ރިޕޯޓު: 2023 — އިގްތިސާދީ ގޮންޖެހުން ބޮޑު ނަމަވެސް އަމާން އަހަރެއް!

3 ޖެނުއަރީ 2023 - 17:14

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 2020 އަދި 2021 ވަނަ އަހަރު ނިމިގެންދިޔައީ އިގްތިސާދި އަދި އިޖުތިމާއީ ގޮތުން ދުނިޔެ ނުދެކޭ ފަދަ އެތައް ކަމެއް ތަޖުރިބާކުރަން ޖެހުނު ދެ އަހަރުގެ ގޮތުގައެވެ. އެ ގޮންޖެހުންތަކުން އަރައިގަނެ ހިންދެމިލަން ގައުމުތަކަށް ފުރުސަތު ލިބުނު ނަމަވެސް މިދިޔަ އަހަރު ވެސް ގިނަ ގައުމުތަކަށް ތަޖުރިބާކުރަންޖެހުނީ ދަތި އުނދަގޫ ދުވަސްތަކެކެވެ.

ރާއްޖެ އަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް ނިމިދިޔަ އަހަރު ގުނަލެވޭނީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި އަދި އަމާން އަހަރެއްގެ ގޮތުގައެވެ.

advertisement

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުން

މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔައީ ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ރަޝިޔާ އިން އެ ގައުމުގެ އަވަށްޓެރި ޔޫކްރެއިން އަށް ހަމަލާ ދީ “ހަނގުރާމަ” ފެށުމެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާ އަށް ކުރިމަތިކުރުވި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ.

ބައެއް ކަހަލަ މުދަލުގެ އަގު އިންތިހާ އަށް ބޮޑުވިއެވެ. ހާއްސަކޮށް ތެލުގެ ބާވަތްތަކެވެ. ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެލުގެ އިތުރުން ކައްކާ ތެލުގެ އަގު ވެސް ބާޒާރުގައި އެތައް ގުނައެއް އުފުލުނެވެ. މައިގަނޑު ސަބަބަކަށްވީ ދުނިޔޭގެ މާކެޓަށް އެންމެ ގިނައިން ކައްކާ ތެޔޮ ނެރޭ ޔޫކްރެއިން ބަންދުވެގެން ދިއުމެވެ. މީގެ އިތުރުން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެލުގެ ބާވަތްތަކުގެ އަގު އުފުލި ތަކެތީގެ އަގު ޖުމްލަ ގޮތެއްގައި ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.

ރާއްޖޭގެ ބަޖެޓު އަންނަނީ ބޮޑުވަމުން

ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މުހިންމު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުންނާއި ޓުއަރިޒަމް ފުޅާކުރުމުގެ ސިޔާސަތު ރަނގަޅުވުމުގެ ސަބަބުން އިގްތިސާދަށް ކުރި އަސަރު މިދިޔަ އަހަރު ވަރަށް ބޮޑުތަނުން ކުޑަކުރެވުނެވެ.

ހަރަދު ކުޑަކުރުމަށް ރޭވި ގިނަ ފިޔަވަޅުތައް ކާމިޔާބުވި ނަމަވެސް އިގްތިސާދީ ދުވެލި މިހާރު އަންދާޒާކުރި ވަރަށް ވުރެ ވެސް މައްޗަށް ޖެހިލީހެވެ. ސިޔާސީ މަގާމުތަކަށާއި ދައުލަތުގެ ވެރިންގެ ދަތުރުތަކަށް ކުރި ހޭދަ ކުޑަކުރުމުގައި ސަރުކާރަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އަނެއްކޮޅުން މިނިމަމްވޭޖް އާއި ބައެއް ދާއިރާތަކުގެ ވަޒީފާގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ވެސް ދައުލަތުގެ ބަޖެޓް އިތުރަށް ބޮޑުވެގެން ދިޔައެވެ.

އެ ގޮތުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އެޅި ފިޔަވަޅުތައް ހިމެނެއެވެ. ތެލަށް ހޭދަކުރުމަށް 340 މިލިއަން ރުފިޔާ ބަޖެޓްގައި ޖެހި ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމުން ރާއްޖެ އިން ތެލަށް ކުރި ހޭދަ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވިއެވެ.

މި ވެރިކަމުގައި ސިޔާސީ ކޯޅުންތައް މަދު

ނިމިގެން ދިޔަ އަހަރު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ ސިޔާސީ ގޮތުން ހަލަބޮލި ނަމަވެސް ހަމަޖެހުން އޮތް އަހަރަކަށްވުމެވެ. މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރަކީ ވެސް މި ހަމަޖެހުން ގާއިމުކުރެވުނު އަހަރުތަކެކެވެ. އެތެރޭގެ ކޯޅުންތައް ބޮޑު ނަމަވެސް ގިނަ ކަންކަމުގައި ރައީސް ސޯލިހް މަޝްވަރާ އާއި ހިކުމަތު އަމަލީ ބޭނުންކުރައްވައި ވަގުތީ ހައްލެއް ނަމަވެސް ހޯއްދަވާކަމީ މި ސުލްހަ ދެމެހެއްޓުމަށް ކޮށިގެން ދިޔަ މަގެކެވެ.

އިދިކޮޅު ފަރާތްތަކަށް ވުރެ މިދިޔަ އަހަރު ސަރުކާރަށް ފިއްތުންތައް ކުރިމަތިވީ ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ތެރެއިންނެވެ. އެ ގޮތުން ޕާޓީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލީހުގެ މަދު މެންބަރުންތަކެއް އަދާކުރެއްވީ އިދިކޮޅު ދައުރެކެވެ. ސަރުކާރުގެ ގިނަ ކަންކަމަށް ފާޑުވިދާޅުވުމާއި ބައެއް ބިލްތައް ފާސްކުރުމުގައި ސަރުކާރާ ދެކޮޅުވުމާއި މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ބައެއް ކަންކަން ނިންމުމަށް ހުރަސް އެޅުމާއި މިހެން ގޮސް އިދިކޮޅު މެންބަރުންނަށް ވުރެ މަޖިލީހުގެ ރައީސް އާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުން ސަރުކާރަށް އަމާޒުވި ފަޑުކިޔުންތައް މާބޮޑެވެ.

ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުން ސަލާމަތްކޮށްދިނީ ފަތުރުވެރިކަން

ނިމިދިޔަ އަހަރު ވެސް ފާހަގަކޮށްލެވުނު އެއްކަމަކީ ދަރަންޏަށް އަދަދުތަކެއް އިތުރުވެގެން ދިއުމެވެ. ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނަގާފައި ހުރި ދަރަންޏާއި ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ނެގި ދަރަނި ދެއްކުމަށާއި އިގްތިސާދީ ދުވެލި ހިފެހެއްޓުމަށް އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު އެތައް މިލިއަން ޑޮލަރެއް ދަރަންޏަށް އިތުރުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި ހިފެހެއްޓުމުގެ މައިގަނޑު ސަބަބަކަށްވީ ޓުއަރިޒަމްގެ ކުރިއެރުންތަކެވެ. ޓުއަރިޒަމް ފެށިތާ 50 އަހަރު ފުރުނު އަހަރުގެ ގޮތުގައި މިދިޔަ އަހަރު ފާހަގަކުރި އިރު ގޮންޖެހުންތަކާ އެކު ވެސް ގިނަ ކުރިއެރުންތަކެއް ލިބުނެވެ. އަހަރު ނިންމައިލީ 1.6 މިލިއަން ޓުއަރިސްޓުންނާ އެކުގައެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީގެ އަންދާޒާ އަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުވި ކަމަށެވެ.

ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ހިޔަންޏާއި އަދި ކޮވިޑަށް ބަންދުކުރި ގޮތަށް ހުޅުވައިނުލައި އޮތް ޗައިނާގެ ޓުއަރިސްޓުންނާ ނުލައި މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި ދުނިޔެ އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި އޮށްވައި މިފަދަ ކާމިޔާބެއް ހޯދުމުގެ ފަހަތުގައި އެތައް ބައެއްގެ މަސައްކަތް ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0