ރިޕޯޓު: ކާނާއަކަށް ބޭސް ކާންޖެހޭ ދުވަސް ދުރެއް ނޫން!

13 ނޮވެމްބަރ 2022 - 16:42

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ވަނީ ދިވެހިންގެ ދިރިއުޅުމުގެ އާދަތަކުގެ ތަފްސީލީ ކުރެހުމެއް ދައްކުވައިދީފައެވެ. އެ ދިރާސާގެ އަދަދުތަކުން ފެންނަން ހުރީ ދިވެހިންގެ ދިރިއުޅުނުން ބޮއްސުންލާފައިވާ ކަމެވެ. އާދަތަކުގެ ސަބަބުން އަށަގަންނަ ބަލިތައް ދިވެހިންގެ ތެރޭގައި ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާކަން ދިރަސާ އިން ދައްކައެވެ.

ދިރާސާގެ ބައެއް އަދަދުތަކަށް ބަލާއިރު ދިވެހިންގެ ތެރެއިން އުމުރުން 40 އަހަރުން ދަށުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކީ ސްޓްރޯކެއް ނުވަތަ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ދައްކައެވެ. އަދި އުމުރުން ދޮށީވާ ވަރަކަށް މި ނުރައްކާ ބޮޑުކަމަށް ދިރާސާއިން ދައްކައެވެ. އެ ގޮތުން އުމުރުން 45 އަހަރުން މަތީގެ ކޮންމެ ދެ މީހަކުން ކުރެ އެކަކީ އެފަދަ ފުރުސަތެއް އޮތް މީހުންނެވެ. ހިތުގެ ބައްޔަށް އެކަނި ބެލި ނަމަވެސް ނަންބަރުތަކުން ދައްކަނީ ބިރުވެރި މަންޒަރެކެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ނިސްބަތް މައްޗަށް ދާނެ ކަމަށް ދިރާސާގައި ލަފާކޮށްފައި ވެއެވެ.

advertisement

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކުރާނަމަ އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު

މި ދިރާސާގެ ތަފްސީލް ދެއްވަވަމުން މެޑިކަލް ހެލްތު ރިސާޗު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ އާދަތައް ރަނގަޅަށް ނުބަހައްޓާ ނަމަ މީހާގެ އުމުރު ކުރުވުމުގެ ފުރުސަތު ބޮޑެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކާޑިއޮވެސްކިއުލާ ރިސްކް ބޮޑުވާނެ މީހުންގެ ނިސްބަތް ވެސް 13 ޕަސެންޓް މީހުންނަށް ހިތުގެ ބައްޔެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ދިރާސާއިން ފެނުނު މައުލޫމާތަކީ ދެބައިކުޅަ އެއްބައި މީހުން ނުވަތަ ތިން މީހުން އެކަކު، އެއީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެންގެ އާބާދީއަށް ބަލާއިރު މި ހިރާސްތަކުގެ މިންވަރު ކަންބޮޑުވާ މިންވަރަށް އެބަހުރި” މި ދިރާސާ ރިޕޯޓް ހާމަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ މި ދިރާސާގެ ނަތީޖާއިން ދައްކަނީ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމަކީ ރާއްޖޭގެ ތަރައްގީ އަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ކަމަށެވެ. އެ ގޮތުން ސިއްހީ ދާއިރާ އަށް މިހާރު ވެސް ބޮޑު ހަރަދެއް ދައުލަތުން ކުރާ ކަމަށާއި ނަމަވެސް ބަލިތަކުން ރައްކާތެރިވުމަށް ކުރާ ހޭދަ ވަރަށް ކުޑަ ކަން އޭނާ ފާހަގަކުރެވިއެވެ. އެ ގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ކުރަނީ ސިއްހީ ދާއިރާ އަށް ކުރާ ހަރަދުގެ އެންމެ ދެ ޕަސެންޓްކަން ޑރ. ފާހަގަކުރެވިއެވެ.

މޭވާ އާއި ތަރުކާރީއާ ދިވެހިން ވަރަށް ދުރު

މި ދިރާސާގެ އިތުރު ތަފްސީލްތަކަށް ބަލާއިރު ކޮންމެ ތިން މީހަކުން އެކަކީ ކޮލެސްޓްރޯލް ހުންނަ މީހުން ކަމަށާއި މޭވާ އާއި ތަރުކާރީ ކެއުމާ ދިވެހިން ވަރަށް ދުރުކަމަށް ދައްކައެވެ. އެ ގޮތުން މޭވާ ކާންޖެހޭ މިންވަރަށް ނުކާ މީހުންގެ ނިސްބަތް އާބާދީގެ ދެ ބައިކުޅަ އެއްބަޔަށް އަރާ ކަމަށް ދިރާސާ އިން ދައްކައެވެ. މީގެ އިތުރުން ލޮނުގެ މައްސަލަ ބޮޑުވެ ޕްރެސަރު މަތިވުން ފަދަ ސިއްހީ މައްސަލަތައް ވެސް ވަނީ މީހުންގެ މެދުގައި އާންމުވެފައެވެ. ލޮނު ބޭނުންކުރާ މިންވަރު ވެސް ވަރަށް މަތިކަން ދިރާސާ އިން ފާހަގަކުރެވިފައި ވެއެވެ. އެ ގޮތުން ކުޑަކަމުދާ ތަކެތިން ލޮނު ޓެސްޓުކުރިއިރު، ދުވާލަކު 8.8 ގްރާމް ލޮނު ބޭނުންކުރާ ކަމަށް ދެއްކި ކަމަށާއި މިއީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެއްކަން އެމްއެންޔޫގެ ޑިރެކްޓަ އޮފް ރިސާޗު، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

އެމްއެންޔޫ އިން ބުނީ މި ދިރާސާ ހަދާފައި ވަނީ 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރި ކޮށްގެން ކަމަށެވެ. ދިރާސާކުރުމުގައި ތިން މެތަޑެއް ބޭނުންކޮށްފައިވާ އިރު ފުރަތަމަ މެތަޑުގައި، ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ސުވާލުތައް ދީފައިވާ އިރު، ދެ ވަނަ އަށް ބަލާފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ އުނަގަނޑުގެ ވަށަމިނާއި ބަރުދަނާއި އިސްކޮޅު އަދި ލޭގެ ޕްރެޝަރު ބަލާފައި ވެއެވެ. މީގެ އިތުރުން ދެން ބަލާފައި ވަނީ ލޭގައި ހަކުރު ހުންނަ މިންވަރާއި ލޭގައި ކޮލެސްޓްރޯލް އަދި ކުޑަކަމުދާ ތަކެތީގައި ސޯޑިއަމާއި ކްރެޓިނިން ހުންނަ މިންވަރު ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

މި ދިރާސާއާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށާއި އެހެން ނޫން ނަމަ ކާނާގެ ގޮތުގައި ބޭސް ކާންޖެހުން ދުރު ނޫން ކަމަށެވެ. ހެލިފެލިވެ، ކަސަރަތު ކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމާއި ރަނގަޅު ކާނާ ކެއުން ފަދަ ސިއްހީ ގޮތުން ރަނގަޅު އާދަތަކަށް އިސްކަން ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

“ކާންވީ އަނގަޔަށް މީރު ޖަންކް ފުޑެއް ނޫން. އަޅުގަނޑުމެން ކާންވީ ހަށިގަނޑަށް ފައިދާ ހުރި ކާނާ. ތަރުކާރީ އާއި މޭވާ. މިއަދު އަޅުގަނޑުމެން އެ ބަދަލު ނުގެނެސްފިއްޔާ، ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން،” ރައީސް ވިދާޅުވި އެވެ.

ސިއްހީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރާ ކަންކަން

ދިވެހިންނަކީ ދުޅަހެޔޮ ސިއްހަތެއްގެ ބަޔަކަށް ހެދުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ރައީސް ވަނީ އެ ހަފުލާގައި ތަފްސީލްކޮށްދެއްފާއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ “ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް” ތައްޔާރުކޮށް، ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަކުން މިހާރު ދެވޭގޮތަށް ހެލްތު މިނިސްޓްރީން ހަމަޖައްސައިފައިވުމާއި، ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން އައުޓްޑޯރ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި، އެނޫން ކުޅިވަރު ކުޅޭނެ އިންތިޒާމުތައް ގާއިމުކުރުމާއި، ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ވެސް، ނެޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، މުޅި ރާއްޖޭގައި ދޭން ފެށުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން “ޕްރައިމަރީ ހެލްތް ކެއަރ”ގެ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި އަލުން ފެށުމާއި ރާއްޖޭގައި ކެންސަރުގެ ހާލަތު ހުރި ގޮތް ދެނެގަތުމުގެ ދިރާސާއެއް ކުރުމާއި ކެންސަރުގެ ފަރުވާ ފުޅާކުރުމާއި، ކެންސަރަށް ޚާއްޞަ ހަސްފަތާލެއް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދުޅަހެޔޮކަންބިނާވެފައި ވަނީ އާދަކާދައިގެ މައްޗަށް

ދިވެހިންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ބިނާވަނީ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަ ބައްޓަންވަމުންދާ ގޮތެއްގެ މައްޗަށެވެ. ފެންނަން އޮތީ ގައިން ގަޔަށް އަރާ ބަލިތައް އިތުރުވުމުގެ ބިރުވެރިކަމެކެވެ. ދިވެހިންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް ކަންނެތްވެ، ފަސޭހަ ގޮތްތަކަށް ލެނބެމުންދާ މަންޒަރެވެ. މަސައްކަތުގެ މާހައުލުގައި ހެލެފެލިވެ އުޅުން ކުޑަވެ، ކަސްރަތާއި ކުޅިވަރުކުޅުން މަދުވަމުންދާ މަންޒަރެވެ. ހާއްސަކޮށް ޅައުމުރުގައި ޓީވީ ސްކްރީނަށް ދެވިހިފުމާއި ޒުވާނުންގެ މެދުގައި ހެލިފެލިވެ އުޅޭ ފަދަ ކުޅިވަރުތަކުގެ ބަދަލުގައި ގޭމް ފަދަ އާލާތްތަކަށް ދެވިހިފުން ވަނީ އިތުރުވެފައެވެ.

ރޭގަނޑު ގިނަ ވަގުތު ކޮފީތަކުގައި ހޭދަކުރުމާއި ދަންވަރު ކެއުމަށް އާދަވެފައިވާއިރު ގަޑިންގަޑިއަށް ކެއުން އެއީ އޮންނަ ކަމަކަށް މިހާރު ނުވެއެވެ. އަނެއްކޮޅުން ތަރުކާރީ އާއި މޭވާގެ ބާވަތްތަކަކީ ވެސް އަގުބޮޑު ތަކެއްޗަށް ވުމުން އެ ތަކެތި ކެއުން ވެސް މަދުކަން ފާހަގަކޮށްލެވެއެވެ. އަދި ތާޒާ މޭވާ އާއި ތަރުކާރީ ލިބުން ވެސް ވަނީ ދަތި ކަމަކަށް ވެފައެވެ. މާކެޓްގައި ހުންނަ ގިނަ ބާވްތަކަކީ ވެސް ތަފާތު އެކި ކެމިކަލްތައް ބޭނުންކޮށްގެން ހައްދާ ބާވަތްތަކަށްވާއިރު އެ ތަކެތި ދޮންވުން އަވަސްކުރުމަށް ނުވަތަ މާކެޓަށް ނެރުން އަވަސްކުރުމަށް ކެމިކަލް ޖެހުމަކީ ވެސް ސިއްހަތަށް އޮތް ނުރައްކަލެވެ. ކޮލެސްޓްރޯލާއި ޕްރެޝަރު މަތިވުމާއި ހިތުގެ ބަލިތަކާއި އެ ނޫން ވެސް ގައިން ގަޔަށް ނާރާ އަދި ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ބަލިތައް ދިވެހިންގެ މެދުގައި އިތުރުވާނެ އެތައް ކަމެއް ވަނީ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި އާންމުވެފައެވެ. ނުރައްކަލުގެ ސިގްނަލް އެ ދަނީ ލިބެމުންނެވެ. ރައީސް ވިދާޅުވި ފަދައިން ދިރިއުޅުމުގެ އާދަތައް ބަދަލު ނުކޮށްފި ނަމަ ކާނާއެއްގެ ގޮތުގައި ކާންޖެހޭނީ ބޭހެވެ. މިއީ އެންމެ މީހަކަށް ދެ މީހަކަށް އޮތް ނުރައްކަލެއް ނޫނެވެ. މިއީ މުޅި އާބާދީ އަށް އަދި މުޅި ގައުމަށް އޮތް ނުރައްކަލެކެވެ.

ރިއެކްޝަންސް
0
1
0
0
0
0
0