އެޗްޑީސީން ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ވީލްޗެއަރ ރޭމްޕް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ގާއިމްކުރަނީ!
15 ޑިސެމްބަރ 2022 - 12:08
ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް އާބާދުވެގެން ދާއިރު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރް ކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް އެޗް.ޑީ.ސީގެ ފަރާތުން ދަނީ ގެނެވެމުންނެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހިޔާ ފުލެޓު ކައިރީ އޮންނަ ބީޗް ސަރަހައްދުގައި ވީލްޗެއަރ ރޭމްޕް ޤާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާއިރު މިހާރު މި ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު ބްލޮކް އެޅުމުގެ 80% މަސައްކަތް ވަނީ ނިންމާލެވިފައެވެ. ހުޅުމާލެގެ ހިޔާ ބީޗް ސަރަހައްދުގައި އެޗްޑީސީގެ ފަރާތުން ރޭމްޕް ޤާއިމު ކުރުމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތައްވެސް ވަނީ ގިނަވެފައެވެ. އެހެންކަމުން ހަފްތާ ބަންދު ދުވަސްތަކުގައި މި ސަރަހައްދަށް އާއިލާއާއިއެކު މޫދަށް އަންނަ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މި ވީލްޗެއަރ ރޭމްޕް ޤާއިމުކުރުމުގެ ސަބަބުން އުނދަގުލެއްނެތި މޫދަށް އެރިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސަރަހައްދުގައި ޤާއިމު ކުރާ ވީލްޗެއަރ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް ކުރިޔަށްދާއިރު މި ރޭމްޕް ޑިސެމްބަރ މަހުގެ ފަހުކޮޅުގައި ބޭނުންކުރެވިގެންދާނެއެވެ.
ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން، މި ކޯޕަރޭޝަނުން އަބަދުވެސް މި ފަރާތްތައް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގައިވެސް ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރެވިފައިވެއެވެ.