އަބަދު ބާރަށް ހަޅޭއްލަވައި އެއްޗެތި ކިޔުމުން ކުދިންނަށް ލިބޭ ނަފްސާނީ ގެއްލުން ތަޅައި އަނިޔާކުރުމުން ލިބޭ ގެއްލުމާއި އެއްވަރު

4 ޖެނުއަރީ 2023 - 11:13

ކިތަންމެ ބާރަށް ހަޅޭއް ލެވިއަސް ތިމާ ބޭނުންވާ ގޮތަކަށް ކުއްޖާ ނުހޭނޭނެއެވެ. ނުވަތަ ކަންކަން ނުކުރާނެއެވެ. ހަޅޭއް ލެވީމާ ކުއްޖާ އާއި މަންމަ/ބައްޕަ އާއި މެދު އޮންނަ ގުޅުން ވާނީ ގޯހެވެ. ލިބޭނީ ކުއްޖާގެ ނަފްރަތެވެ. ކުއްޖާއަށް ލިބޭނީ ނަފްސާނީ ގެއްލުމެވެ. ދަސްވާނީ ހަޅޭއްލަވައި ރުޅި އިސްކުރުމެވެ.

މިކަން ހުއްޓާލަންވީ ސަބަބުތަކަކީ؛

1.         ކުއްޖާއާއި ދިމާލަށް ހަޅޭއް ލެވުމުން ބިރުގަނެފައި ހުންނަ ވަގުތަކީ ކަމެއް ދަސްކުރެވޭނެ ވަގުތެއް ނޫނެވެ. އެހެން ކަމުން މިސާލަކަށް، ކަމަކާއި މެދު ކުއްޖާ ދޮގު ހަދައިފި ކަން އެނގޭ ނަމަ ބާރަށް ހަޅޭއްލަވައި ރުޅި އިސްކުރުމުން ކުއްޖާ ދާނީ ޕެނިކް މޯޑް އަށެވެ. ސިކުނޑީގެ ލާނިން ސެންޓަރ ޝަޑްޑައުން ވެ، ހާސްވެ، ބިރުގަތުމުން ރަނގަޅަށް ވިސްނާކަށް އަދި އިމޯޝަން ރެގިއުލޭޓް ކުރާކަށް ކުއްޖާ އަށް ނޭނގޭނެއެވެ. އޭގެ ބަދަލުގައި މަޑުމައިތިރި ކަމާއި އެކު ގާތްކޮށް ވާހަކަ ދެއްކީމާ ކުއްޖާވެސް އިހުތިރާމާއި އެކު ވާހަކަދައްކައި، ޖެހުނު މައްސަލަ ހައްލުކުރުމަށް ދަސްކުރާނެއެވެ. ބޮޑުވުމަށް ފަހު ވެސް މައްސަލަތައް ހައްލުކުރުމުގައި ރުޅި އިސް ނުކުރާނެއެވެ.

advertisement

2.         އަހަރެމެންގެ ނަފްސުގެ އަގު އަހަރެމެން ކަނޑައަޅާ އެއް ގޮތަކީ އެހެން މީހުން އަހަރެމެންގެ އަގު ވަޒަންކުރާ މިންވަރާއި ގުޅުވައިގެންނެވެ. އެކަކު އަނެކަކުގެ އަގު ވަޒަންކުރުމަކީ ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާ ކަމެކެވެ. އެހެން މީހަކު ކުއްޖާއާއި ދިމާލަށް ހަޅޭއްލެވުމުން އެ ކުއްޖަކަށް ތިމަންނާމީ އެއްވެސް މީހެއް ނޫން ކަމުގައި އިހުސާސް ކުރެވެން ފަށާނެއެވެ. އަދި ހަޅޭއްލަވާ މީހާ އަކީ ދުޝްމަނެއްގެ ގޮތުގައި ދެކެވެން ފަށާނެއެވެ.

3.         ކުދިންނަށް އެންޒައިޓީގެ އުނދަގޫ އެންމެ ފުރަތަމަ ބޮޑުވަނީ މައިންބަފައިންގެ ފަރާތުންނެވެ. ޑރ. މާހަމްގެ ދިރާސާއިން ދައްކާގޮތުން މައިންބަފައިން އަބަދު ހަޅޭއްލަވާ ނަމަ ކުދިންގެ އެންޒައިޓީ ބޮޑުވެއެވެ. ކުއްޖާއަށް މިސްޓޭކެއް ހެދޭ ވަގުތުތަކުގައި މައިންބަފައިން އަމަލުކުރާ ގޮތުގެ ސަބަބުން އެންޒައިޓީ އިތުރަށް ބޮޑުވެ ނުވަތަ ހަމަ ޖެހެއެވެ. އެހެން ކަމުން ބާރަށް ހަޅޭއް ލެވުމަކީ އެންޒައިޓީ ބޮޑުވެ ކުއްޖާ ޑިޕްރެސް ވެދާނެ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން…

ދިރާސާތައް ދައްކާ ގޮތުން ހަޅޭއްލަވައިގެން ބިރުދައްކައިގެން އެއްޗެތިގޮވުމުގެ ތެރެއިން ކުއްޖާ ޑިސިޕްލިން ކުރުވަން މަސައްކަތްކުރާ މީހުންގެ ކުދިން އެންޒައިޓީ އާއި ޑިޕްރެޝަން ތަހައްމަލުކުރެއެވެ. އަދި ސްކޫލުގައި ކިޔެވުމަށް ވެސް ބުރު އަރައެވެ. އަދި އާދަވެގެން އަބަދު އަބަދު ހަޅޭއް ލަވާ ނަމަ ކުއްޖާގެ ސިކުނޑި ހެދިބޮޑުވާ ގޮތްވެސް ތަފާތުކަމަށް ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގެ ދިރާސާތަކުން ދައްކައެވެ. އަދި ހަޅޭއްލެވުމުން ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކަކީ ޖިސްމާނީ އަނިޔާ ނުވަތަ ފިޒިކަލް އަނިޔާ (ގައިގައި ތެޅުން ފަދަ ކަންކަން) އިން ކުރިމަތިވާ މައްސަލަތަކާއި އެއްވަރުކަމަށް ވެސް ދިރާސާވެރިން ބުނެއެވެ.

ވީމާ އަނިޔާ ނުކުރުމުން އެކަނި ނުފުދެއެވެ. ހަޅޭއްލަވައިގެން ކުދިން އަދަބުވެރި ކުރުވާނަމަވެސް ކުދިންނަށް ގެއްލުން ވެއެވެ. އަދި ހަޔާތުގެ ބޮޑު ބައި އެ އުނދަގޫތަކާއި ކުރިމަތި ލާން ޖެހެއެވެ. ދޭތެރެއަކުން ބާރަށް އެއްޗެއް ބުނުމަކީ ކުއްޖާގެ ހަޔާތަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަން ވެސް ދަންނަން ޖެހެއެވެ.

އަހަރެމެން އެންމެންނަކީ ވެސް އިންސާނުން ކަމުން އަމިއްލަ އިމޯޝަން މެނޭޖް ކުރުމަށް ދަތިވާ ފަހަރު އަންނާނެއެވެ. އަދި ކުދިންނާއި ދިމާލަށް ބާރަށް ވާހަކަ ދެއްކުމަކީ ވިސްނައިގެން އުޅުނަސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް މުހިންމު ކަމަކީ ކުދިންނަށް އަދަބު ދިނުމުގެ ގޮތުންނާއި، ބަސްއެހުވުމުގެ ގޮތުން ބިރު ދައްކަން ބާރަށް ހަޅޭއް ލެވުމަކީ ކުދިންނަށް ނުހަނު ގެއްލުން ހުރި ކަމެއް ކަމެވެ. ދިގުދެމިގެންދާ މިފަދަ ކަންކަމާއި ގައިގައި ތަޅައި އަނިޔާ ކުރުމުން ލިބޭ ނަފްސާނީ އަނިޔާ އާއި އެއްވަރުކަމެވެ.

ރިއެކްޝަންސް
1
1
1
2
2
1
0