ކުއްޔަށް އުޅޭ މީހުންނަށް ކަރަންޓާއި ފެނަށް ވަކިން ބިލު ކުރެވޭ ގޮތާއި ޖޫރިމަނާ ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި
18 އޮކްޓޯބަރ 2022 - 13:10
ފެނާއި ކަރަންޓް ފަދަ މީޓަރު ބަހައްޓައިގެން ކުންފުނިތަކުން ދޭ ހިދުމަތްތަކަށް ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ބިލު ނުދެއްކުމުން ހިދުމަތް ކަނޑާލަންޖެހޭ ގޮތްތައް ހިމެނޭ ގަވާއިދެއް ހަދަން ލާޒިމުކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލުގެ މަގްސަދަކީ އާންމު ބޭނުންތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ބިލު ދެއްކުމުގައި ދިމާވާ ގޮންޖެހުންތަކަށް ލުއިތަކެއް ހޯދައި ދިނުމެވެ. އަދި އެ ހިދުމަތްތަކަށް ބިލު ކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ހައްލު ކުރުމާއި ބިލިން ސައިކަލް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި ބިލަށް ފައިސާ ދެއްކުމަށް މަދުވެގެން ދޭންޖެހޭނެ މުއްދަތެއް ކަނޑައެޅުމާބެހޭ އުސޫލުތަކަށް ގާއިމުކުރުންވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތަކާބެހޭ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާބެހޭ އުސޫލުތަކާއި އެނޫންވެސް އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން އެއް ހަމައަކުން އަމަލު ކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލުމަށް މަގުފަހިކުރުންވެސް މި އިސްލާހު ގެންނަ ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ޔުޓިލިޓި ރެގިއުލޭޓަރީ އޮތޯރިޓީން އެކުލަވާލަންވާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވާ މި ގަވާއިދުގައި ހިމަނަންޖެހޭ ކަންތައްތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
މި ގާނޫނުގެ އެއްވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާނެ ކަމަށްވެސް ބުނެފައިވެއެވެ.