ރިޕޯޓު: ދައުލަތުގެ ބަޖެޓް ވެސް ޕީއެސްއެމްއަށް، ސަރުކާރު ކުންފުނިތަކުން ވެސް އެވަރަށް!
20 ޑިސެމްބަރ 2022 - 13:54
މައުލޫމާތު ހިފެހެއްޓިފައި އޮތް ޒަމާނުގައި ދައުލަތުގެ މީޑިއާއަކީ އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އޮތް ހަމައެކަނި ވަސީލަތެވެ. ނަމަވެސް ޑިމޮކްރަސީގެ އައު ބާބަކާއެކު އެހެން ހިޔާލުތަކާއި އަޑުތަކެއްގެ ވެސް ބޭނުން ޖެހުމުން އެ ވިސްނުން ސަރުކާރުން ވެސް ބަދަލުކުރަން މަޖުބޫރު ވިއެވެ. އެ ނޫން މީޑިއާއަކަށް ނުވަތަ އަމިއްލަ ބަޔަކަށް އެ ފުރުސަތު ލިބިގެން އައީ ވެސް މީގެ ފަނަރަވަރަކަށް އަހަރު ކުރިންނެވެ. އެހެންކަމުން އެހާތަނާ ޖެހެންދެން ސަރުކާރުން ވެސް ހަމައެކަނި ވިސްނަންޖެހިފައި އޮތީ ދައުލަތުގެ މީޑިއާ ތަރައްގީކޮށް ފުޅާކުރެވޭނެ ގޮތްތަކަށެވެ. ދައުލަތުގެ ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ބޮޑު އަދަދެއް ޖަހައިގެން އެކަން ކުރަމުން އައެވެ.
ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މައުލޫމާތު ފޯރުކޮށްދިނުމާއި މިނިވަން މީޑިއާއެއްގެ ދައުރު އަދާކުރުމަށް ދޫކޮށްލަނީ އަމިއްލަ ފަރުދުންގެ އަތްމައްޗަށެވެ. އެހެންނަމަވެސް ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ދައުލަތުގެ މީޑިއާއެއް އޮތުމަކީ މުހިންމު ކަމަކެވެ. ނަމަވެސް ސުވާލަކީ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 100 ވަރަކަށް މިލިއަން ރުފިޔާ އެކަމަށް ހޭދަކުރަންޖެހޭ ހެއްޔެވެ؟ އަދި ކުރާ ހޭދަޔާ އެއްވަރަށް ނަތީޖާ ނެރެވޭ ހެއްޔެވެ؟
ދައުލަތުގެ ބަޖެޓުން ނަގާފައި އަދި ކުންފުނިތަކުންވެސް ނަގަނީ
މައްސަލައަކީ އެކަން އެކަންޏެއް ވެސް ނޫނެވެ. ދައުލަތުގެ ބަޖެޓުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ ވެސް ޕީއާރު ބަޖެޓްގެ ވެސް ބޮޑު ބައެއް ދައުލަތުގެ މީޑިއާ އިން ނެގުމެވެ. ރާއްޖެއަކީ ކުޑަ މާކެޓެއް އޮތް ގައުމަކަށްވުމުން އަމިއްލަ މީޑިއާތަކުގެ ވެސް މައިގަނޑު އާމްދަނީ ބިނާވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ރާއްޖޭގައި ނަގާކިޔާ އަމިއްލަ ހައެއްކަ ކުންފުނިތަކުން ދޭ އެއްޗެއްގެ މައްޗަށެވެ.
އެހެންކަމުން ހުރިހާ މީޑިއާތަކުން ވެސް ވާދަކުރަންޖެހެނީ މި މާކެޓުން އިން އާމްދަނީ ހޯދުމަށެވެ. ނަމަވެސް އެ މީޑިއާތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދަނީ ދައުލަތުގެ މީޑިއާ އިން އަނެއްކާ ވެސް މި މާކެޓްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނެގުމެވެ. އަދި އެއީ ސަރުކާރުގެ ކުންފުންޏަކަށްވުމުން އެހެން މީޑިއާތަކަށް ވުރެ ދައުލަތުގެ މީޑިއާ އަށް އޮންނަ އެޑްވާންޓޭޖް ބޮޑެވެ. އެހެން ގޮތަކަށް ބުނާ ނަމަ އަމިއްލަ މީޑިއާތަކަށް އެއްޗެއް ދެވެން އޮންނަނީ ދައުލަތުގެ މީޑިއާ އަށް ދީފައި ބާކީ އޮތް ނަމައެވެ.
މިއީ އަމިއްލަ ވަރަށް ގިނަ މީޑިއާތަކުން ޖައްސާ މައްސަލައެކެވެ. ދައުލަތުގެ ބަޖެޓުން އެހާ ބޮޑު އެއްޗެއް ދައުލަތުގެ މީޑިއާ އަށް ދޭ އިރު ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ޕީއާރު ބަޖެޓުން ވެސް ބޮޑު ބައެއް ދައުލަތުގެ މީޑިއާ އަށް ދިނުމަކީ އިންސާފެއް ނޫން ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
އަމިއްލަ މީޑިއާތަކާ ވާދަކޮށް އެކި ޝޯތަކުގެ އެކްސްކްލޫސިވް ރައިޓްސް ނެގުން
އަނެއްކޮޅުން ދައުލަތުގެ މީޑިއާ އިން އަބަދު ވެސް ހަރަކާތްތެރިވަމުން އަންނަނީ ގާނޫނުގެ މަގުސަދާ ހިލާފަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ވަކި ގާނޫނަކުން ބާރު ލިބިގެން ދައުލަތުގެ މީޑިއާއެއް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ ހޭލުންތެރިކުރުވުމެވެ.
އެހެން ނަމަވެސް ބޮޑު އަގުގައި ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯތަކުގެ އެކްސްކްލޫސިވް ނެގުމާއި ރައިޓްސް ނަގައިގެން ބޮޑެތި ކުޅިވަރު މުބާރާތްތައް ދެއްކުމަކީ ދައުލަތުގެ މީޑިއާ އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ދެކޭ އެތައް ބަޔަކު ވެސް އެބަތިއްބެވެ. އެއަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމަކީ މިފަދަ ކަންކަން ކުރުމުގައި މާކެޓްގައި އަމިއްލަ ކުންފުނިތަކާ ވާދަކޮށް މާކެޓްގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ މީޑިއާ އަށް ނެގުމެވެ.
އޭގެ އެއް މިސާލަކީ މި އަހަރުގެ ވޯލްޑް ކަޕެވެ. މި ފަހަރުގެ ވޯލްޑް ކަޕް ރައިޓްސް ނެގީ މީޑިއާނެޓުންނެވެ. ނަމަވެސް އެކަންކުރީ ދައުލަތުގެ މީޑިއާ ވެސް ހިއްސާވާ ގޮތަށް ކުރިން މަޝްވަރާކުރެވި މި ދެ ކުންފުނީގެ އިތުރުން ރާއްޖެ ޓީވީ ހިމެނޭހެން އެކަމަށްދާ ހަރަދު އަދި ފައިދާ ތިން ކުންފުނީގެ މެދުގައި ބަހާ ގޮތަށް އެއްބަސްވެގެން ކަމަށް ވެއެވެ.
އެއް މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ހިއްސާއަކީ 333،000 ޑޮލަރެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް ހިލޭ މެޗުތައް ދެއްކުމަށް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން 800،000 ޑޮލަރު ޕީއެސްއެމް އަށް ދޭން ނިންމި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. ނަމަވެސް ސުވާލަކީ 333،000 ޑޮލަރު ދައްކަންޖެހޭ ތަނަކަށް ދައުލަތުގެ ބަޖެޓުން އަނެއްކާ ވެސް 800،000 ޑޮލަރު ދޭންޖެހުނީ ކީއްވެ ހެއްޔެވެ؟ އެނގިފައިވާ ގޮތުގައި ތިން ކުންފުނީގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގެ ދަށުން ވޯލްޑް ކަޕް ދައްކައިގެން ލިބޭ އާމްދަނީ ތިން ބަޔަށް ބެހުމުން ޕީއެސްއެމް އިން މީޑިއާނެޓަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ވެސް ލިބޭނީ ފައިދާއެވެ.
މީޑިއާތަކުގެ ކަންބޮޑުވުން އޮތީ ދައުލަތުގެ ބަޖެޓުން 800،000 ޑޮލަރު ދޭއިރު ވޯލްޑް ކަޕް ދެއްކުމަށް ކަމަށް ބުނެ ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ޕީއެސްއެމް އިން ނެގުމެވެ. އަނެއްކޮޅުން ހިލޭ ދެއްކުމަށް ކަމަށް ބުނެ ބޮޑު ބަޖެޓެއް ނަގާއިރު އެކަން ވެސް ކޮށްފައެއް ނުވެއެވެ. ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހިލޭ ވޯލްޑް ކަޕެއް ނުބެލެއެވެ. ކޭބަލް މެދުވެރިކޮށް ބެލެނީ މީޑިއާނެޓް ނުވަތަ ދިރާގުން ޕެކޭޖެއް ނަގައިގެންނެވެ. އޮންލައިންކޮށް ދެއްކުމުގެ ހައްގެއް ޕީއެސްއެމް އަށް ނުލިބެއެވެ.
ރައްޔިތުންނަށް ހިދުމަތެއް ދިނުމުގެ ގޮތުން ހަދާފައިވާ މި ކުންފުނިން އަމިއްލަ ވިޔަފާރިތަކާ ވާދަކުރުން ބަލައިގަނެވޭނެތަ؟
އާންމުންގެ ކަންބޮޑުވުމަކީ ހިލޭ ވޯލްޑް ކަޕް ބެލޭނެ ކަމަށް ޕީއެސްއެމް އިން ބުނި ނަމަވެސް އެ ކުންފުނީގެ ޔެސް ޓީވީ ވެސް ފެންނަނީ އަމިއްލަ އަނެއް ދެ ޗެނެލް އިން ވެސް ފެންނަ ގޮތަށް ކަމަށް ވުމެވެ. އަމިއްލަ ދެ ޗެނެލަކުން ވޯލްޑް ކަޕް ފެންނަ އިރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވިތާކަށް ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކުން ވެސް އެތައް މިލިއަން ރުފިޔާއެއް ނަގައިގެން މިކަމުގެ ތެރެއަށް ޕީއެސްއެމް އިން ވަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ މިއީ ކަމާ ބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަމެކެވެ.
މިއީ ހަމައެކަނި ވޯލްޑް ކަޕާ ގުޅިގެން ކުރާ ކަމެއް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި ޝޯތައް ރާއްޖެ ގެނެސް ދެއްކުމުގައި ވެސް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް މީގެ ކުރިން ވެސް ދައުލަތުގެ މީޑިއާ އިން ނަގާފައި ވެއެވެ. ނަމަވެސް ވަކި މަގުސަދެއްގައި އުފައްދާފައިވާ ކުންފުންޏަކުން މާކެޓްގައި އަމިއްލަ މީޑިއާތަކާ ވާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭރު ވެސް ބައެއް ފަރާތްތަކުން ބުނަމުން ދިޔައެވެ. އަދި އަމިއްލަ މީޑިއާތަކަށް ބިރަކަށްވާ ގޮތަށް ދައުލަތުގެ މީޑިއާ އިން އަމަލުކުރުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
އެއްބަޔަކު ދެކޭ ގޮތުގައި ދައުލަތުގެ މީޑިއާއަށް ކުރާ ހޭދައާ އަޅާބަލާއިރު އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނެރެދެވިފައި ނުވާ އިރު މާޒީގައި ބޭކާރު ބޮޑެތި ހޭދަތައް ވެސް އެ ކުންފުނިން ކޮށްފައި ވެއެވެ. ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގެ ތުހުމަތު ވެސް ކުރެވިފައިވާ އިރު ދައުލަތުގެ މީޑިއާގެ ސައިޒް ކުޑަކޮށް އަމިއްލަ މީޑިއާތަކަށް އޮތް ފުރުސަތު ސަރުކާރުން ވެސް ފުޅާކުރަން ޖެހެއެވެ. އަދި ގާނޫނުގައި ބުނާ މަގުސަދު ހާސިލްކުރުމަށް ދައުލަތުގެ މީޑިއާ ހަމަމަގަށް އަޅުވަންޖެހެއެވެ. ދައުލަތުގެ ބަޖެޓުން ކުރާ ހޭދަކުޑަކޮށް އެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ވެސް ފައިދާވާނެ ގޮތަކަށް ސިޔާސަތު ބަދަލުކުރަން ޖެހެއެވެ.