ނޫސްވެރިންނަށް ކުރިމަތިވާ ފުރައްސާރައާއި ދޭ އިންޒާރުތައް ކުށްވެރިކޮށް މީޑިއާ ކައުންސިލްއިން ބަޔާނެއް ނެރިފި
19 ޖެނުއަރީ 2023 - 13:02
ފަހަކަށް އައިސް ވަކިވަކި ނޫސްވެރިނަށައި މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަކުރުމާއި، އިންޒާރުތައް ދިނުމާއި ބިރުދައްކާ ކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަމުގެ ކަންބޮޑުވުން މޯލްޑިވްސް މީޑިއާ ކައުންސިލް އިން ފާޅުކޮއްފިއެވެ.
މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދިނުގެ އަސްލަކާއި ޙިލާފުނުވާ ގޮތެއްގެ މަތިން ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކޮންމެ ފަރުދަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްޤަކަށަވާއިރު، މީޑިއާ އިދާރާތަކަށް ވަދެ، ނޫސްވެރިޔާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގެއްލުންދީމ ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމާއި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރު ކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ކައުންސިލް އިން ބަލައިކަންނަ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
މީގެ ކުރިންވެސް، ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތުވެ، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިގޮތުން 17 ސެޕްޓެމްބަރ 2020 ގައި ކައުންސިލުން އެކުލަވާލައިފައިވާ “ދިވެހި މީޑިއާގެ އަޙްލާޤީ މިންގަނޑު” ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވނީ “މީޑިއާގައި ހަބަރާއި މައުލޫމާތު ޝާއިޢު ކުރުމުގައި އެނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމަތަށް އިޙްތިރާމްކުރާނެއެވެ.” އަދި އެ މިންގަނޑުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ “ނޫސްވެރިއެއްގެ ނޫސްވެރިކަމުގެ ޙައްޤު ގެއްލޭ ކޮންމެ ހާލަތެއްގައި އެ ނޫސްވެރިޔާ ހިމާޔަތްކޮށް، ދިފާއުކޮށްދީ، އެ ނޫސްވެރިޔާގެ ޕްރޮޕެޝަނަލް ހައްގަށް އިހްތިރާމް ކުރާނެއެވެ.”
ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ފަރާތްތަކުން ޤާނުނުތަކާއި ގަވާއިދުތަކާއި ހިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަން ކުރުމަކީ، ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެކެވެ.
އަދި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވެސް ނޫސްވެރިކަމަށް މަސައްކަތްކުރާއިރު ޤާނޫނާއި ޤަވާއިދުތަކާއި “ދިވެހި މީޑިއާގެ އަޙްލާޤީ މިންގަނޑު” އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކުމާއެކު މަސައްކަތްކުރުމަށް ވެސް މީޑިއާ ކައުންސިލް އިން އިލްތިމާޒް ކުރެއެވެ.