އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

19 ޑިސެމްބަރ 2022 - 11:57

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/23) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި، ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާކުރާނެގޮތުގެ ތަފްޞީލު ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

advertisement

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ޤައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ “ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު” އުވުނީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0