ރިޕޯޓު: ނަފްސާނީ ދުޅަހެޔޮކަން ނިޒާމުގެ ތެރެއަށް ގެންނަންޖެހޭ!
22 ނޮވެމްބަރ 2022 - 10:37
މަސައްކަތްކުރުމުގެ ވައްޓަފާޅި އާއި ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން ދިވެހިންގެ މެދުގައި ވެސް ނަފްސާނީ މައްސަލަތައް އިންތިހާ އަށް ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ.
ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެއް ގޭބަންދާއި އަދި އޭގެ ފަހުން ވެސް އެކަހެރި ދިރިއުޅުމެއް އުޅެންޖެހުމާއި ވަޒީފާތައް ގެއްލުމާއި އިގްތިސާދީ އެތައް މައްސަލަތަކަކާ ގުޅިގެން ނަފްސާނީ މައްސަލަތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ނަފްސާނީ މައްސަލަތަކުގައި ފަރުވާ ނުވަތަ ޑޮކްޓަރަށް ދެއްކުމުގެ ޑިމާންޑް ބޮޑުވެފައި ވުމެވެ. ކިޔު އަދިވެސް ވަރަށް ދިގުކަމެވެ.
ނަފްސާނީ ދުޅަހެޔޮކަމާ ނަފްސާނީ ބައްޔަކީ ދެ ކަމެއް
ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބައްޔެއްގެ ގޮތުގައި ބަލައިގެން ތިބެވޭކަށް ނެތެވެ. މަސައްކަތުގެ މާހައުލުގައާއި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހެއެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި ކައުންސެލިން ނެގުމަކީ ހަމައެކަނި ބަލިވުމުން ނުވަތަ ނަފްސާނީ ބަލިކަމެއް ހުރިކަން ފާހަގަކުރެވިގެން ކުރެވޭ ކަމެއްގެ ގޮތުގައި އޮތުން ވެސް ބަދަލުވާންޖެހެއެވެ.
ބޭރުގެ ވަރަށް ގިނަ ގައުމުތަކުގައި މަސައްކަތުގެ މާހައުލުގެ ތެރެއިންނާއި އާންމު ދިރިއުޅުމުގެ ތެރެއިން ވެސް ކައުންސެލިން ނެގުން ނުވަތަ ތެރަޕިސްޓުންގެ އެހީތެރިކަން ލިބޭނެ ނިޒާމުތައް ހަމަޖައްސާފައި ހުރެއެވެ. މިއީ ދިވެހި ރާއްޖޭގައި ވެސް ކުރަން މުހިންމު ކަމެވެ. ހާއްސަކޮށް ވަކި ކަހަލަ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް ގަވާއިދުން ކައުންސެލިން ނެގުން މަޖުބޫރު ކަމަކަށް ހަދަންޖެހެއެވެ.
ދުނިޔޭގައި އެންމެ ޒަމާންވީ އެއް ކައުންސެލިން ސިސްޓަމް އޮތީ އެމެރިކާގައެވެ. އެމެރިކާގައި އެފަދަ ޕްރޮގްރާމްތައް އެންމެ ފުރަތަމަ ފެށިގެން އައީ 1950ގެ އަހަރުތަކުގައެވެ. އޭގެ ފަހުން ގާނޫނީ އޮނިގަނޑުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނައި ތައުލީމު އުނގަންނައިދޭ ތަންތަނާއި މަސައްކަތުގެ މާހައުލާއި އެކަމަށް ހާއްސަ ކްލިނިކްތަކާއި ޕްރޮގްރާމްތައް ފުރިހަމަކުރަންޖެހޭ ގޮތަށް ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަމުން ގެންދެއެވެ.
މި ނިޒާމުގެ ތެރެއިން ފުލުހުން އަދި އަސްކަރީ ހިދުމަތުގައި އުޅޭ ފަރާތްތަކުން ގަވާއިދުން ކައުންސެލިން ނެގުމާއި މަސައްކަތުގެ މާހައުލުގައި ވެސް ވަކި ކަންކަމަކާ ގުޅިގެން ގަވާއިދުން ކައުންސެލިން ނުވަތަ ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ފުރިހަމަކުރުން އޮންނަނީ މަޖުބޫރު ކަމަކަށް ވެފައެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މިއީ ކޮންމެ ގައުމަކަށް ވެސް އަދި ކޮންމެ މުޖުތަމައުއަކަށް ވެސް ވަރަށް މުހިންމު ނިޒާމެކެވެ.
ކަމާ ބެހޭ އިދާރާތަކުން ކުރާ މަސައްކަތް
ރާއްޖޭގައި ކައުންސެލިން ނެގުމަކީ ވެސް އުނދަގޫކަމެކެވެ. އެފަދަ އެކަށީގެންވާ ރަނގަޅު ނިޒާމެއް ވެސް ގާއިމުވެފައެއް ނެތެވެ. ކައުންސެލިން ނެގުމާ މެދު ވެސް މުޖުތަމައު ދެކޭ ގޮތް ވަރަށް ތަފާތެވެ. އެފަދަ ކަމެއް ގަވާއިދުން ކުރާ ނަމަ އެފަދަ މީހުންނަކީ ނަފްސާނީ ބަލީގެ މީހުންގެ ގޮތުގައި ލޭބަލްވެގެން ދެއެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ކަންކަން ހިއްސާކޮށް ކައުންސެލިން ނެގުމަކީ ދިވެހިން އެހާ ދަންނަ ކަމެއް ނޫނެވެ. އެކަން ކުރުމަށް ގާނޫނީ އޮނިގަނޑެއް މިހާތަނަށް ހެދިފައެއް ވެސް ނެތެވެ.
Our Emergency Response Teams from @mrc_mcu responded to the fire incident last night at M. Senrose providing First aid, Psychosocial Support and Evacuation support at the scene.
1/2
📸 @Dhaurunews pic.twitter.com/qDDyLV04lg— Maldivian Red Crescent (@maldivianrc) November 10, 2022
ކިރިޔާ ވެސް އެކަހަލަ ހިދުމަތެއް ލިބެނީ ބޮޑު ހާދިސާއެއް ދިމާވުމުން ނަފްސާނީ ގޮތުން އަސަރުކުރާ ހާލަތެއްގައެވެ. މިސާލަކަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މޯލްޑިވްސް ރެޑްކްރެސެންޓްގެ ފަރާތުން އެ ހިދުމަތް ދެމުން ގެންދިޔައެވެ. އަދި މިހާރު ވެސް ތަފާތު އެކި ހާދިސާތަކާ ގުޅިގެން ކުރިމަތިވެދާނެ ނަފްސާނީ މައްސަލަތަކަށް ބަލައި އެ ހިދުމަތް ދެމުން ގެންދެއެވެ. އެ ގޮތުން ދާދި ފަހުން ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އިރު އެ ހާދިސާ އިން އަސަރުކުރި މީހުންނަށް ކައުންސެލިން ދެމުން ގެންދާ ކަމަށް ބުނެފައި ވެއެވެ.
ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މިއިން ޒަމާނަކު ނުކުރާހާ ގިނަ މަސައްކަތްތައް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި މީގެ ކުރިން އިސްކަން ނުދޭ މިންވަރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ގެންދަނީ ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓްކުރައްވަމުންނެވެ.
We are glad to collaborate with KRH to establish Child Development Centre and Mental Health Centre at Kulhudhuhffushi Regional Hospital.
Currently KRH team is visiting our Child Development Centre and Mental Health Centre for the necessary exposure.@KRHmv @MoHmv @presidencymv pic.twitter.com/KIRtDv21WI— Hulhumalé Hospital (@HMH_mv) November 7, 2022
އެ ގޮތުން އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް މެންޓަލް ހެލްތު ސެންޓަރެއް ވަނީ ހުޅުވާފައެވެ. އަދި ހުޅުމާލޭގައި ވެސް ވަނީ މަރުކަޒެއް ހުޅުވާފައެވެ. މި އަހަރު ބޭއްވި ޕެނަލް ޑިސްކަޝަންތަކާއި މެންޓަލް ހެލްތު ފެސްޓިވަލަކީ ވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ.
ނަފްސާނީ ކަންކަމާއި މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ
ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތައް އަދިވެސް އިތުރުކުރަންޖެހެއެވެ. ކައުންސެލިން ނެގުމަކީ ދިވެހިންގެ މެދުގައި އާންމު ކަމެއް ނޫނެވެ. އަދި އެފަދަ އެކަށީގެންވާ ނިޒާމެއް ވެސް ނެތެވެ. އެހެންކަމުން އެފަދަ ކަމަކަށް ކުރަންޖެހޭ ހަރަދު ވެސް އިންތިހާ އަށް ބޮޑެވެ.
މީހުންގެ ވިސްނުން ވެސް ބަދަލުކުރަން ޖެހެއެވެ. ނަފްސާނީ ގިނަ މައްސަލަތަކުގައި އެކަށީގެންވާ މައުލޫމާތު ނެތުމުން ހަރުކަށި ބައެއް ވިސްނުންތަކުގެ ތެރެއިން މި މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރުން ވެސް އާންމު ކަމަކަށް ވަނީ ވެފައެވެ. އެ ގޮތުން ފަންޑިތައިގެ އެހީތެރިކަން ހޯދުމާއި އެ ނޫން ވެސް ސިހުރު ހާހޫރައިގެ އެކި ކަންކަން ކުރުމަކީ ނަފްސާނީ މައްސަލަތަކުގެ ފަރުވާއެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ.
ނަފްސާނީ މައްސަލަތަކާ މެދު ދިވެހިން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުކުރަންޖެހެއެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން ވެސް އެފަދަ ނިޒާމެއް ތައާރަފްކުރަންވީ ވަގުތު ވަނީ ޖެހިފައެވެ. އޮފީސްތަކުގައި ކައުންސެލިން ލިބޭނެ މަގުތައް ތަނަވަސްކުރަންޖެހެއެވެ. ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން އެ ހިދުމަތް ދޭންޖެހެއެވެ.
އަދި އަމިއްލަ ކްލިނިކްތައް މެދުވެރިކޮށް ނަމަވެސް ކައުންސެލިން ނެގުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހެދޭނެ ގާނޫނެއް އަންނަންޖެހެއެވެ. ޖީބަށް ލުއިފަސޭހަ ގޮތަކަށް އެކަން ކުރެވޭނެ މަގު ތަނަވަސްކުރަންޖެހެއެވެ. އެފަދަ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ މުޖުތަމައުގެ ތެރޭގައި މިހާރު އުފެދެމުން އަންނަ ވަރަށް ގިނަ މައްސަލަތައް ހައްލު ލިބުމުގެ ފުރުސަތު އެބަ އޮތެވެ. ކައުންސެލިން ނެގުން ނުވަތަ ނަފްސާނީ ފަރުވާ ހޯދުމަކީ ހަމައެކަނި ބަލި މީހުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަންޖެހެއެވެ. އެ ކަމަށްޓަކައި އެކަށީގެންވާ ކެމްޕެއިނެއް ހިންގައި ގާނޫނީ އޮނިގަނޑެއް އެކުލަވައިލުން މުހިންމެވެ. ނިޒާމެއްގެ ތެރެއިން ނަފްސާނީ ދުޅަހެޔޮ ކަމަށް މަގު ފަހިކުރަންޖެހެއެވެ.