހްލޫފް ވިދާޅުވެފައި ވެއެވެ.
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން.އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް.
އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދެން.— Ahmed Mahloof (@AhmedMahloof) October 5, 2022
ގިނަ ބަޔަކު އެ ވާހަކަތަކަށް ފާޑުކިޔާތީ މަހްލޫފް ވަނީ ދެއްކެވި ވާހަކަ ބަޔަކަށް އޮޅުން އަރާ ނަމަ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.”އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން.އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް. އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށް އެދި އެކަން ޔަގީންކޮށްދެން،” މަހްލޫފް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވެއެވެ.
ސަލަފު ޖަމާއަތުން ދިން ރައްދު
މަޖިލީހުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ދީނީ އެކި ފިކުރުތަކުގެ ޖަމިއްޔާތަކުން ވަރުގަދަ އިންޒާރުތަކެއް ވެސް ވަނީ ދީފައެވެ. ”ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީވަކިވަރަކަށް. ހެޔޮ ޤާނޫނުތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރަން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރޭ. އެހާރުން ޤާނޫނު ތަންފީޒުކުރަން ނިކުންނާނީ ރައްޔިތުން،“ ސަލަފު ޖަމާއަތުގެ އިސްވެރިޔަކު ކުރެއްވި ޓްވީޓެއްގައި ލިޔެފައި އޮތެވެ.
ޖުވާ ކުޅުން ހުއްދަ ކަމަކަށް މަހްލޫފް ވެސް ވިދާޅެއް ނުވެއެވެ. އަދި ދިވެހިންނަށް ނުވަތަ މުސްލިމުންނަށް ޖުވާ ކުޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ބުނެ ބަޔަކު ވާހަކަ ދައްކާފައެއް ވެސް ނުވެއެވެ. ބަހުސްކުރެވެނީ އަދި ސުވާލުކުރެވެނީ ވެސް ރިސޯޓްތަކުގައި ޓުއަރިސްޓުންނަށް ދޭ ހިދުމަތެއްގެ ގޮތުގައި ނުވަތަ ޓުއަރިސްޓުންނަށް ހާއްސަ ކެސީނޯ ހެދުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުންނެވެ.
2- ފައި ނުނެގުމަށް އިލްތިމާސްކުރަމެވެ!ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީވަކިވަރަކަށެވެ. ހެޔޮޤާނޫނުތަކުގެބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރާށެވެ.އެހާރުން ޤާނޫނު ތަންފީޒްކުރަން ނިކުންނާނީ ރައްޔިތުންނެވެ!— Abdullah bin janaab (@binjanaab) October 4, 2022
އެއްބަޔަކު ދެކޭގޮތުގައި ޓޫރިސްޓުންނަށް ހާޢްސަކޮށްގެން ކެސީނޯ އަށް ހާއްސަ ރަށްތަކެއް ތަރައްގީކުރުމަކުން އޮތީ ކޮން މައްސަލައެއްނެތެވެ. ހަލާލް ޓުއަރިޒަމާއި މެޑިކަލް ޓުއަރިޒަމް އަދި އާސާރީ ތަންތަނާއި ސަގާފަތަކީ ވެސް ޓުއަރިޒަމްގެ ގޮތުގައި ވަރަށް ގިނަ ގައުމުތަކުން ޕްރޮމޯޓްކުރާ ކަންކަމެވެ.
އެއާޕޯޓްތައް ތަރައްގީކޮށް ރާއްޖެ އަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު އިތުރުކުރަން މަސައްކަތްކުރާ އިރު މިހާރު އޮތް ގޮތަށް ހަމައެކަނި ގޮނޑުދޮށްތަކާއި މޫދު ވިއްކައިގެން ވާކަށް ނެތްކަމަށް ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުން އަންނަނީ ހާމަކުރަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިފަދަ ބައެއް އެހެން މައްސަލަތަކެކޭ އެއްގޮތަށް ކެސީނޯއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުގެ ވެސް އޮތީ ސިޔާސީ މަގުސަދެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ބަނގުރަލާއި އޫރުމަހާއި އެކު މިހާރު ވެސް ރިސޯޓްތައް ހިންގަމުން އަންނަތާ 50 އަހަރުވެފައިވާ އިރު، ޓޫރިސްޓުންނަށް އެކަނި ހިދުމަތް ދިނުމަށް މިފަދަ ކަންކަން ތައާރަފުކުރުން މާބޮޑު ތަފާތެއް ނެތްކަމަށް ޓޫރިޒަމްގެ ތަޖުރިބާކާރުން ދެކެއެވެ