ރިޕޯޓް: ރިޔާސީ އިންތިހާބުގައި ޕީޕީއެމް ވާދަކުރާނެތަ؟
29 ޑިސެމްބަރ 2022 - 10:57
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ވާދަކުރުމަށް ޓިކެޓް ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވުމާ އެކު މިހާރު އެންމެ ބޮޑަށް ކުރެވޭ އެއް ސުވާލަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓަށް ވާނީ ކިހިނެއްތޯއެވެ؟
ޕީޕީއެމް އާއީ ޕީއެންސީން އެ ވާހަކަ ކިތަންމެ ދައްކަން ބޭނުން ނުވި ނަމަވެސް އެއީ ކޮންމެ ވެސް ހިސާބަކުން ވިސްނުމަކާ ހަމައަށް ދާންޖެހޭނެ ސުވާލެކެވެ. އަދި އެއީ ނޫސްވެރިންނާއި ސިޔާސީ މުފައްކިރުންގެ އިތުރުން އާންމުންގެ އެތައް ބަޔަކާ ވެސް ގުޅިފައިވާ ސުވާލެކެވެ.
ގާނޫނީ ގޮތުން ޔާމީނަށް އިންތިހާބަށް ކުރިމަތިލެވޭނެތަ؟
ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ޔާމީން ވެރިކަމަށް ވާދަކުރެއްވުމުގެ ޝަރުތެއް އެ ވަނީ އުނިވެފައެވެ. އެއީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ ފަރާތަކަށް އިންތިހާބުގައި ވާދަނުކުރެއްވޭނެއެވެ. އެކަމާ މެދު ބައެއް ފަރާތްތަކުން ސުވާލުތަކެއް އުފެއްދި ނަމަވެސް މަތީ ކޯޓަކުން އެ ހުކުމަށް ބަދަލެއް ނުގެންނަހާ ހިނދަކު އެކަން އޮންނާނީ އެ ގޮތަށެވެ.
ރައީސް ޔާމީނަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކު ވާދައެއް ނުކުރެއްވޭނެއެވެ.
ނަމަވެސް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށް އަދި އެ ކޯޓުން ކާމިޔާބު ނުވެއްޖެ ނަމަ ސުޕްރީމް ކޯޓުން އެންމެ ފަހުގެ ނިޔާ ކަނޑައެޅުމާ ހަމައަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނޫން ބޭފުޅެއްގެ ވާހަކަ ދައްކަން އެ ކޯލީޝަނުގެ ވެރިން ބޭނުމެއް ނުވެއެވެ.
Progressive Congress Coalition ge Join Senate badhdhalvun #HaraanHukun #FreePresidentYameen #RY2023 pic.twitter.com/V8ccInSrYs— Progressive Party of Maldives (@ProgressPartyMV) December 28, 2022
ދެން އޮތް ސުވާލަކީ އެހާތަނާ ޖެހެންދެން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައިފި ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަދި ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި ނަމަ އެ ކޯލީޝަނުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟
ނިހާއީ ހުކުމެއްގެ ފަހުން ގޮތެއް ކަނޑައެޅުމަށް މަޑުކޮށްފި ނަމަ ޕީޕީއެމް އަށް ފަހަރުގައި ކޮޅު ކެއްސެއް ވެސް ލިބުން އެކަށީގެން ވެއެވެ. ރިޔާސީ އިންތިހާބުގެ ތާރީހުތައް އަދި މިހާތަނަށް އިއުލާންކޮށްފައި ނުވި ނަމަވެސް އޯގަސްޓް މަހުގައި އިންތިހާބު ބާއްވާ ނަމަ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމާ ދެމެދު ދެން އޮތީ ހައެއްކަ މަހެވެ.
ރާއްޖޭގެ ޝަރުއީ މަރުހަލާ ކުރިއަށްދާ ގޮތަށް ބަލާއިރު ނިހާއީ ހުކުމަކާ ހަމައަށް ދާން އެއީ ވަރަށް ކުރު މުއްދަތެކޭ ވެސް ބުނެވިދާނެއވެެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ރިޔާސީ ކެންޑިޑޭޓެއްގެ ހުކުމަކަށްވާތީ މަރުހަލާތައް އަވަސްކުރުމަކީ ޝަރުއީ މަރުހަލާއިން ކުރަންޖެހޭނެ ކަމެކެވެ.
ޕީޕީއެމުން ދެން ނެރޭނީ ކޮން ކެނޑިޑޭޓެއް؟
ރައީސް ޔާމީން ނޫން ބޭފުޅެއްގެ ވާހަކަ ދައްކަން ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ބޭނުން ނުވި ނަމަވެސް ހަގީގަތަކީ އެއީ ޕީޕީއެމްގެ ލީޑާޝިޕްގެ ތެރޭގައި ކުރެވޭނެ މަޝްވަރާއެއް ކަމެވެ. މީގެ ކުރިން ވެސް ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކުރުމާ އެކު އެ ޕާޓީގެ ލީޑާޝިޕްގެ ކޯޅުން ބޮޑުވިއެވެ. ކުރިން އެއްގޮތަކަށް ވެސް ނުފެންނަ ބޭބޭފުޅުން ޖަލްސާތަކުގައި މަ އަޑުގަދަވިއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި ޑރ. މުހައްމަދު ޖަމީލް އާއި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފަދަ ބޭބޭފުޅުން ކުރިއަށް ވުރެ އެކްޓިވްވިއެވެ.
Vote now at https://t.co/G82EscwQF5
Ex-President Yameen is now out of the equation, so who do you think should step in as the new opposition candidate next year? pic.twitter.com/kK9zZSnd4K— MV+ (@mvplusmedia) December 27, 2022
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރައީސް ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ މަޖިލިސް މެންބަރު ޣައްސާން މައުމޫން ވެސް ހުންނެވީ އުންމީދެއްގައި ކަމަށް އޭރު ވާހަކަ ދެކެވުނެވެ. އަދި އެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން ވެސް ބޮޑުވިއެވެ.
ރައީސް ޔާމީންގެ ބަދަލުގައި އެ ކޯލީޝަނުން ނުކުންނާނީ މިވެނި އެވެނި ބޭފުޅެކޭ ޕާޓީގެ މެންބަރުން ވެސް ކިޔަން ފެށިއެވެ. އެހެން ކަމުން ދުވަސްކޮޅަކަށް ފަހު އަލުން މި އަޑުތައް އިވޭނެކަމާ މެދު ޝައްކެއް ނެތެވެ.
ޕީޕީއެމުން ކެނޑިޑޭޓެއް ނުނެރޭނަމަ ދެން ވާނީ ކިހިނެއް؟
އިލެކްޝަނުން ހުޅުވާލާ މުއްދަތުގައި ރައީސް ޔާމީންގެ ކެންޑިޑެސީއާ މެދު ގޮތެއް ނިމެންދެން ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން މަޑުކުރުމަކީ އިދިކޮޅަށް ލިބޭނޭ ވަރަށް ބޮޑު ހީނަރުކަމަކަށް ވާނެއެވެ. އެ ހިސާބަށް ދާއިރު ކެންޑިޑޭޓެއް އިއުލާނު ނުކޮށްފި ނަމަ ދެން ވާނީ ކިހިނެއްތޯ މިހާރު ވެސް އެތައް ބަޔަކު އެދަނީ ސުވާލުކުރަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި އެ މަނިކުފާނު އެހެން ބޭފުޅަކު ދެއްކެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް އެއީ ސިޔާސީ ގޮތުން ބަލާއިރު އެމަނިކުފާނުގެ ރިޔާސީ ހަޔާތުގައި ކަފުން އެޅުންފަދަ ކަމަކަށް ވެދާނެ ކަމަށް ދެކޭ ފަރާތްތައް ވެސް މަދެއް ނޫނެވެ.
އެއްބަޔަކު ދެކޭ ގޮތުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭ ނަމަ ޕީޕީއެމް/ޕީއެންސީގެ ކޯލީޝަނުން ރިޔާސީ އިންތިހާބުގައި ވާދަނުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭގެ ބަދަލުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަހަތަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ މިހާރު ވެސް އެއްބައެއްގެ ތިޔަރީއެވެ. އެހެން ނަމަވެސް އެފަދަ ނިންމުމަކާ ހަމައަށް ގާސިމް ވަޑައިގަންނަވާނީ ދެން އަލުން ރިޔާސީ އިންތިހާބެއްގެ ވާދަކުރުމަށް އުމުރުފުޅު ތަންނުދޭކަން އެނގިވަޑައިގެން ހުންނަވައެވެ.
Raees Yameen ah kuri #HaraanHukun , Hiyaalu faalhukurumah huras elhun, muzaharaa thakugai aniyaa kurimaa gulhey gothun kanboduvun faalhu kurumah PPM PNC ge leaders @hrcmv aa badhdhal kurun #FreePresidentYameen #RY2023 pic.twitter.com/kCFGnNyQ0O— Progressive Party of Maldives (@ProgressPartyMV) December 28, 2022
އަނެއް ބަޔަކު ދެކޭ ގޮތުގައި މި ވެރިކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ފަހެއް ނުޖެހޭނެއެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ވެސް ޕީޕީއެމް/ޕީއެންސީ ކޯލީޝަނަށް މުހިންމު ޕްރައިމަރީއަކަށް ވާނެއެވެ. އެ ޕްރައިމަރީގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެމަނިކުފާނުގެ ފަހަތަށް ޕީޕީއެމް/ޕީއެންސީން އެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމުގައި އޮތީ އޮންނާނެ ހަމައެކަނި ސަބަބަކަށް ވާނީ މި ވެރިކަން ބަދަލުކުރުމެވެ. އެ ނޫން އެއްވެސް ސަބަބެއް މި ހާލަތު މެދުވެރިވުމަކަށް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ރައީސް ޔާމީނަށް ގޮތް ހުސްވެއްޖެ ހާލަތެއްގައި ރައީސް ނަޝީދާ ގުޅިވަޑައިގަތުމަށް ޕީޕީއެމް/ޕީއެންސީ އަށް އެންގުމަކީ ވެސް ވެދާނެ ގޮތެކެވެ.
އަނެއްކޮޅުން އެމްޑީޕީގެ ޕްރައިމަރީ ރައީސް ނަޝީދަށް ކާމިޔާބުނުކުރެވިއްޖެ ނަމަ އެމްޑީޕީގެ އިސް ބައެއް ވެރިން ޕާޓީ ދޫކުރައްވައި އިދިކޮޅާ ގުޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ގްރާސް ރޫޓުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިހާރު ވެސް ނިންމައިގެން ތިބީ އެގޮތަށެވެ. ދެން އޮތް ސުވާލަކީ އެފަދަ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން އެ ފަރާތްތަކަށް ފުރުސަތު ދޭނީ ކިހާ މިންވަރަކަށް ކަމާ މެދުގައެވެ. އަދި ރައީށް ނަޝީދާއި އެ މަނިކުފާނުގެ އެކުވެރިންނާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަރުންގެ ތެރެއިން މަސައްކަތްކުރުމަށް ރުހޭނީ ކިތަން މީހުންބާއެވެ. ނަމަވެސް ސިޔާސީ މަސްރަހުގައި މިއީ އާ ކަމަކަށް ނުވާތީ މާބޮޑު ރެނދުތަކެއް އިދިކޮޅު ކޯލީޝަންގެ ތެރޭގައި އެކަމާ ގުޅިގެން ލާނެ ކަމަކަށް ނުބެލެވެއެވެ.
ކޮންމެއަކަސް ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް މި ބަހުސްގެ އަޑު ގަދަވާނެއެވެ. އިދިކޮޅު ކޯލީޝަނުން ކިތަންމެ ބޭނުން ނުވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހު ވެސް ބިނާވެފައި ވަނީ މި ނިންމުމާ އެކުގައެވެ. އިދިކޮޅަށް އޮތީ ރައީސް ޔާމީން ނޫން ބޭފުޅަކު ދެއްކުމެވެ. ނުވަތަ އެހެން ބަޔަކާ ބައިއަތު ހިފައިގެން ނުކުތުމެވެ. އިންތިހާބު ބޮއިކޮޓްކޮށްގެން ވާނެ ފައިދާއެއް އޮތް ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް މިއީ ފަސޭހައިން ހައްލުވާނެ ކަމެއް ނޫނެވެ. އިންތިހާބު ކައިރިވާ ވަރަކަށް އެތެރޭގެ ކޯޅުން ބޮޑު ވެރިކަމުގެ ބޭނުމުގައި ކުރިން ޤަބޫލުނުކުރެވެނު އެތައްކަމެއް ހިނގާނެކަމީ ޝައްކެެއް އޮތްކަމެއް ނޫނެވެ.