މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
1 ޖެނުއަރީ 2023 - 18:50
އާރްޓީއެލް ބަސްތަކުގައި ކާޑު ބޭނުންކުރުމުގެ ޓްރައިލް ފަށައިފި
އާރްޓީއެލް މިނީ ބަސް ތަކުން ކޮންޓެކްޓްލެސް ކާޑު ބޭނުން ކުރުން ޓެސްޓު ކުރަން މިއަދު ފަށައިފި އެވެ. ޓެސްޓު ކުރާ މުއްދަތުގައި ވިސާ ކާޑާއި މާސްޓާ ކާޑު ބޭނުންކޮށްގެން ބަހުގައި ދަތުރުކުރެވޭނެ އެވެ.
މިއަދުން ފެށިގެން ވެހިކަލް ފީ ބަލައިގަންނާނީ ޕޯޓަލްއިން
ޓްރާންސްޕޯޓް މިނިސްޓްރީގެ “ސަވާރީ ޕޭ” ޕޯޓަލުން ވެހިކަލް ފީއާއި ޖޫރިމަނާތައް ބަލައިގަންނަން ފަށައިފި އެވެ. ކުރިން މި ފީތައް ބަލައިގަންނަމުން ދިޔައީ މީރާ އިން ނެވެ.
ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކުރުމަށް ރައީސް ގޮވާލައިފި
އާއަހަރާއި ގުޅިގެން ދިން ޚިޠާބުގައި ރައީސް ބުނެފައިވަނީ މިދިޔަ އަހަރު ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށެވެ. އިންސާނީ ހައްގާއި އިޖްތިމާއީ އަދާލަތު އަދި އިންސާފު ޤާއިމުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރިކަން ރައީސް ފާހަނގަކޮށްފައިވެއެވެ.
ގެވެށި އަނިޔާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ނެއްލައިދޫ ކައުންސިލުން ހިންގައިފި
ހދ.ނެއްލައިދޫ ކައުންސިލް، ހދ.އެފް.ސީ.އެސް.ސީ އަަދި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހދ.ނެއްލައިދޫ ސްކޫލް ބެލެނިވެރިންނަށް ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި.
1/2 pic.twitter.com/nIHQCNg6pX— Ministry of Gender, Family and Social Services (@MoGFSSmv) December 31, 2022
މި ޕްރޮގްރާމްގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން ސައިބަރ ކްރައިމްއާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންވެސް މި ޕްރޮގްރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުން ބައިވެރިވެފައިވެއެވެ.
ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލަނީ
ކުނިނެގުމުގެ ފީ ނުދައްކާ ގޭބީސީތައް ގިނަވަމުން އަންނާތީވެ ކަރަންޓު ބިލުގެ ތެރެއަށް ކުނި ފީ ހިމެނުމަށް އެންވަރަމެންޓް މިނިސްޓްރީ އިން ނިންމައިފިއެވެ. އެ މަސައްކަތް ބަލަހައްޓައި ރެގިއުލޭޓުކުރާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ކަމަށް އެންވަރަމެންޓް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.