ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި 2022 ވަނަ އަހަރުގެ ޙަރަކާތް
13 ޑިސެމްބަރ 2022 - 10:38
ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާ ގުޅިގެން، 2022 ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާގުޅޭ މުހިންމު މައްސަލަތަކަށް އަމާޒުކޮށް ސިލްސިލާ ޕެނަލް ޑިސްކަޝަންތަކެއް ބާއްވައިފިއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.
އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަހަކީ، 1948 ވަނަ އަހަރު، އ.ދ.ގެ ޢާންމު މަޖިލީހުން އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ޤަރާރު – ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރް.) ފާސްކުރި ދުވަހެވެ.
ޔޫ.ޑީ.އެޗް.އާރު. އެކުލަވާލާފައިވަނީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގެ ޤާނޫނީ، ދީނީ އަދި ޘަޤާފީގޮތުން ތަފާތު ފަސްމަންޒަރުތަކަށް ނިސްބަތްވާ މަންދޫބުންނެވެ.
އެއީ، ނަސްލާއި، ކުލައާއި، ދީނާއި، ޖިންސާއި، ބަހުރުވައާއި، ސިޔާސީ ނުވަތަ އެހެނިހެން ވިސްނުންތަކާއި، ޤައުމީ ނުވަތަ އިޖުތިމާޢީ އަސްލާއި، މުދާވެރިކަމާއި، އުފަންވުމުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ނިސްބަތްކުރެވޭ ދަރަޖަތަކަށް ބެލުމެއް ނެތި، ކޮންމެ މީހަކަށްވެސް ލިބިގެންވާ ހަމަހަމަ ކަރާމާތާއި ޤަދަރު ބަލައިގަންނަ، ޢާލަމީ ސިފަ ލިބިފައިވާ، ބައިނުކުރެވޭނެ، އަދި މަހުރޫމު ނުކުރެވޭނެ ޙައްޤުތަކެކެވެ.
ދިވެހި ބަސް ހިމެނޭ ގޮތަށް، 500 އަށް ވުރެ ގިނަ ބަހުން ލިބެން ހުރި މި ލިޔުމަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ތަރުޖަމާކޮށްފައިވާ ލިޔުމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ، މަދަނީ، ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކުގެ އިތުރުން، ވަކިން ޚާއްޞަގޮތެއްގައި، އަނިޔާވެރި ޢަމަލުތަކާއި، ނަސްލީ ތަފާތުކުރުމާއި، އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅުމާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ދެމެހެއްޓުން ހިމެނޭގޮތަށް އެކުލަވާލާފައިވާ އިންސާނީ ޙައްޤުތަކާބެހޭ މައިގަނޑު 7 މުޢާހަދާއެއްގައި ބައިވެރިވެފައިވާ ދައުލަތެކެވެ.
އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އ.ދ. އާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން ބޭއްވި ޙަރަކާތުގެ ބޭނުމަކީ، މިންތިއަށް ނިސްބަތްކޮށް ކުރާ އަނިޔާ ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ 16 ދުވަހުގެ އެކްޓިވިޒަމް ކެމްޕޭން (25 ނޮވެމްބަރުން 10 ޑިސެމްބަރަށް) ނިންމުމާއި، ޔޫ.ޑީ.އެޗް.އާރު.ގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ އެއް އަހަރު ދުވަހުގެ ކެމްޕޭން އިފްތިތާޙްކުރުމާއި، އަދި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ މުހިންމު މައްސަލަތަކުގައި ދިވެހި މުޖުތަމަޢުގެ އެކި ފަންތީގެ އެކި ފަރާތްތަކުގެ އަޑުތައް ބައިވެރިވުމަށް ފަހިވާފަދަ ފޯރަމެއް ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަރުކާރުގެ އޮފިޝަލުންނާއި، މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީގެ ބޭފުޅުންނެވެ. ޕެނަލް އެކުލެވިގެންވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވާ އުމުރުން 21 އަހަރުގެ، ސްޕައިނަލް މަސްކިއުލަރ އެޓްރޮފީ ޓައިޕް 2 ބަލި ތަޙައްމަލުކުރައްވާ އަދި ނަމޫނާ ދަރިވަރެއްކަމުގައިވާ އަލްފާޟިލް މުޙައްމަދު ރައިޝަން އަޙްމަދުއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ބަޔޯކެމިސްޓްރީ އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ، އަދި މޯލްޑިވްސް ރެޑް ކްރެސެންޓްގައި ވޮލަންޓިޔަރކުރައްވުމުގެ އިތުރުން މިޝަން ފޯ މައިގްރަންޓް ވާރކަރސް އިން މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް.) އާއި ގުޅިގެން މަސައްކަތްކުރައްވާ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޑރ. ޒޭބާ އުއް-ނަހެރް، އަދި ލޭބަރ އެޑްމިނިސްޓްރޭޝަން ނިޒާމުގައި މަސައްކަތް ކުރެއްވުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި މިހާރު ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުގައި ލޭބަރ މައިގްރޭޝަންގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރައްވާ އަލްފާޟިލާ އައިޝަތު ނަފާ އަޙްމަދެވެ.
2023 ވަނަ އަހަރު ޔޫ.ޑީ.އެޗް.އާރު.އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ އެއް އަހަރުދުވަހުގެ ކެމްޕެއިންގެ ޝިއާރަކީ – ކަރާމާތާއި، މިނިވަންކަމާއި، އިންސާފު އެންމެންނަށް ހޯދައިދިނުމެވެ.
މި ޝިއާރު ޕެނަލް ޑިސްކަޝަންގައި ކުރިއަށް ގެންގޮސްފައިވަނީ “މަސައްކަތުގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކަށް ޙައްލު ހޯދައިދިނުން”، “ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް” އަދި “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް” މި މައުޟޫޢުތަކަށް އަލިއަޅުވާލާ ސްކްރީން ކުރެވުނު ތިން ވީޑިއޯއެއްގެ ފަހުގައެވެ.
މިއިން ކޮންމެ ވީޑިއޯއެއް ދެއްކުމާއި ޕެނަލިސްޓުންގެ ހުށަހެޅުއްވުންތަކަށް ފަހު، އިވެންޓްގެ ބައިވެރިންނާއެކު ގިނަ ޚިޔާލުތަކެއް ބަދަލުކުރެވުނު ފޯރިގަދަ ބަހުސްތަކެއް ކުރިއަށް ގެންދެވުނެވެ.
މަރުޙަބާ ދެންނެވުމުގެ ގޮތުން، އ.ދ.ގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ޤަރާރުގައި އިންސާނީ ޙައްޤުތަކަށްޓަކައި ތެދުވުމަށް ހުރިހާ އެންމެންނަށް ގޮވާލާފައިވާ ގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. “އަޅުގަނޑުމެން އެންމެންވެސް އަދާކުރަންޖެހޭ ދައުރެއް އެބައޮތެވެ. އެންމެންނަށް މިހާރަށްވުރެ ބޮޑު މިނިވަންކަމާއި ހަމަހަމަކަން ހާޞިލްކުރުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް ތާއީދުކޮށް ދަސްކުރެވޭނެއެވެ. އަޅުގަނޑުމެންގެ ރަސްމީ މަސައްކަތުގެ ދާއިރާއާއި އަދި އޭގެ ބޭރުގައިވެސް، އަޅުގަނޑުމެންގެ ޙައްޤުތަކުގެ އިތުރުން އެހެން މީހުންގެ ޙައްޤުތައް ދަމަހައްޓައި، އަދި މިހާރަށްވުރެ ދެމެހެއްޓެނިވި، އިންސާފުވެރި، އަދި ތަނަވަސް ދުނިޔެއަކަށް ވާސިލުވުމަށް – މި ޖީލާއި އަދިވެސް އަންނަން އޮތް ޖީލުތަކަށްޓަކައި – އެކުގައި މަސައްކަތް ކުރަމާ ހިންގަވާށެވެ.”
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްފާޟިލާ މަރިޔަމް މުނާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ: “ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ޔަޤީންކުރުމަށްޓަކައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ނަގަހައްޓައި ދެމެހެއްޓުމަކީ، ދައުލަތުގެ ތިން ބާރުންވެސް ކުރެއްވުން ވަރަށް މުހިންމު ކަމެކެވެ. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުން އެއްވެސް ޖަމާޢަތެއް ނުވަތަ ވަކި ބަޔެއް މަހުރޫމު ނުވާފަދަ ގޮތަކަށް ހުރިހާ ފަރާތްތަކަކުންވެސް ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ކަންކުރުމުން، ޤައުމުގެ ހަމަޖެހުމާއި އަމަން އަމާންކަން ހިމާޔަތްކޮށް ދެމެހެއްޓޭނެއެވެ.”
ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަލްފާޟިލް އަޙްމަދު ލަޠީފްވެސް ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދެއްވިއިރު، މި ޙަރަކާތް ނިންމަވާލެއްވީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ވީޑިއޯ މެސެޖް ދެއްކުމުންނެވެ.
2030 ވަނަ އަހަރުގެ އެޖެންޑާ ޙާޞިލްކުރުން އަވަސްކޮށް، އަދި އެއްވެސް މީހަކު ބާކީ ނުކޮށް، ދެމެހެއްޓެނިވި ދުނިޔެއެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެން ކުރިއަށްދާ އާންމު މަގުގައި، ހުރިހާ މަސްލަހަތުދާރުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުން އުންމީދުކުރަމެވެ