ރިޕޯޓު: މާލޭގައި އަލިފާނުގެ އެތައް “ބޮމެއް”!
10 ނޮވެމްބަރ 2022 - 14:17
މިއަދުގެ އިރުއަރައިގެން އައީ ހިތާމަވެރި އަދި އެހާމެ ބިރުވެރި ޚަބަރަކާ އެކުގައެވެ. ރޭ ދަންވަރު މީހުން ނިދާފައި ތިއްބާ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިހާތަނަށް 10 މީހެއްގެ ހަށިގަނޑު ފެނިފައި ވެއެވެ. މާފަންނު އިސްކަންދު މަގުގައި ހުންނަ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ އެ ގަރާޖުގެ މަތީގައި ހުރި ބިދޭސީންގެ އެކޮމެޑޭޝަންގައި ނިދާފައި ތިބި ބައެކެވެ.
އެތަނުގައި ވިއްސަކަށް މީހުން ނިދާ ކަމަށް ވެއެވެ. މިފަދަ ތަންތަނުގެ ކަންކަން ބަލާނެ ބަޔަކު ނެތުމުން ހަގީގަތުގައި އެ ތަނުގައި އުޅެނީ ކިތައް މީހުންކަން ޔަގީންކަމާ އެކު ބުނަން އެނގޭ މީހަކު ވެސް ނޫޅެއެވެ.
އަލިފާނުގެ ހާދިސާ އިން މ. ނިރުފެހީގެ އަނދާ އަޅިއަށްވެ އެތައް ބަޔަކު މަރުވި އިރު މިއީ އެތަނުގައި އަލަށް ހިނގި ކަމެއް ވެސް ނޫނެވެ. ތަފާތު އެކި ފަރާތްތަކުން ލިބޭ މައުލޫމާތަށް ބަލާއިރު މިއީ އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި ތިން ވަނަ ފަހަރެވެ. މީގެ ކުރީ ފަހަރުތަކުގައި ހިތާމަވެރިކަމެއް ދިމާނުވެ ސަލާމަތްވިޔަސް މި ފަހަރު ސަލާމަތެއް ނުވިއެވެ.
ތޮއްޖެހި، ކުޑަ ކުޑަ ތަންތަނުގައި ބިދޭސީން ގެންގުޅުން
މާލޭގައި މިފަދަ އެތައް ތަނެއް އެބަހުއްޓެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ މުޅި ސަރަހައްދު އަނދާ އަޅިއަށް ވެދާނެ ފަދަ އެތައް ތަނެއް މާލޭގައި އެބަހުއްޓެވެ. މީގެ ކުރިން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެސް ވެއެވެ. ނަމަވެސް މި ވާހަކަ ކޮންމެ ފަހަރަކު ވެސް ދެކެވެނީ މިފަދަ ހާދިސާއެއް ހިނގީމައެވެ.
މީގެ ކުރިން ހެންވޭރުގައި ކެމިކަލް ގުދަންކޮށްފައިވާ ތަނެއްގައި ހިނގި މިފަދަ ހާދިސާއެއްގައި މީހަކު މަރުވުމާ ގުޅިގެން ހީވީ އެހެން ކަމެއް ހެނެވެ. ކަމާ ބެހޭ އިދާރާތައް ދުވަސްކޮޅަކަށް ހޭލިއެވެ. ގުދަންތައް ބަލާ ފާސްކުރިއެވެ. އާންމުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގުދަން ކުރުން މަނާކޮށް އެފަދަ ތަންތަން ބޭރުކުރިއެވެ. ނަމަވެސް އެއީ ދުވަސްކޮޅެއްގެ ކަމެކެވެ. މިހާރު އަނެއްކާ ވެސް ހަމަ އެ ގުދަންތައް މާލޭގައި އެބަހުއްޓެވެ. މީހުން ދިރިއުޅޭ އިމާރާތްތަކުގެ ތިރީގައި ވެސް އެފަދަ ކެމިކަލް ގުދަން ކުރަމުން އެބަދެއެވެ. ހުއްޓުމެއް ނެތެވެ.
We also call upon the authorities to conduct a thorough investigation and assess the living conditions of migrant workers to prevent similar incidents in the future and ensure the safety of migrant workers and all residents in the country.
(2/2)— Mission for Migrant Workers Maldives (@mmwmaldives) November 10, 2022
އަލިފާނުގެ ހާދިސާ ހިނގި ފަދަ އެތައް ތަނެއް މާލޭގެ އެކި ސަރަހައްދުތަކުގައި އެބަ ހުއްޓެވެ. އަލިފާން ނިއްވަން އުޅަނދުފަހަރަށް ނުވަދެވޭނެ ފަދަ ހަނި ގޯޅިތަކުގައި ބިދޭސީންގެ އެތައް އައްޑާއެއް އެބަ ހުއްޓެވެ. ޓިނުޖަހައި ބަންދުކޮށް ވެންޓިލޭޝަނެއް ނެތި އެތައް ބަޔަކު އެއްތަނެއްގައި ތޮއްޖެހިގެން ދިރިއެބަ އުޅެއެވެ. ބަލާނެ ބަޔަކު ނެތެވެ.
ގަރާޖުތަކާއި ހޮޓާ ފަދަ ތަންތަނުގައި ބިދޭސީން ނިންދެވުމަކީ މަނާ ކަމެކެވެ. ނަމަވެސް އެކަން ވެސް އެބަ ކުރެއެވެ. އަދި ވެހިކަލް ގަރާޖު ފަދަ ތަންތަނުގެ މަތީގައި މީހުން ދިރިއުޅުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. މިފަދަ ތަންތަނަކީ އަލިފާން ހިނގާފާނެ ފަދަ އެތައް ސާމާނެއް ވެސް ގެންގުޅޭ ތަންތަނެވެ. ތެލާއި އެ ނޫން ވެސް ނުރައްކާތެރި ބާވަތްތައް އެތަން ތަނުގައި ރައްކާތެރިކަމެއް ނެތި ގެންގުޅެއެވެ. އަދި މިފަދަ ތަންތަނަކީ އެއްވެސް ބަޔަކު ބަލައި މޮނިޓާކުރާ ތަންތަނަށް ނުވާތީ ކަރަންޓް ފަދަ ކަންކަން ވެސް ހުންނަނީ ދޯދިޔާކޮށެވެ.
އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވާނެ ގޮތެއް ވެސް މިފަދަ ތަންތަނުގައި ނުހުރެއެވެ. އަލިފާން ނިއްވޭނެ ގޮތްތައް ހުންނަންޖެހޭ ކަމަށް ގަވާއިދުގައި އޮތް ނަމަވެސް ބަލާނެ ބަޔަކު ނެތުމުން ތަންފީޒެއް ނުކުރެވެއެވެ. އެފަދަ އެއްވެސް ނިޒާމެއް ވެސް މިފަދަ ތަންތަނުގައި ގާއިމުކޮށްފައެއް ނުވެއެވެ.
ލަކުޑި ޑެކު އަޅައިގެން ގެދޮރާއި އޮފީސްތައްވެސް ހިންގަނީ
އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތީ ހަމައެކަނި މިފަދަ ގުދަންތަކާއި އެކޮމެޑޭޝަންތަކުގައި އެކަންޏެއް ނޫނެވެ. ލަކުޑިން ޑެކް އަޅައިގެން ހަދާފައި ހުރި އެތައް އިމާރާތެއް މާލޭގައި އެބަ ހުއްޓެވެ. އަދި އަލިފާން ނިއްވާނެ ނިޒާމެއް ނެތް މިފަދަ ބައެއް އިމާރާތްތަކުގައި ސަރުކާރުގެ ބޮޑެތި އޮފީސްތައް ވެސް އެބަ ހިންގައެވެ.
އެފަދަ އެއް އިމާރާތަކީ މަޖީދީ މަގުގައި ހުންނަ ބިއްލޫރިޖެހިގެ އިމާރާތެކެވެ. ސަރުކާރުގެ ހަތަރު ފަސް އޮފީހެއް އެތަނުގައި ހިންގައެވެ. ޖެންޑާ މިނިސްޓްރީގެ ގުދަނެއް ހުރެއެވެ. އެ ނޫން ވެސް ބައެއް އޮފީސްތަކުގެ ގިނަ އަދަދެއްގެ ލިޔެކިޔުން ރައްކާކޮށްފައި ހުރެއެވެ. އެހެން ނަމަވެސް އެތަނަކީ ވެސް ލަކުޑި ޑެކް އަޅައިގެން އަދި ބޮޑު ބައި ލަކުޑިން ހަދާފައި ހުރި އިމާރާތެކެވެ. އަލިފާން ނިއްވާނެ އެކަށީގެންވާ ނިޒާމެއް ނެތެވެ.
އެތައް ބަޔަކު ކޮންމެ ދުވަހަކު މަސައްކަތްކުރާ ތަނަކަށްވާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތް ވެވޭނެ ނިޒާމެއް ވެސް ގާއިމުކޮށްފައެއް ނެތެވެ. ކަރަންޓްގެ މައްސަލަ އިންތިހާ އަށް ބޮޑެވެ. ކަރަންޓްގެ މައްސަލައަކުން ވެސް ރޯވާނީ ކޮން އިރަކުން ކަމެއް ނޭނގެއެވެ. މިފަދަ އެތައް އިމާރާތްތަކެއް މާލޭގައި އެބަ ހުއްޓެވެ.
އިމަރާތްކުރުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު ބިލްޑިންގ ކޯޑެއް އެކުލަވާލާފައިވީ ނަމަވެސް އެއީ ހަމައެކަނި ނަމެއްގައި އޮންނަ އެއްޗެކެވެ. ނުވަތަ ހައުސިން މިނިސްޓްރީ އަށް ހުށަހަޅާ ކުރެހުން ޗެކް ކޮށްލަން ބޭނުންކުރާ ކަރުދާސްގަނޑެކެވެ،. އެ ކޯޑުގައި ހުރި ކަންކަން ތަންފީޒުކުރުމަށް އަމަލީ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ވައިކޮޅެއް ނުވަންނަހެން އަދި ނުކުމެވޭނެ އިތުރު ގޮތެއް ނުހަދައި މާލޭގައި ޓިނުޖަހައިގެން ބަންދުކޮށްގެން، އަޅުން ފަދައިން ބިދޭސީން ނިންދަވާ އެތައް އިމާރާތްތަކެއް ހުރި އިރު ކަމާ ބެހޭ ފަރާތްތަކަށް ރޭކާ ވެސް ނުލައެވެ. ނުވަތަ އެނގޭ ކަމަކަށް ވެސް ނުހަދައެވެ. އިސްލާހުކުރަން މަސައްކަތެއް ނުކުރެއެވެ.
ބިލްޑިންގ ކޯޑާ ހިލާފަށް ނުވަތަ އާންމުންނަށް ނުރައްކާވެދާނެ ފަދަ ގޮތްގޮތަށް ގަވާއިދާ ހިލާފަށް ހުނަން އިމާރާތްތަކުގެ މައްސަލައަކީ ފަސޭހައިން ދޫކޮށްލެވިގެން ވާނެ ކަންކަމެއް ނޫނެވެ. ދާދި ފަހުން އިންޑިއާގައި ޓްވިން ޓަވަރު ބިމާ ހަމަކޮށްލީ ގަވާއިދާ ހިލާފަށް ކަންކަން ހުރުމުންނެވެ. އެ ގޮތަށް ހުންނަ އިމާރާތްތައް ނެގުމަކީ ގިނަ ގައުމުތަކެއްގައި ކޮށް އުޅޭ ކަމެކެވެ. އެފަދަ ހަރުކަށި އުސޫލްތަކެއް މާލެ ފަދަ ތޮއްޖެހިފައިވާ ތަނަކަށް ވަރަށް މުހިންމެވެ.
ގަވާއިދާ ހިލާފަށް ހުރި މިފަދަ ތަންތަނާ މެދު ފިޔަވަޅު އަޅަންޖެހެއެވެ. ހަމައެކަނި ނަސޭހަތްދީ ޖޫރިމަނާކުރުމަކުން ނުފުދެއެވެ. އިމާރާތް ބިމާ ހަމަކުރަންޖެހޭ ނަމަ އެކަން ވެސް ކުރަންވީއެވެ. ބިދޭސީން އަދި ދިވެހިން ވެސް މިފަދަ އިމާރާތްތަކުގައި އުޅޭ އިރު އެއީ އެ މީހުންގެ އިތުރުން އިތުރު އެތައް ބައެއްގެ ވެސް ފުރާނަ ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓޭ ފަދަ ކަންކަމެވެ. ބޮމެއް ފަދައިން ގޮވަން ތައްޔާރަށް ހުރި އެތައް އިމާރާތެއްގައި އެތައް ބަޔަކު ތޮއްޖެހިގެން އެބަ ދިރިއުޅެއެވެ. އަލިފާނުގެ އިތުރު ހާދިސާއެއް ހިނގުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން މިކަންކަން ބަލަން އެބަޖެހެއެވެ.