ފޭކު އެމްސީގެ ވާހަކަ — މީހުން ފޭކީތަ ނުވަތަ މީހުންގެ ނަފްސާއި ޖިސްމު ބާން އައުޓްވަނީތަ؟

18 ޖެނުއަރީ 2023 - 15:01

ޑޮކްޓަރަށް ގޮސް ކިއުގައި ޖެހިގެން ހުރެގެން އެމްސީ ހޯދާނެ ވަގިތު ނެތް މީހުންނަށް އެކަން ކޮށްދޭ ބަޔަކު އެބައުޅެއެވެ. 100 ރުފިޔާ އާއި 300 ރުފިޔާ އާއި ދޭތެރޭގެ އަގުތަކުގައި ފޭކު އެމްސީ މިހާރު ލިބެއެވެ. ހޮސްޕިޓަލު އަދި ކްލިނިކުތަކުގެ ލެޓާހެޑް ނަކަލުކޮށްގެން މިކަން ކޮށްދޭ މީހުން އަންނަނީ ގިނަވަމުންނެވެ.

ދިވެހިން ކަންނެތް ވާހަކަ އާއި މަސައްކަތަށް ފަރުވާ ކުޑަ ވާހަކައަކީ އާއްމުވާހަކައެކެވެ. ހާއްސަކޮށް ވަޒީފާ ދޭ ފަރާތްތަކުން ދެކޭ ގޮތުގައި ދިވެހިންނަކީ މަސައްކަތަށް ވަރަށް ފަރުވާ ކުޑަ ބައެކެވެ. އަމުދުން މިހާރު އަލަށް ވަޒީފާތަކަށް ވަންނަ އުމުރުގެ ޅަ ޒުވާނުންގެ މަސައްކަތު ވައްޓަފާޅި ވަރަށް ތަފާތުކަމަށް އޮފީސްތަކުގެ ވެރިން ދެކެއެވެ.

advertisement

މީގެ ފަނަރަ ނުވަތަ ވިހި އަހަރު ކުރިން މީހުންގެ ސިކުނޑި ސްޓިމިއުލޭޓް ނުވާ މިންވަރަށް މިހާރު އެންމެންގެ ސިކުނޑިތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓިމިއުލޭޓް ވެއެވެ. ފޯނު ނަގާ ބަލާލާ ކޮންމެ ވަގުތަކު ސޯޝަލް މީޑީއާ ބަލާލުމުން މިނެޓެއްގެ ތެރޭގައި ސިކުނޑިއަށް ވަރަށް ގިނަ މައުލޫމާތު ނަގައި، ޕްރޮސެސް ކުރަން ޖެހެއެވެ.

ނަތީޖާއަކީ ސިކުނޑި މާ އަވަހަށް ވަރުބަލިވެ ހަށިގަނޑުވެސް ވަރުބަލިވުމެވެ. ވީމާ، މިހާރުގެ ވޯކިން ފޯސް އާއި މީގެ 15 އަހަރު ކުރީގެ ވޯކް ފޯސްގެ ޑިސިޕްލިން އާއި މަސައްކަތް ކުރާ ގޮތް ތަފާތު އެއް ސަބަބަކީ މިއީ ކަމުގައި ދިރާސާވެރިންވެސް ދެކެއެވެ.

ދިރިއުޅުމުގެ ހާލަތުގެ ވާހަކަ

އޮފީހުގައި 8 ގަޑި އިރު މަސައްކަތް ކުރާ މީހާގެ ހަމަ އެކަނި މަސައްކަތަކީ 8 ގަޑީގެ އޮފީސް މަސައްކަތެއް ނޫނެވެ. އޭނާގެ ސިކުނޑި ހުންނަނީ ހޭލާ ވަގުތުން ފެށިގެން އަވަސް ބާރުމިނެއްގައި އަބަދުވެސް ހިނގަހިނގައެވެ. ހާއްސަކޮށް އާއިލާއެއް ނުވަތަ އަނބިދަރިންނާއި މައިންބަފައިންގެ ޒިންމާތައް ނަގަމުން އަންނަ މީހެއް ނަމަ އޭނާ ވިސްނަން ޖެހޭ ކަންކަން ގިނަވާނެއެވެ.

މާލޭ ސަރަހައްދުގެ ހާސްކަން ބޮޑު މާހައުލުގައި ތެޅިތެޅިފައި ބަލާއިރު މަސް ނިމޭ ދުވަހު މުސާރައިގެ ގޮތުގައި ލިބޭ ފައިސާކޮޅު ހަމަ އެދުވަހު ކުއްޔަށާއި ބިލުތަކަށް ދޭން ވީމާ، ޖެހިގެން އަންނަ ދުވަހު މަސައްކަތަށް ދާން ފޫހިނުވާނެ ހެއްޔެވެ؟

ކިތަންމެ މަސައްކަތް ކުރިއަސް ހަމަޖެހުމެއް، އުފަލެއް ނެތް ކަމުގެ އިހުސާސް ކުރެވި މީހާ މާޔޫސް ވުމަކީ ގައިން ހިތްވަރު ގެއްލިދާނެ ކަމެކެވެ. ފަހަރުގައި، މީހުން އޮފީހަށް ސަލާމް ބުނުން ގިނަ ވަނީ ދެވަޒީފާ އަދާކުރާތީ ކަމަށް ވެސް ވެދާނެއެވެ. ރޭގަނޑު އެހެން ވަޒީފާއެއް ނުވަތަ އެހެން މަސައްކަތަކަށް ވަގުތުދޭ މީހުން މާލޭ ސަރަހައްދުގައި ވަރަށް ގިނައެވެ.

އަނެއް ސަބަބަކީ ނަފްސާނީ މައްސަލަތަކެވެ. މި ދެކަމަކީ ވެސް އެއްކަންތައް އަނެއް ކަމާއި ގުޅޭ ދެކަމެވެ.

ނޫނީ ދިވެހިން ހަމަ އަސްލުގައިވެސް ކަންނެތީތަ؟

އަނެއް ސަބަބަކީ މީހުން ހަމަ އަސްލުވެސް ކަންނެތީ ކަމުގައި ވެދާނެއެވެ. ކަންނެތް ކަންމަތީގައި، މަސައްކަތް ނުކޮށް އުޅެވޭނެހާ ފެންވަރު ހުރީ ކިތައް ދިވެހިންގެ ބާއެވެ؟ ކުއްޔާއި ބިލުތައް ދައްކަން މަސައްކަތް ނުކޮށް، ނުވަތަ އާމްދަނީ ހޯދަން ލިބިފައި އޮތް ވަޒީފާ ގެއްލޭ ހިސާބަށް ކަންކަން ދާއިރުވެސް އެކަން ގަސްތުގައި ވަރިހަމަކޮށްލައިގެން ހަމަޖެހިލައިގެން އުފަލުގައި އުޅެވޭނީ ކިތަށް މީހުންނަށް ބާއެވެ؟

ފޭކު އެމްސީ ހަދުވައިގެން ސަލާމް ބުނެފައި ތިމާގެ އަމިއްލަ ކަމަކަށް ވަގުތު ހޯދަން ނުވަތަ އާއިލީ ކަމަކަށް ވަގުތު ހޯދަން ނުވަތަ އަރާމުކޮށްލަން މީހުންނަށް މަޖުބޫރުވެފައިވަނީ ހެއްޔެވެ؟

ދުނިޔޭގެ އެންމެ އުފާވެރި މީހުން އުޅޭ ކަމަށް ލިސްޓުކޮށްފައިވާ ގައުމުތަކުން މަސައްކަތް ކުރާ ވަގުތު މަދު ކުރުމުން ގައުމީ އުފެއްދުންތެރިކަން އަދި ކުންފުނިތަކުގެ އާމްދަނީވެސް އިތުރުވި ކަން ފެންނަން އެބަހުއްޓެވެ. އެފަދަ އެއް ގައުމަކީ ޖަރުމަނެވެ. އެގައުމުތަކުގެ ސިއްހީ ފަރުވާގެ ނިޒާމަށް ވެސް މިކަމުން ލުއިތަކެއް ލިބުނެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާމީހުންގެ އަދަދުތައް ވެސް މަދުވިއެވެ.

ދުނިޔެއަށް އަންނަ ބަދަލާ އެކު އިންސާނާގެ ހަށިގަނޑާއި ސިކުނޑި ފަންކްޝަން ކުރާގޮތް ބަދަލުވާ އިރު މިބަދަލުތަކާއި ވިދިގެން މަސައްކަތުގެ މާހައުލާއި މަސައްކަތްކުރުމުގެ ވަށްޓަފާޅިއަށް ވެސް ބަދަލު ގެނައުމަކީ އެގައުމުތަކުން ގަބޫލު ކުރާ ހަމައެވެ. ފަހަރުގައި، ރާއްޖޭގެ މަސައްކަތަތެރިންނަށް ހުރިހާ ކަމެއް ބެލެންސް ކުރެވޭނެ ފަދަ ގޮތަކަށް މަސައްކަތުގެ ވަގުތުތައް ހަމަޖެހި، އާމްދަނީވެސް ރަނގަޅު ވެއްޖެ ނަމަ މަސައްކަތްތެރިންނަށް ވެސް އަދި ވަޒީފާދޭ ފަރާތަށް ވެސް ފައިދާ ބޮޑުވާނެއެވެ. ނުވަތަ ހަމަ ދިވެހިން ކަންނެތީ ހެއްޔެވެ؟ މަސައްކަތްކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ ނުވަތަ ޖިސްމާއި ނަފްސު ލޮޑުވެ ވަރުބަލިވީ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
1
0