ރިޕޯޓް: ޗާގޮސް ޖަޒީރާގެ ވާހަކަ އަސްލު ސީދާ އޮތްގޮތަށް
1 ނޮވެމްބަރ 2022 - 14:26
ޗާގޮސްގެ ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަމާ މެދު ހޫނު ބަހުސްތަކެއް އެބަކުރެވެއެވެ. މި ބަހުސްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކުން ތަނެއް ދޮރެއް ބަލާ ނުލައި ނުވަތަ ތާރީހު އޮތް ގޮތް ބަލާ ވެސް ނުލައި ދުލަށް އައިހާ ވާހަކައެއް ދައްކަނީއެވެ.
އެއީ ދިވެހިންގެ ތަނެކޭ ވެސް އެބަ ބުނެއެވެ. އެންމެ އިންޗިއެއް ވެސް އެހެން ބަޔަކަށް ދިނުމަށް ނޭދޭ ކަމަށް ބުނެއެވެ. އިދިކޮޅު ވެސް ބުނަނީ އެހެންނެވެ. ސަރުކާރުން ވެސް އަޑަށް ބާރުލާފައި ބުނަނީ ހަމަ އެ ވާހަކައެވެ. ދިވެހި ސަރުކާރުގެ ހިލާފު އޮތީ ޗާގޮސްގެ މިލްކުވެރިކަމާ މެދުގައެއް ނޫނެވެ. ސަރަހައްދީ ރޮނގު ދަމާލާނެ ހިސާބަކާ މެދުގައެވެ.
ޗާގޮސް އައިލެންޑްސް އަށް އިނގިރޭސި ވެރިވެގަނެ އެތަނުގެ ރަށްތައް ބެލެހެއްޓުން މޮރިޝަސްއާ ހަވާލުކުރިއެވެ. އޭރު ވެސް އެ ތަނުގައި މީހުން ދިރިއުޅޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އެތަނުގެ އަސްލު ވަޒަންވެރިންގެ ބަހުން ނަމަ 200 ވަރަކަށް އަހަރު ވެދާނެއެވެ. އައްޑޫ ގަމުން އިނގެރޭސިން ފައިބައިގެން ދިޔައީ ކުޑަ ތަންކޮޅެއް ތިރިއަށް ޗާގޮސް ޖަޒީރާގައި، އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި ނިންމައި ގަދަކަމުން އެތަނުގެ ވަޒަންވެރިން ބޭލުވުމަށް ފަހުއެވެ.
ބައެއް މީހުން މޮރިޝަސްއަށެވެ. އަނެއް ބަޔަކު ސީޝަލްސްއަށެވެ. އެއްބަޔަކު އިނގިރޭސި ވިލާތަށް ވެސް ގެންދިޔައެވެ. މިކަމަކީ ދިވެހި ދައުލަތުގެ ވެސް ރުހުން ލިބި، އެކަމަށް ދެކޮޅު ނުހަދަން އެއްބަސްވެ، އިނގެރޭސިންނަށް ދިން ސިޔާސީ ހަދިޔާއެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެވެއެވެ.
ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ވަނީ ނިންމާފައެވެ. އދ. ގައި ނެގި ވޯޓަކުން ބޮޑު އަގުލަބިއްޔަތަކުން އެ ތަން މޮރިޝަސްއާ ހަވާލުކުރަން ގޮވާލިއެވެ. އެ ވޯޓުގެ އަސްލަކަށްވީ އިސްތިއުމާރީ ބާރުތަކާ ދެކޮޅު ހެދުމެވެ. އެހާ ބޮޑު އަގުލަބިއްޔަތެއް ލިބުނީ ވެސް އިސްތިއުމާރުކުރުމަކީ މި ޒަމާނުގައި އެއްވެސް ގައުމަކުން ތާއީދުކުރާ ކަމަކަށް ނުވުމުންނެވެ.
ޗާގޯސްއަކީ އެއްއިރެއްގައިވެސް ދިވެހިން އުޅުނު ތަނެއް ނޫން
ތާރީހީ ލިޔުންތަކުގައި ޗާގޮސް އަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ފެންނާކަށް ނެތެވެ. އެހެނެއް ނޫނެވެ. ދިވެހި ރާއްޖެއާ ވަރަށް ކައިރީގައި އޮތް ތަނަކަށްވާތީ ދެކުނު އަތޮޅުތަކުގެ މީހުން ޒަމާނުއްސުރެ މަހަށް ނުކުމެ އެ ޖަޒީރާގެ ތެރޭގައި ހިމެނޭ ބައެއް ރަށްތަކަށް ފައިބައި އުޅުނު ކަމަށް ބުނެވެއެވެ.
އެހެން ނަމަވެސް އެއްވެސް އިރެއްގައި އެ ތަނުގައި ދިވެހިން ވަޒަންވެރިވެގެން ނުވަތަ އެއީ ދިވެހިންގެ ރަށްތަކެއްގެ ގޮތުގައި ބަލައިގެން އުޅުނު ޒަމާނެއް އޮތް ކަމަކަށް ފެންނާކަށް ނެތެވެ. އެއީ ދިވެހިންގެ ތަނެކޭ އެ ތަން ދިވެހިންނަށް ލިބެންޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކާ ނަމަ އެ ކަމަށް ބާރުދޭނެ ހެކިތަކެއް ވެސް ދެއްކެން ޖެހޭނެއެވެ.
ފޯޅަވައްސަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ވަކާލާތުކުރާ ފަރާތްތަކުން ވެސް އެ ތަނުގެ ރައްޔިތުންތަކީ ދިވެހިންގެ ގޮތުގައި ހަދާ ވާހަކައެއް ނުދައްކައެވެ. ތާރީހީ ލިޔުންތަކަށް އަލިއަޅުވާއްލައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާންމުކުރެއްވި މަޒުމޫނެއްގައި ވެސް މުޅި ޗާގޮސްގެ ޖަޒީރާ ރަށްތަކަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ބެލެނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފައި ވެއެވެ.
pic.twitter.com/c0TSbudMhD— Mohamed Nasheed (@MohamedNasheed) October 29, 2022
ނަމަވެސް ބައެއް ލިޔެކިޔުންތަކުން ފޯޅަވަހީގެ ހަތް ރަށެއް ދިވެހިންގެ ބެލުމުގެ ދަށުގައި އޮތް ކަމަށް 1560 ވަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ސިޓީފުޅެއްގައި ވާ ކަމަށް ރައީސް ނަޝީދުގެ މަޒްމޫނުގައި ވެއެވެ.
ރައީސް ނަޝީދުގެ މަޒުމޫނުގައިވާ ގޮތުން އެމެރިކާގެ އަސްކަރީ މަރުކަޒު ހެދުމަށް މީހުން ހުސްކުރީ ޑިއޭގޯ ގާސިއާއިންނެވެ. ފޯޅަވައްސަކުން ނޫނެވެ. އެހެންކަމުން އިނގިރޭސިންގެ އިސްތިއުމާރުން ފޯޅަވަހި ދޫކޮށްލާ ނަމަ އެ ތަނުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ ލިބެންޖެހެނީ އެ ތަނުގެ އަސްލު ވަޒަންވެރިންނަށެވެ. އެ ތަނުގައި މީހުން ދިރި ނޫޅޭތީ އެތަނުގެ މިލްކުވެރިކަން ރާއްޖެ އަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދުގެ ލިޔުއްވުމުގައި އިޝާރާތްކުރައްވާފައި ވެއެވެ.
އެ ގޮތުން ލިޔުއްވާފައި ވަނީ އިނގިރޭސި ދައުލަތުން ޗާގޮސް ރިޖްގެ ރަށްތަކުން ފައިބާއިރު ޑިއެގޯ ގާސިއާ އާއި އަދި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ހައްގީ ދިވެހިންނަށް ކަމަށެވެ. އަދި މޮރިޝަސްއާ އަބަދު ވެސް ދެކެވުނު ވާހަކަތަކަކީ ޗާގޮސް ރަށްތައް ބަހާ ވާހަކަ ކަމަށެވެ.
ސަރުކާރުން ގެންގުޅުނު ސްޓޭންޑް ބަދަލުވުން: އަސްލު ވީ ގޮތް
މި މައްސަލަ އެހާ ބޮޑު ކަމަށް ވެގެން އުޅެނީ މީގެ ކުރިން ސަރުކާރުން ގެންގުޅުނު ސްޓޭންޑް ބަދަލުވުމާ ގުޅިގެންނެވެ. އެއީ މީގެ ކުރިން ޗާގޮސްގެ ރަށްތަކަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަންޖެހޭ ރަށްތަކެއްގެ ގޮތުގައި ގަބޫލުކޮށް ސަރުކާރުން ވޯޓު ދީފައިވުމެވެ.
ނަމަވެސް މި ސަރުކާރުން ބުނެފައި ވަނީ އިސްތިއުމާރުކުރުމަށް ރާއްޖެއިން މިހާރު ތާއީދުނުކުރާނެ ކަމަށާއި އެ ރަށްތައް މޮރިޝަސް އަށް ލިބެންޖެހޭނެ ކަމަށެވެ. މި ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަނީ އޮޅުވާލައިގެންނެވެ. މި ސްޓޭންޑް ބަދަލުކުރުމާ އެކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދިނުމަށް މި ސަރުކާރުން އެއްބަސްވަނީ ކަމަށް ބުނެއެވެ.
ނަމަވެސް ހަގީގަތަކީ ސަރުކާރު ސިޔާސަތު ބަދަލުކުރީ އިސްތިއުމާރުކުރުމާ ގުޅޭ މައްސަލައެއްގައެވެ. މޮރިޝަސްގެ ދަށަށް ޗާގޮސް ދިޔަ ނަމަވެސް ރާއްޖެ އާއި އެ ސަރަހައްދާ ފުށުއަރާ ތަން ބެހުމުގައި ސަރުކާރުން އަދިވެސް ގެންގުޅެނީ އެއް ސިޔާސަތަކެވެ. އެއީ ކޮންމެ ދިވެއްސަކު ވެސް ވަކާލާތުކުރާ ސިޔާސަތެވެ. ކަނޑުން ރާއްޖެ އަށް ލިބެންޖެހޭ ބައި ރާއްޖެ އަށް ލިބެންޖެހޭނެއެވެ. މޮރިޝަސް އާއި ރާއްޖެއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތީ ފުށުއަރާ ސަރަހައްދު ބެހުމުގައެވެ.
ޗާގޯސްގެ ވަޒަންވެރިން ބޭނުންވަނީ ކޮންކަމެއް؟
ޗާގޮސްގެ އަހުލުވެރިން ވަކާލާތުކުރަނީ އެ މީހުންނަށް އެނބުރި އެ މީހުންގެ ވަޒަނަށް އާދެވެންޖެހޭނެ ކަމަށެވެ. އެއީ ކޮންމެ ގައުމެއްގެ ބާރުގެ ދަށުގައި އޮތަސް އަދި ކޮންމެ ގައުމެއްގެ ތަނަކަށް ވިޔަސް އެއީ ހިޔާލު ތަފާތުވުމެއް ނެތް ހައްގެކެވެ. އެމީހުންނަކީ އެ މީހުންގެ ވަޒަނުން ގަދަކަމުން ބޭރުކޮށްފައިވާ ބައެކެވެ.
މި މައްސަލަ މުޅިން ހަމައަކަށް އެޅުމުގެ އަސްލު ނަތީޖާއަކަށް ވާންޖެހޭނީ އެ މީހުންނަށް އަމިއްލަ ވަޒަނަށް އާދެވުން ކަމުގައި އެ މީހުން ގަބޫލުކުރެއެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ޗާގޮސްގެ ރަށެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުޅުމަކީ މުޅި ޖަޒީރާ ފަޅުކުރަންޖެހޭ ސަބަބެއް ނޫނެވެ. އެހެން ގައުމުތަކުގައި ވެސް އަސްކަރީ މަރުކަޒުތައް ހިންގާ އިރު އެ ތަންތަން ފަޅުނުކުރާ ކަމަށް އެ މީހުން ބުނެއެވެ.
#Chagos belongs to Chagossians let us return https://t.co/mvQOPxSevE— CRG UK (@UKCRG) November 10, 2020
ޗާގޮސް ރެފިއުޖީ ގްރޫޕްގެ ޗެއާ އޮލީވިއާ ބެންކޯލްޓް ވިދާޅުވީ އެ މީހުން ވަޒަނުން ބޭރުކުރުމަށް ހިނގާފަނީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެނބުރި ވަޒަނަށް އާދެވެންޖެހޭނެ ކަމަށެވެ. ބެންކޯލްޓްއެކޭ އެއްގޮތަށް އެ ތަނުގެ އަސްލުވަޒަންވެރިން ވެސް ގަބޫލުކުރާ ހަގީގަތަކީ އެއީއެވެ. އެ މީހުންނަށް އެނބުރި ވަޒަނަށް އާދެވެންޖެހޭނެ ކަމެވެ.
މިހާރުގެ ސަރުކާރުގެ ނިންމުމާމެދު ދެކޮޅު ހަދާ ބައެއް ފަރާތްތަކުގެ އޮތީ މާބޮޑު އަމިއްލަ އެދުމެއް ނޫންނަކަމެއް ނޫނެވެ. ސަރުކާރުން ދެކޭގޮތުގައި ކުރީގެ އެޓަރނީ ޖެނެރަލް މުނައްވަރުގެ ހިތްހަމަނުޖެހުން އޮތީ ސްޕްރީމްކޯޓް ފަނޑިޔާރުކަން ނުދިނުމާ ގުޅިފައެވެ. އަދި ރައީސް ނަޝީދުގެ މިހާރުގެ ސިޔާސަތަކީ ސަރުކާރާއި ކޮންމެ ކަމެއްގައި ދެކޮޅު ހެދުމެވެ.
Whatever the future sovereignty of Chagos, hope today is a 1st step in UK & Mauritian governments working together to:
☑️Listen to Chagossians
☑️Support right-to-return
☑️Address consequences of exile -inc. citizenship rights for Chagossianshttps://t.co/UmvOgWy9cL— UK Chagos Support (@ChagosUK) February 8, 2022
ޗާގޮސްގެ ޖަޒީރާ ރަށްތައް އެއީ ދިވެހިންގެ ތަނެއް ކަމަށް ބުނެ ދައްކަނީ ސިޔާސީ ވާހަކައެކެވެ. އެ ވާހަކައިގައި އޮއްޓަރެއް ނެތެވެ. އެ ތަނުގެ އަހުލުވެރިންނަކީ ދިވެހިންގެ ސިފަތައް ލިބިފާ ބައެއް ނޫނެވެ. އެ މީހުންގެ ދީނާއި ސަގާފަތް މުޅިން ތަފާތެވެ. އެ ރަށްތައް ދިވެހިންނަށް ހޯދުމަށް ވަކާލާތުކުރާއިރު އެ ތަނުގެ ރަށްޔިތުންނާ މެދު ހަދާނެ ގޮތެއްގެ ވާހަކަ ވެސް ދައްކަން ވާނެތާއެވެ.
އެ މީހުންގެ މައިގަނޑު ދީނަކީ ނަސޯރާ ދީން ކަމަށްވެފައި އެ ރަށްތައް ދިވެހިންނަށް ލިބޭ ނަމަ އެ މީހުންގެ ދީނަށް ހަދާނެ ގޮތެއް ވެސް ބުނެދޭން ވާނެއެވެ. ދިވެހި ބަހުން ވާހަކަ ދައްކާ، ދިވެހި ބުހުން ލިޔެ، ދިވެހިންގެ ގިނަ ސިފަތަކެއް ލިބިގެންވާ މަލިކު މީހުން ދިރިއުޅޭ މަލިކާ ބެހޭ ގޮތުން މި ވާހަކަ ނުދައްކައި ޗާގޮސްގެ ޖަޒީރާ ރަށްތަކާ މެދު މި ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. ގަޔާވިޔަސް ނުވިޔަސް މިއީ ކަންއޮތްގޮތެވެ.