ޓޮކްސިކް މައިންބަފައިންގެ ކިބައިން ފެންނާނެ 8 ސިފައެއް
29 ޑިސެމްބަރ 2022 - 15:38
ދަރިން ކުޑަ އިރު ކުދިންނާއި މެދު މައިންބަފައިން / ބެލެނިވެރިން އަމަލުކުރާ ގޮތް، ކުދިންނަށް ލޯބި ދޭ ގޮތް، ކުދިންނަށް އަދަބު ދޭ ގޮތް އަދި ކުދިންނާއި މުއާމަލާތް ކުރާ ގޮތްތަކުގެ ސަބަބުން އެ ކުދިން ބޮޑުވެގެން އަމިއްލަ ހަޔާތް ފަށާއިރު އަމިއްލަ ނަފްސު ރެގިއުލޭޓް ކުރުމަށް އުނދަގޫވާ ހާލަތްތައް ކުރިމަތިވެއެވެ.
މިފަދަ ޓޮކްސިކް ކަންކަމަކީ ކޮބައި ކަން އެނގުމުން އެކުދިންގެ ހަޔާތުގައި ލިބޭ ދަރިންނާ މެދު އެގޮތްގޮތަށް އަމަލު ނުކުރުމަށް ދަސްވާނެއެވެ.
ކުދިން ލައްވައި ގަދަކަމުން ކަންކަން ކުރުވުން (މެނިޕުލޭޝަން އަދި ގިލްޓް ޓްރިޕިން)
ތިމާ ބޭނުންވާ ގޮތަށް ކުދިންލައްވައި ކަންކަން ކުރުވުން، މިސާލަކަށް ކުއްޖާގެ ބޮލަށް ވަކި ކަމެއް ވިސްނުވައި ދީގެން ރުހުން ހޯދައިގެން ކުއްޖާ ލައްވާ ކިޔަވާނެ ވަކި ސްޓްރީމެއް ހިޔާރުކުރުވުން ފަދަ ކަންކަމެވެ. މިއީ މެނިޕުލޭޝަން އެވެ. ގިލްޓް ޓްރިޕިން އަކީ، ކުއްޖާ ކުރި ކަމަކުން މަންމަ ދެރަވި ކަމަށް ދައްކައިގެން ކަމެއް ވިސްނުވައިދިނުމެވެ. މިސާލަކަށް މި ސްޓްރީމް ނުނަގައިފި ނަމަ މަންމަ ވަރަށް ދެރަވާނެ ކަމަށް ބުނުމެވެ.
ހާސިލުނުކުރެވޭ ވަރުގެ ކަންކަމަށް އުއްމީދު ކުރުން
ރަނގަޅު ބެލެނިވެރިން އެމީހުންގެ ދަރިންނަށް ކަމެއް ގޯސްކޮށް ކުރެވުމުން އެކުދިންނާ ދިމާލަށް ހަޅޭއް ނުލަވާނެއެވެ. ނުވަތަ އަދަބެއްގެ ގޮތުން ކުދިންނާ އަނގައިން ނުބުނެ ގިނަ ދުވަހު ހުރުން، އަނިޔާ ކުރުން ފަދަ ކަންކަން ނުކުރާނެއެވެ. ގޯސް ހަދައި އެކަންކަމުން ކަންކަން ދަސްކުރުމަށް ކުދިންނަށް ފުރުސަތު ދޭނެއެވެ. މީގެ އިދިކޮޅަށް، އަބަދުވެސް ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކުރުމަށް ޑިމާންޑް ކުރާ މައިންބަފައިންނަކީ ޓޮކްސިކް މީހުންނެވެ. އޭގެ ސަބަބުން ބޮޑުވެގެން މީހަކާ އިނަސް ބައިވެރިޔާގެ ކިބައިން ހުރިހާ ކަމެއް ޕާފެކްޓް ކޮށް ހުރުމަށް އުއްމީދުކުރެވޭނެއެވެ. އަދި ލިބޭ ދަރިންނާ މެދު ވެސް ހަމަ އެ ޓޮކްސިކް ގޮތަށް އަމަލު ކުރެވޭނެއެވެ.
ހުރިހާ ކުދިންނަށް ވެސް ގޯސް ހެދޭނެއެވެ. އެފަދަ ކަމެއް ދިމާވުމުން މަންމަ ނުވަތަ ބައްޕަ އޯވާރިއެކްޓް ކުރުން ނުވަތަ ދިމާވި ކަން މާބޮޑު ކޮށްލައިގެން އުޅޭ މީހުންގެ ކުދިން އެހެން މީހުންނާއި (ބައިވެރިޔާ އަދި ދަރިން) މެދު އެފަދައިން އަމަލުކުރާނެ އެވެ.
ކުއްޖާ ކަމެއް ހާސިލުކުރުމުން އެކަމަކަށް ފާޑު ކިޔުން
ތިމާގެ އަމިއްލަ ކަންކަމާއި މެދު އުފާޥެރި ނޫން މީހުން އެމީހުންގެ ދަރިން ހާސިލުކުރާ ކަންކަމަށް މަރުހަބާ ކިޔާ ހިތެއް ނުވާނެއެވެ. މިގޮތަށް ކަންތައް ކުރުމުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި އަމިއްލަ ހަޔާތުގައި ވެސް ގިނަ ދަތިތައް މިކަމުން ކުރިމަތިވެއެވެ.
ބައުންޑަރީ ތައް ނުބެހެއްޓުން ނުވަތަ ހުރިހާ ކަމަކާއި ބެހުން
ކޮންމެ ގުޅުމެއްގައި ވެސް ހައްދެއް އޮންނަން ވާނެއެވެ. ކުދިންގެ ކަންކަމާއި ނުބެހުމަށް ކުއްޖާ އެދޭ ނަމަ، މިސާލަކަށް އޭނާ ކިޔާ ފޮތްތައް ހިޔާރުކުރުމުގައި މަންމަ ނުބެހުމަށް އެދޭ ނަމަ އޭނާ އަށް އެ ޖާގަ ދޭން ޖެހޭނެއެވެ. ނަމަވެސް ހުރިހާ ކަމަކާއި ބެހި ހެދުމަކީ ކޮންޓްރޯލިން އަދި މެނިޕުލޭޓިވް މައިންބަފައިން ކުރާ ކަމެކެވެ.
ހިތަށް އަރަހާހާ ބަސްތައް ބުނެލުން. އަނެއް މީހާގެ އިހުސާސްތައް ދެނެނުގަތުން
ކުދިންނާއި ދިމާލަށް ހަޑި ހުރުތު ބަސް ބޭނުން ކުރުމަށް ފަހު، އެހެން ހެދުމުން ކުއްޖާ އޭނާއަށް ކުރެވޭ ހިތްދަތި ކަމުގެ އިހުސާސް ހިއްސާ ކުރުމުން ކުއްޖާ ބްލޭމް ކުރުން ނުވަތަ މަންމަ އެހެން ކަންތައް ކުރަން ޖެހުނީ އެ ކުއްޖާގެ ސަބަބުން ކަމުގައި ބުނެ ކުއްޖާ ކުށްވެރި ކުރުމަކީ ވެސް އެކުދިން ބޮޑެތިވެގެން ލިބޭ ދަރިން އަދި ބައިވެރިޔާއާއި ދޭތެރޭ އެގޮތަށް އަމަލުކުރާނެ ކަމެކެވެ.
މާބޮޑަށް ކޮންޓްރޯލް ކުރުން
އެއްވެސް ސަބަބަކާއި ނުލައި، ކުއްޖާގެ ރައްޓެހިންނާ އެކު ވަގުތު ހޭދަކުރެވިޔަ ނުދިނުން، ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރުން، ކިޔަވާ ވަގުތުތައް ކޮންޓްރޯލް ކުރުން ފަދަ ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިފަދައިން ބެލެނިވެރިން ކަންކަން ކުރަނީ އެންމެ ރަނގަޅު ގޮތް ނޭނގޭތީ ކަމަށް ވެދާނެއެވެ. ނުވަތަ ގަންނަ ބިރެއްގެ ސަބަބުން، ކުއްޖާ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކަމަށް ވެދާނެއެވެ.
ކުދިންގެ ކަންކަމާއި މެދު ގާތުން ވާހަކަ ދައްކައި ދެ މީހުން އެއްބަސް ވެގެން ކަންކަން ކުރާ ނަމަ ކުއްޖާއަށް ތިމަންނާ މިހިރީ ކޮންޓްރޯލް ކޮށްފައި ކަން އިހުސާސު ނުވާނެއެވެ. މިސާލަކަށް، ފޭސްބުކް އެކީ މަނާ ކުރުމުގެ ބަދަލުގައި ދަރިފުޅުގެ ފޭސްބުކް ރައްޓެހިން މަންމަ އަށް ފެންނަ ގޮތަށް ބެހެއްޓުމަށް އެދެވިދާނެއެވެ. އަދި ސޯޝަލް މީޑިއާ ރައްކާތެރި ގޮތުގައި ބޭނުން ކުރުމަށް ހަދަން ޖެހޭ ގޮތްތައް ކުއްޖާ އަށް ކިޔައި ދިނުމުން އެކުއްޖަކު އެބަސް އަހާނެއެވެ. އާއްމު ގޮތެއްގައި ހީވާ ހީވުމަކީ ކުދިންނަކީ ބަސް ނާހާ ބައެއް ކަމަށެވެ. ނަމަވެސް ކުދިންނާއި ގާތް ގުޅުން ބާއްވައި ވާހަކަ ދައްކާ ނަމަ ކުދިން ވަރަށް ބަސް އަހާނެއެވެ. ރީޒަނަބަލް ވާނެއެވެ.
މައާފަށް ނޭދުން
ބައެއް މައިންބަފައިންނަކީ އެމީހުންނަށް ކުށެއް ކުރެވުމުން ދަރިންގެ ކިބައިން މާފަށް ނޭދޭ މީހުންނެވެ. މިހެން ހެދުމުން މައާފަށް އެދުމާއި މައާފް ކުރުމުގެ މުހިންމު ކަން ކުދިންނަށް ދަސްނުވާނެއެވެ. މައިންބަފައިންނަށް ކަމެއް ގޯސް ކޮށް ކުރެވުމުން އެކަމަކަށް މައާފަށް އެދުމުން ކުދިންނަށް ދަސްވާ ކަމަކީ އެންމެންނަށް ވެސް ގޯސް/ކުށް ކުރެވޭ ކަމަކާއި މީހުންނަށް މައާފްކުރުމުގެ ރިވެތި ސިފައެވެ.
މިފަދަ ރީތި ސިފަތައް ކުދިންނަށް ބުނެދެވޭނީ އަމިއްލަ އަމަލުންނެވެ. ތިމާ އަކީ މައާފް ނުކުރާ، ކޮންޓްރޯލިން، މީހެއް ނަމަ ތިމާގެ ދަރިން ވާނީ އެފަދަ މީހުންނަށެވެ. އަދި އެ ދަރިންގެ ފަރާތުން އަންނަ ޖީލު ވެސް ވާނީ އެފަދަ ޓޮކްސިކް ބަޔަކަށެވެ. މި ވިހަ ބުރު ހުއްޓުވޭނީ މިކަން ދަސްކޮށްގެން ކޮންމެ މީހަކުވެސް ތިމާގެ ދަރިއަށް އިހުތިރާމުކޮށްގެންނެވެ. ބޭނުންގޮތެއް ކުދިންނަށް ހެދުމަކީ ބޮޑު ގޯހެކެވެ.