މާލެއިން ސިޔާސީ މީހަކު ރަށަށް އަރާއިރަށް އަތިރިމައްޗަށް ނިކުމެ ތިބެން ނުޖެހޭކަން ދަސްކޮށްދެވިއްޖެތަ؟

11 ޖެނުއަރީ 2023 - 10:48

ޒަމާނުއްސުރެންވެސް ރާއްޖެތެރެއަށް ސިޔާސީ މީހަކު އަންނަ އިރު އެމީހެއްގެ އިސްތިގުބާލުގައި ރަށުގެ ކުދި ބޮޑު އެންމެން ކަހަލަގޮތަކަށް ނިކުމެ ތިބެއެވެ. 1990ގެ އަހަރުތަކުގައި ރަށަކަށް އޭރުގެ ރައީސް މައުމޫނު އަންނަ ނަމަ ރައީސްގެ ކާރު ދުއްވަން ހާއްސަކޮށް ވަކި މަގުތަކެއް ކަނޑައަޅައި އެމަގުތަކަށް ދޮންވެލި ލާ ގަސްޖަހައި ރީތިކުރެއެވެ. އެމަގުތަކުގައި ހުންނަ ގެތަކުގެ ފާތުތަކުގައި އުވަލައި ހުދުކޮށް ޗާލުކުރެއެވެ.

ބައެއް ފަހަރު ރައީސަށް ރަށަށް އާދެވޭ އިރު މާގަސްތައް މިލާފައިވެސް ހުރެއެވެ. އެއީ އެދުވަހު ތަނަކުން ގެނެސް މަގުގައި މާގަސް އިންދީމާ ވާގޮތެވެ. ގިޑިގެ ހަދައި ބަނދަރުމަތި ނަލަކޮށް، މަދަރުސާތަކުގެ ކުދިން ނަލަހެދިގެން ގޮސް ގައުމީ ދިދަ ހިފައިގެން ފާލަން މަތީގައި ނުވަތަ ޖެޓީ ކައިރީގައި އެތުރި ތިބެއެވެ. އެއަންނަ މެހުމާނެއް ކުރިމަތީ ނެށުމާއި، ކަރުގައި މާފަތި އެޅުވުމާއި ސިއްހަތު ރަނގަޅު އަންހެން ކުދިން ރޭގަނޑު އަތޮޅުގެއަށް ފޮނުވުންވެސް އޭރު އޮވެއެވެ. ފާލަން މަތީގައި އަވީގައި ތިބެން ޖެހުމުން ބައެއް ކުދިން މޫނުމައްޗަށް އަނދިރިވެ ހުރިދިމާ ބިންމައްޗަށް ވެއްޓެންވެސް ވެއްޓެއެވެ. މިހެން ތިއްބައި ބައެއް ފަހަރު ރައީސް ބައެއް ރަށްރަށަށް ނުގޮސް އެނބުރި މާލެވެސް ދެއެވެ.

advertisement

އައްޑުއަތޮޅަށް ކުރި ދަތުރެއްގައި އެއަތޮޅު ރަށްތަކަށް ޒިޔާރަތްކުރަމުން ގޮސް ވަކި ހިސާބަކުން ދަތުރު ކުރުކޮށް މާލެ ދިޔުމުން ބާކީ ހުރި ރަށްތަކުގެ މީހުން ރޮއެވެސް ހެދިކަމަށް ވެއެވެ. ކޮންމެއަކަސް އެއީ އެޒަމާނެވެ. މިނިސްޓަރެއް ވިޔަސް އަތޮޅުވެރިއެއް ވިޔަސް، ސަރުކާރުގެ “ބޮޑު” މީހެއް ކަމުގައި ރައްޔިތުން ދެކޭ މީހަކު ރަށަށް އަރައިފި ނަމަ އެމީހަކަށް އިހުތިރާމް ދިނުން އޮންނަނީ މިފަދައިންނެވެ.

މި ސަގާފަތަކީ އަޅުވެތިކަން ރަމްޒުކޮށްދޭ ސަގާފަތެއްކަމުން މިކަމާއި ދެކޮޅަށް މީހުން ވާހަކަދައްކަން ފެށިއެވެ. އިސްވެ އެވާހަކަތައް ދައްކަން ފެށީ އެމްޑީޕީ އިންނެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ރަށަކަށް މާލެއިން ސިޔާސީ މީހަކު ދާއިރު ފާލަންމަތީ ތިބޭ މީހުން މަދެއް ނޫނެވެ. މަދަރުސާތަކުގެ ކުދިން ޔުނިފޯމުގައި ނުނެރުނު ނަމަވެސް އަދިވެސް ކުދިން ގެންގޮސް ސަފުހަދާފައި ބައިތިއްބާ ރަށްތައް ގިނައެވެ.

މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ދާއިރާ އަށް ޒިޔާރަތް ކުރާއިރު، މާލޭގައި އޮންނަ އޭނާގެ ޓީމަކުން އޭނާގެ ފައިސާއިން ރަތްދޫލަ ގަނެފައި ރަށްތަކަށް ފޮނުވުމަކީ ވެސް މިހާރުވެސް ހިނގާ ކަންކަމެވެ. ރަށަށް ގޮސް މެމްބަރު ފައި ބީއްސާ ދޫލަ އަކީ ލޯބިން އޭނާގެ ދާއިރާ މީހުން އަޅާ އެއްޗެއް ނޫނެވެ. އެއީ ކަން ދެއްކުމުގެ ބޭނުމުގައި އޭނާ އަމިއްލައަށް ގަނެގެން ގެނެސް ފަތުރާލާ ދޫލައެކެވެ. އިހުތިރާމާއި ލޯބި އެއީ މިހާރު ސްޓޭޖް ކޮށްގެން ދައްކާލަން ކޮންމެހެން މުހިންމު ކަމެއް ކަމަށް ސިޔާސީ މީހުން ދެކެއެވެ.

މި ސަގާފަތް ނައްތާލެވޭނީ ކިހިނެތްބާވައެވެ. މިދާކަށް ދުވަހު ފެނިގެން ދިޔައީ އަންހެނަކު ސިޔާސީ ބައެއްގެ ކުރިމަތީގައި ނަށަމުން ދިޔައިރު، އެތަން ބަލަން އަތްޖަހަން ފިރިހެނުންތަކެއް ކޮއްޅަށް ތެދުވެ ތިބި މަންޒަރެވެ. އެއީ ސިޔާސީ ޖަލްސާއެކެވެ. މިފަދަ ކަންކަން މީހުން ކުރީމާ، މިސާލަކަށް ބަނދަރުމަތީގައި ސަފުހަދައިގެން ތިބޭނަމަ، ލޯންޗުން ނުފައިބައި، އެންމެ ފުރަތަމަ އަތިރިމަތީ ތިބި މީހުން ގެއަށް ދިޔުމަށް އެދޭނެ ސިޔާސީ މީހަކު ހުރެދާނެބާއެވެ؟ މިގޮތަށް ކަންތައް ކުރަން ފަށައިފި ނަމަ މީހުންނަށް އެމީހުންގެ މަގާމު ދަސްވާނެ ބާއެވެ؟ މިލަދުވެތި އަމަލު ހުއްޓުވުމަށް ސިޔާސީ މީހުން ކުރަނީ ކޮންކަމެއްތޯއެވެ؟

މިއީ ކުރަން ނުޖެހޭ ކަމެއްކަމަށް ވާހަކަ ދެއްކި މީހުންވެސް ރަށްރަށަށް އަރައިގެން ދަނީ އެތުރިގެން ތިބޭ މީހުން އެމީހާގެ ކަރުގައި އަޅުވާ މާފަތި ކަރަށް މަހަމުން ހެމުންނެވެ. ނަމޫނާ ދައްކައި، ތިމަންނާ މީ މިފަދަ ނާތަހުޒީބީ އަމަލުތަކަށް ހިތްވަރުދޭނެ މީހެއް ނޫން ކަން އަމަލުން ދައްކައި، މާފަތި ނުގެނައުމަށާއި، ބަނދަރުމަތީގައި އެތުރި ނުތިބުމަށާއި، އެމީހުންނަށް ހުށަމަދުކުރުމަށް ނަށައި ގުދަށް ނުތިބުމަށް އަންގާނީ ކޮން ސިޔާސީ ވެރިއެއްބާއެވެ؟

ކުރީގެ އެޓޯލްސް މިނިސްޓަރުކަން ކުރި ވަހިއްދީނު އެއްފަހަރެއްގައި އެގޮތަށް ރަށެއްގެ މީހުން އެތުރި ތިއްބައި، ލޯންޗު އަނބުރާލަން އެންގިކަމަށް ވެއެވެ. އަދި ރަށު އޮފީހަށް ގުޅައި، އަތިރިމަތީ ތިބި މީހުން ގެއަށް ދިޔުމަށް އެންގުމަށް ބުނެފައިވެއެވެ. މިއީ ދިގުދެމިގެން އައިސްފައިވާ ޒަމާންވީ އާދައެއް ނައްތާލުމަށް ސިޔާސީ މީހުންނަށް ކުރެވިދާނެ ކަމެކެވެ.

ސުވާލަކީ އެކަން އެގޮތަށް ކުރާނެ ސިޔާސީ ބަޔަކު އެބަތިބިތޯއެވެ؟ ނުވަތަ ބޭނުންވަނީ މީހުންގެ ތާއީދު އޮތްކަން ދެއްކުމަށްޓަކައި ވީހާވެސް ގިނަ މީހުން ސަފުހަދައިގެން އަތިރިމައްޗަށް ނެރެ ބޭތިއްބުމަށް ބާއެވެ؟

ރިއެކްޝަންސް
3
1
0
0
0
0
0