ބިދޭސީންނާއި ފަތުރުވެރިން ރާއްޖޭގެ ގަވާއިދުތަކަށް އަމަލުކުރުމަށް އިރުޝާދުދޭން އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

13 ނޮވެމްބަރ 2022 - 10:25

މިއަދު އިސްލާމިކް އެފެއާސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި އަންގަވާފައިވަނީ އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދޭން ވާނެ ކަމަށެވެ.

އެގޮތުން އާއްމު ތަންތަނުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑއެޅިގެން މަނާ ކަމެއްކަމަށް އެންގި އެވެ.

ސާކިއުލާގައި ފާހަގަކޮށްފައިވާ ނުކުތާތަށް:

  • ރާއްޖެއަށް އަންނަ ޢައިރު މުސްލިމުން އެމީހުންގެ ދީނީ ހަރަކާތްތައް އާންމު ތަންތަނުގައި ފާޅުކަން ބޮޑުގޮތެއްގައި ޖަމާއަތް ހަދައިގެން ނުހިންގުން
  • އަދި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސެއް ބައިވެރިކުރުމަކީ މަނާކަމެއް
  • މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުން ލުން
  • އެހެންކަމުން ބިދޭސީ މުވައްޒަފުންނާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ގޮވާލި
  • އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތަކުން މިކަންކަމަށް ސަމާލުކަންދީ މިފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަފަޅު އެޅުމަށްވެސް އެ މިނިސްޓްރީން ގޮވާލި

އިސްލާމިކް މިނިސްޓްރީން އިރުޝާދުދީފައިވަނީ ގާނޫނު ނަންބަރު 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނުގެ ދަށުން އަންނަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދަށް ރިޔާއަތްކޮށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0