ފަރުވާ ހޯދާ މީހުންގެ 99 އިންސައްތަ މީހުން އަލުން މަސްތުވާން ފަށާ — ފަރުވާގެ ޕްރޮގްރާމުގައި ސީރިއަސް މައްސަލަތަކެއް
14 ޖެނުއަރީ 2023 - 14:53
އެންޑީ އޭއިން ފަރުވާ ހޯދަމުން އަންނަ 1017 މީހުންގެ ތެރެއިން މިދިޔަ އަހަރު 242 މީހުން ވަނީ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު އަލުން މުޖުތަމައަށް ނިކުމެފައެވެ. މިވަގުތު ފަރުވާ ހޯދަމުން އަންނަ 775 މީހުން އެންޑީއޭގައި ރަޖިސްޓްރީ ވެފައިވެއެވެ. ފަރުވާ ބޭނުންވެގެން އެދިފައި، ނަމަވެސް ޖާގަ ނެތިގެން ވަރަށް ގިނަ މީހުން އެބަތިބި ކަމަށް ވެސް އެންޑީއޭ އިން މައުލޫމާތު ދެއެވެ.
MIRA Collected MVR 2.58 Billion in Tax Revenue Last December 2022 pic.twitter.com/Y66HyNqRRp
— MV+ (@mvplusmedia) January 12, 2023
ކަންބޮޑުވުން ހުރި މުހިންމު މައްސަލަ އަކީ ފަރުވާ ޕްރޮގްރާމް ނިންމާ މީހުންގެ ތެރެއިން 99 އިންސައްތަ މީހުން އަނބުރާ މަސްތުވާތަކެތި ބޭނުން ކުރަން ފަށާކަމެވެ. މީގެ އެންމެ މައިގަނޑު ސަބަބު ކަމުގައި ރިކަވަރީ ކޯޗު، މުހައްމަދު ސަބުރީ ފާހަނގަކުރަނީ މިހާރު ދެމުން ގެންދާ ފަރުވާ ޕްރޮގްރާމުގައި ހުރި މައްސަލަތަކެވެ.
- އެންޑީއޭ އިން މިހާރު ދޭ ފަރުވާ ޕްރޮގްރާމްގެ ދަށުން ފަރުވާ ހޯދާ މީހާ އަށް އެމީހާ އަށް ހާއްސަ، އިންޑިވިޖުއަލައިޒްޑް ފަރުވާ އެއް ނުދެއެވެ.
- ހުރިހާ މީހުންނަށް ވެސް ދޭ ފަރުވާ އަކީ، ނަމާދުކުރަން ދަސްކޮށް ދިނުމާއި ތައުލީމުދިޔާނާ ދަސްކުރުން އަދި ގްރޫޕް ކައުންސިލިން ސެޝަންތަކެކެވެ.
- ސައިކޯ ސޯޝަލް ސަޕޯޓު އެއްވެސް މިންވަރަކަށް ނުދެއެވެ.
- މީހާގެ ހާލަތު ބެލުމަށް ހަދާ އެސެސްމަންޓު ހަދަނީ އެމީހާ ކްލީން ނުވަނީސްއެވެ. މާނަ އަކީ އެމީހާގެ އެސެސްމަންޓް ހަދަނީ އެމީހާ މަސްތުވެގެން ހުންނަ މުއްދަތުގައި ނުވަތަ ވިތްޑްރޯވަލް ގައި ހުންނަ މުއްދަތުގައެވެ.
- މީގެ ސަބަބުން، މީހާގެ އެސެސްމަންޓް އިން އެމީހާގެ އަންޑަލައިން މައްސަލަ ފާހަނގަ ނުކުރެވެއެވެ. މިސާލަކަށް، ޗައިލްޑް ހުޑް ޓްރޯމާ ނުވަތަ ދިމާވެފައިވާ ބޮޑު ހާދިސާ އެއްގެ ނުވަތަ އަނިޔާ އެއްގެ ސަބަބުން ނުވަތަ ތައުލީމު ނުލިބުމުގެ ސަބަބުން ބާކީވެފައިވާ މީހާ ޑިޕްރެޝަން އަށް ގޮސްގެން މަސްތުވާން ފަށާފާނެއެވެ. މިފަދަ މީހުންނަށް އެމީހުންނަށް ބޭނުންވާ އަސްލު ސައިކޯ ތެރަޕީ އާއި ފަރުވާ ނުލިބުމުގެ ނަތީޖާ އަކީ ފަރުވާ ޕްރޮގްރާމު ނިންމުމަށް ފަހު އަލުން އަނެއްކާ މަސްތުގެތެރެއަށް ދިޔުމެވެ. މިވަގުތު އެންޑީއޭ އިން ކްލައިންޓުންގެ އެސެސްމަންޓް ހަދަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަން ކުރާ ގޮތަކަށް ނޫން ކަމަށް ވެސް ސަބްރީ ފާހަނގަކުރެއެވެ.
- އޭނާ ދެން ފާހަނގަ ކުރި ގޮތުގައި ފަރުވާ ހޯދާ މީހުން ރިލެޕްސް ވާ އަނެއް ސަބަބަކީ ފޮލޯއަޕް ނުހެދުމެވެ. ފަރުވާ ނިންމާ ފަރާތްތަކުގެ ކޭސް ފޮލޯއަޕް ހަދައި، ހާލު ބަލައި ހެދުމަކީ ވަކި މުއްދަތެއް ވަންދެން ކުރަންޖެހޭ ކަމެއް ނަމަވެސް މިވަގުތު އެންޑީއޭ އިން މިކަން ނުކުރެއެވެ.
- ފަރުވާ ބިނާވަނީ މީހާގެ ހާލަތު ވަޒަންކޮށް ހަދާ އެސެސްމަންޓްއަކަށް ބިނާކޮށެވެ.
- މި އެސެސްމަންޓް ހަދަން ޖެހޭނީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހާ ބަހައްޓައިގެން އެމީހާ ޑިޓޮކްސް ވުމަށް ފަހުގައެވެ. އެހެން ނޫންނަމަ އޭނާ ދޭ ޖަވާބަކީ އެންމެ ރަނގަޅު ޖަވާބަށް ނުވުމުގެ ފުރުސަތު ބޮޑެވެ.
- ނަމަވެސް މިވަގު އެންޑީއޭ އިން އެސެސްމަންޓްތައް ހަދަނީ މީހާ ވިތްޑްރޯވަލް ގައި ހުންނަ މުއްދަތުގައެވެ. ނުވަތަ ހަށިގަނޑުގައި މަސްތުގެ އަސަރު ހުންނަ މުއްދަތުގައެވެ.
މަސްތުވާތަކެތިން ބޭނުންކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް މިވަގުތު ރާއްޖޭގައި ލިބެން ހުރި “ފަރުވާ” އަކީ ސީރިއަސް މައްސަލަތަކެއް އޭގައި ހުރި ޕްރޮގްރާމެކެވެ. ދައުލަތުން އެތައް ފައިސާ އެއް ހަރަދުކޮށްގެން އެންޑީއޭ ހިންގާ އިރު، އެތަނުން ނިކުން މީހުންގެ 99 އިންސައްތަ އަލުން މަސްތުވާން ފެށުމަކީ އިސްރާފުވެގެންދާ އެތައް ފައިސާއެއް ވެސް މެއެވެ.
ރާއްޖޭގައި ހުރި ގިނަ ފެސިލިޓީތަކަކީ ފަރުވާ ގެ ބަދަލުގައި ޑިޓޮކްސް ކުރުމުގެ ހިދުމަތްދޭ ތަންތަނެވެ. ހިންމަފުށީގައި އެންމެ ފުރަތަމަ ފަރުވާ ދޭން ފެށީއްސުރެންވެސް މިއަދާއި ހަމައަށް މީހުންނަށް ދެމުން އަންނަނީ އެއް “ފަރުވާ” އެކެވެ. ނަފްސާނީ ފަރުވާ ނުދީ ހަމައެކަނި ކެއުމާއި ނިދުން ހަމަޖެއްސުމަށް ފަހު ޑިޓޮކްސް ކޮށްފައި އަލުން މުޖުތަމައަށް ދޫކުރުމުގެ ނަތީޖާ ސުމެކެވެ. މަސްތުވާތަކެތީގެ ފަރުވާ މިއަށްވުރެ ހަރުދަނާ ނުވާނަމަ އަހަރަކު ކިތަންމެ ގިނަ ބަޔަކު ފަރުވާ ހޯދިއަސް އެކަންވެގެން ދާނީ ފޫނެތްފަޔަށް ފެންފުރުމަށެވެ