ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ބައްދަލު ކުރައްވައިފި
19 ޖެނުއަރީ 2023 - 10:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ ތެރޭގައި:
- ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައި
- ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިއާ ސަރުކާރާއި، އިންޑިއާގެ ރަޙުމަތްތެރި ރައްޔިތުން، ދިވެހި ރައްޔިތުންނަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި
- ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ދޭދޭ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަ ކުރައްވައި، ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ޤައުމަށްވެސް ފައިދާވާނެހެން މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައި
- ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ އަސްލަކީ ސަޤާފީ އަދި ތާރީޚީ ގުޅުމުގެ އިތުރުން، އެއްބައިވަންތަ އަޚްލާޤެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވި
- އިންޑިއާގެ “ނެއިބަރހުޑް ފަސްޓް ޕޮލިސީ”ގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި
- އިންޑިއާ ފަސްޓް ޕޮލިސީ ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވެވި
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރިއެކްޝަންސް