ތާރީހުގެ ތެރެއިން: ލާމަރުކަޒު ކުރުމުގެ ފެށުން އައި ގޮތް

8 ނޮވެމްބަރ 2022 - 16:58

ދިވެހި ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން 2005 ވަނަ އަހަރު ހެދި ދިރާސާއަކުން ހާމަވި އެންމެ މުހިންމު ކަމަކީ ރަށްރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް އެރަށެއްގެ ކަންކަން އެރަށެއްގެ ރައްޔިތުންގެ ބަހާއި ރުހުމާއި އެކު ނިންމުމަށް އެދިގެން ކަމެވެ. އަދި ވަސީލަތްތަކުގެ ބާރު ބޭނުންވާ ކަމެވެ.

ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެދިފައިވަނީ ކަތީބުންނަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުމަށެވެ. އެދުވަސްވަރު ރަށްރަށުގެ ކަތީބުންނަކީ މައި ސަރުކާރުން އައްޔަންކުރާ މަގާމުތަކެކެވެ. އެހިސާބުން 2006 ވަނަ އަހަރު އެޓޯލްސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން ރަށު/އަތޮޅު ކައުންސިލް އުފެއްދުމާއި ބެހޭ ގާނޫނު ހެދުމުގެ މަސައްކަތް ފެށިއެވެ.

advertisement

މިގާނޫނު ފާސްވެގެން އައި އިރު ނަން ވަނީ “ލާމަރުކަޒީ ގާނޫނު” އަށް ބަދަލުކޮށްފައެވެ. މި ގާނޫނު ޑްރާފްޓް ކޮށްފައިވަނީ ޔޫއެންޑީޕީގެ ދިރާސާއިން ހޯދުނު ހިޔާލުތަކުގެ މައްޗަށް ބިނާކޮށެވެ. ރައީސް މައުމޫނު 2007 ގައި އިއުލާނު ކުރި އިސްލާހީ އޭޖެންޑާ (ރިފޯމް އެޖެންޑާ) ގައިވެސް ލާމަރުކުރުމުގެ ވާހަކަ ހިމަނާފައިވެއެވެ.

ހަމަ އެއާއިއެކު، ރާއްޖޭގެ ހިންގުން އޮންނަންވާނީ މަރުކަޒީކޮށް ނޫން ކަމަށް ނިންމައި، ލާމަރުކަޒު ކުރުމާއި ބެހޭ ބާބެއް ގާނޫނު އަސާސީގައި ހިމެނުމަށް އޭރުގެ އެޓޯލްސް މިނިސްޓްރީ އިން ފެށިއެވެ. 2008 ވަނަ އަހަރުގެ އާ ގާނޫނު އަސާސީ ފާސްވެގެން އައި އިރު، މި ބާބު ވަނީ ގާނޫނު އަސާސީގައި ހިމަނާފައެވެ.

އެ ބާބުގައި ބަޔާންކޮށްފައިވާ، ލާމަރުކަޒީ ގާނޫނު ހެދުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އޭރުގެ އެޓޯލްސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުންނެވެ. 2008 ވަނަ އަހަރު އެމްޑީޕީ އިން ވެރިކަމާއި ހަވާލުވީ އިރު، ލާމަރުކަޒީ ގާނޫނު އޮތީ ޑްރާފްޓް މަރުހަލާ ނިމިފައެވެ. އެ ގާނޫނު ފާސްކޮށް ތަސްލީގު ކޮށްފައިވަނީ އެމްޑީޕީގެ ވެރިކަމުގައެވެ. އޭގެ ފަހުން އައި ހުރިހާ ސަރުކާރަކުން ވެސް އެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. ލާމަރުކަޒީ ގާނޫނު ވަނީ މިހާތަނަށް 9 ފަހަރެއްގެ މަތިން ބަދަލުކޮށްފައެވެ. އޭގެތެރޭގައި ރައްޔިތުން ހޮވާ ކައުންސިލުތަކަށް ލިބިގެންވާ ބާރުތައް ހަނިކުރުމާއި، ރައްޔިތުންގެ ވަސީލަތްތަކުގެ ބާރު އެކިގޮތް ގޮތަށް އެކި އިދާރާތަކަށް ބަދަލުކުރުން ހިމެނެއެވެ.

ރިއެކްޝަންސް
0
2
0
0
0
0
0