ރިޕޯޓް: ރިޔާސީ އިންތިހާބުގެ ނަތީޖާ ޒުވާނުންގެ އަތުގައި!

18 ޖެނުއަރީ 2023 - 13:22

ރާއްޖޭގެ އިންތިހާބުތަކުގައި ޒުވާނުންގެ ބައިވެރިވުން އަބަދު ވެސް ވަރަށް މުހިންމެވެ. ހާއްސަކޮށް ވޯޓުލެވޭ އުމުރު 21 އަހަރުން ފެށިގެން މައްޗަށް އޮތް އޮތުން ބަދަލުވެ، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ޒުވާނަކަށް ވެސް ވޯޓުލުމުގެ ހައްގު ލިބިދިނުމާ އެކު އިންތިހާބުތަކުގައި ޒުވާނުންގެ މުހިންމުކަން އައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޒުވާނުންނެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262،135 މީހުންނަށެވެ. އޭގެ ތެރެއިން 89.2 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ. އެ އިންތިހާބު މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ 134705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 58.4 ޕަސެންޓެވެ. އޭރު ވެރިކަމުގައި ހުންނެވި އަބަދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.6 ޕަސެންޓެވެ.

advertisement

މިއީ މިހާތަނަށް ރިޔާސީ އިންތާހާބެއްގެ ނަތީޖާ މިހާ ތަފާތުބޮޑުކޮށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެއްބުރުން ކާމިޔާބު ކުރެވެނު ފުރަތަމަ ރިޔާސީ އިންތިހާބެވެ.

މި އަހަރު ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 280،000 އަށް ވުރެ ގިނަ ވާނެ ކަމަށް އިލެކްޝަންސް އިން އަންދާޒާކޮށްފައި ވެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މީގެ ތެރެއިން 100،000 ވުރެ ގިނަ މީހުންނަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އުމުރުން 18 އަހަރު ފުރިގެން މުޅިން އަލަށް ވޯޓުލެވޭ ޒުވާނުންގެ އަދަދު ވެސް 21،000 އަށް އަރައެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ތަފާސް ހިސާބުތަކުގެ ތަޖުރިބާކާރުން ލަފާކޮށްފައި ވަނީ 250،000 ރައްޔިތުން ވޯޓް ލާނެކަމަށެވެ. އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެންމެ މަދުވެގެން 130،000 ވޯޓު ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ އިރު ޒުވާނުންގެ މުހިންމުކަން ކޮންމެ ކެންޑިޑޭޓަކަށް ވެސް ވަރަށް ބޮޑުވާނެއެވެ.

އެހެންކަމުން މިހާރު އިންތިހާބުގެ ކެމްޕެއިންގެ ތައްޔާރީތައް ވަމުން އަންނަ އިރު އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އާބާދީގެ ތާއީދު ނުލިބޭ ސިޔާސަތުތަކެއް ނެތި, އިންތިހާބު ކާމިޔާބު ކުރުން މުސްތަހީލެވެ. 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުން މިނެކިރާއިރު, އިދިކޮޅުން އިތުރަށް 35000 ވޯޓް ހޯދަން ޖެހޭނެއެވެ. އަދި މިހާރުގެ ސަރުކާރަށް 2018 ވަނަ އަހަރު ލިބުނު މިންވަރަށް ވޯޓް ލިބިއްޖެނަމަ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެއެވެ.

އަދުގެ ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް

ޒުވާނުންގެ ތާއީދު ހޯދުމަށްޓަކައި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަމާޒު ހިފުން މުހިންމެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ފާހަގަކޮށްލެވެއެވެ. މިއީ އެއްވެސް ސަރުކާރަކަށް ހައްލުކުރެވުނު މައްސަލައެއް ނޫނެވެ. އަހަރުން އަހަރަށް، އެއް އިންތިހާބުން އަނެއް އިންތިހާބަށް މި މައްސަލަ ދަނީ ބޮޑުވަމުންނެވެ.

އިންތިހާބުގެ ދުވަސްވަރު މި މައްސަލައިގެ ނާޖާއިރު ފައިދާ ވެސް ސިޔާސީ ފަރާތްތަކުން ނަގާކަން ފާހަގަކޮށްލަންޖެހެއެވެ. އެ ގޮތުން މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ ޒުވާނުންނަށް ފައިސާ އާއި މަސްތުވާ ތަކެތި ދީ، އެފަދަ ފަރާތްތަކުގެ އައިޑީކާޑު އަތުލުން ފަދަ ކަންކަމަކީ ބައެއް ރަށްރަށުގައި ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ހިންގާ ކަންތައްތަކެވެ.

މީގެ އިތުރުން ގެދޮރުގެ ދަތިކަމާއި ވަޒީފާގެ މައްސަލައަކީ ވެސް ޒުވާނުންގެ އާބާދީގެ ތާއީދު ހޯދުމަށް މަސައްކަތްކުރާ އިރު އެޑްރެސްކުރަންޖެހިފައިވާ ކަމެކެވެ. ގެދޮރެއް އަދި ވަޒީފާއެއް ނުލިބި އެތައް ޒުވާނުންނެއް މަގުމަތިވެފައި އެބަ ތިއްބެވެ. އިންތިހާބު މިނެކިރާއިރު މި މައްސަލައަށް ވެސް ފޯކަސްކުރަންޖެހެއެވެ.
ޒުވާނުންގެ އާބާދީ އަށް އަމާޒުކޮށްގެން ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ވަޒީފާތައް އުފެއްދުމުގައި ޒުވާން އާބާދީ އަށް ވަރަށް ބޮޑަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ. އެ ގޮތުން ފެރީގެ ނިޒާމާއި ބަހުގެ ނިޒާމުގެ ތެރެއިން އުފެދިފައިވާ ގިނަ ވަޒީފާތަކެއް ޒުވާނުންނާއި ދެ ޖިންސްގެ ހަމަހަމަކަމަށް އިސްކަން ދީފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ވެސް ސަރުކާރުން އިސްކަންދީފައި ވެއެވެ. އެ ގޮތުން މި ސަރުކާރުން ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ޒުވާނުންގެ ތާއީދު ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ސަރުކާރުގެ ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީ އެއް ޕަސެންޓަށް ކުޑަކުރުމާއި ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ސްޓޫޓެންޑް ލޯނުގެ އިންޓަރެސްޓް ރޭޓް ނުވަ ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަކީ ވެސް ރަނގަޅު ބަދަލެކެވެ. އަދި އެސްއެމްއީ ބޭންކް މެދުވެރިކޮށް ޒުވާނުންކުރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބިލިއަނުން ލޯނު ދޫކޮށްފައިވާކަން ފާހަނގަ ކޮށްލެވެއެވެ.

ޒުވާނުންގެ ތާއިދު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނައެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި މަތީ ތައުލީމަށް ހުރި ފުރުސަތުތައް އިތުރުކުރުން މުހިންމެވެފައިވާ އިރު ބޯހިޔާވަހިކަމުގައި ވެސް ޒުވާނުންގެ އާބާދީ އަށް އިސްކަން ދިނުން މުހިންމެވެ. ޒުވާނުން ބާރުވެރިކޮށް، ޒުވާން ވިޔަފާރިވެރިން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ބޮޑު ބައެއް ހާއްސަކުރަންޖެހެނީ ޒުވާނުންނަށެވެ. ބޯހިމެނުމުގެ ތަފާސް ހިސާބުތައް އެއްކޮލުމުން މި މަންޒަރު އިތުރަށް ސާފުވެގެންދާނެއެވެ. ރިޔާސީ އިންތިހާބު ބޯމަތީގައި އޮއްވައި ބޯހިމެނުން ވެގެންދާނީ އިންތިހާބުގެ ކެމްޕެއިން ރާވާ ފަރާތްތަކަށް ވެސް މުހިންމު މައުލޫމާތުތަކެއް ލިބިދޭ ކަމަކަށެވެ. މި ވަގުތު ދައްކަނީ އިންތިހާބު ނަތީޖާ ނިންމާނީ ޒުވާނުން ނިންމާ ގޮތެއްގެ މައްޗަށް ކަމެވެ.

ރިއެކްޝަންސް
0
0
0
0
1
1
0