އިރުއޮއްސުމުން ދަރިންނަށް ފެނިފައި އިރުއެރުމުން ގެއްލޭ މައިންބަފައިން ގިނަވަނީ — މައްސަލައަކީ ކޮބާ؟

23 ޖެނުއަރީ 2023 - 11:37

ދަރިންތިބި އަންހެނުންނަކީ، އާމްދަނީ ހޯދަން ވަޒީފާއަށް ދާނަމަ ވަޒީފާއަދާކުރާ ވަގުތު އޭނާގެ ދަރި ރައްކާތެރިކަމާއި އެކު ބަލައި ކާންދީ ފެންވަރުވައި ހަދާނެ ގޮތެއް ހޯދަން ކޮންމެހެން މަޖުބޫރުބައެކެވެ. ޕަބްލިކް ޗައިލްޑް ކެއާ ފެސިލިޓީއެއް ރާއްޖޭގައި އަދި ނެތެވެ. އެފަދަތަނެއްގެ ވާހަކަ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެއެވެ. ނަމަވެސް މާލެއިން ޖާގައެއް ނުލިބިގެން އެކަން ކުރިއަށް ގެންދެވޭ ގޮތް އަދި އޮތީ ނުވެއެވެ.

ހުޅުމާލޭގައި ޑޭކެއާ ސެންޓަރެއް ހެދުމަށް ބަޔަކު ހޯދުމަށް އެޗްޑީސީ އިން މިދިޔައަހަރު އިއުލާނުކޮށްފައިވެއެވެ. މިހާތަނަށް މިފަދަ ތަނެއް އަދި ހުޅުމާލޭގައި ވެސް ނިމިފައި ނެތެވެ.

advertisement

ވަޒީފާއަށް ދާ މަންމައިން މިހާރު ކުދިން ހަވާލުކުރަނީ އެކުދިންގެ މާމައާއި އެވެ. ނުވަތަ ޕްރައިވެޓް ޑޭކެއާ ސެންޓަރަކާއެވެ. ނުވަތަ ގޭގައި ހުންނަ ކޮންމެވެސް އެހެން މީހަކާއެވެ. ކިޔަވާކުއްޖެއް ނުވަތަ މުސްކުޅި މާމައެއް ނޫން މީހަކު މާލޭ ސަރަހައްދުގައި ވަޒީފާއަކަށް ނުގޮސް ހުރުމަކީ ނާދިރު ކަމެކެވެ. އެހެން ކަމުން ގޭތެރޭގައި ގިނަވަގުތު އުޅޭ ބަޔަކީވެސް އެއީ އެވެ. އެބަޔަކު އުޅޭ ގެއްގައި ކުދިން ތިބިނަމަ އެ ކުދިން ބެލުމުގެ ޒިންމާވެސް ނަގަންޖެހެނީ ކޮންމެވެސް މާމައެއް ނުވަތަ އެހެން ކުޑަ ކުއްޖަކަށެވެ. މިއީ އެކަމުގެ ސަބަބުން އެޒިންމާ ނަގާ މީހާ އަށް، ކުއްޖާއަށް އަދި ޒިންމާ ހަވާލުކުރާ މައިންބަފައިންނަށް ނޭދެވޭ އަސަރުތައް ކުރިމަތިކުރުވާނެ ކަމެކެވެ.

ހަމައެކަނި ކުދިން ބެލުވުމުގެ ބޭނުމުގައި މުސްކުޅި މައިންބަފައިން މާލެއަށް ގެންގޮސްގެން އެޕާޓްމަންޓްތަކުގައި ގެންގުޅޭ އާއިލާތައް މަދެއް ނޫނެވެ. އުމުރުދުވަހު ދަތި ހާލުގައި ކުދިން ބަލައި ބޮޑުކުރި މައިންބަފައިންނަށް މިއީ ލިބޭ އުފަލެއް ބާއެވެ؟ ނުވަތަ ލިބޭ އިތުރު ބުރަކަމެއް ބާއެވެ؟ މާމަ ދަރިން ބެލުމަކީ މާމަމެން އުފަލުން ކުރާނެ ކަމެއް ނަމަވެސް ވަޒީފާއެއްގެ ގޮތަށް ނުވަތަ އެކަމަށް ހާއްސަކޮށް ހުސްވެގެން ހުރެ އެކަން ކުރާ ނަމަ އެއީ މުސްކުޅި މައިންބަފައިން ފިކުރުބޮޑުވެ ހާސްވެ ބަލިވެދާނެ ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންނަކީ އަރާމުކޮށް، ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށް، އަޅުކަމުގައި ވަގުތު ހޭދަކުރަން އެދޭ މީހުންނެވެ. އެކަން އޮންނަން ޖެހޭ ގޮތަކީވެސް އެއީއެވެ. ނަމަވެސް އާއިލާގެ ހާލަތުގެ ސަބަބުން ގައިގައި ވަރު ނެތަސް، އެހެން ކަމަކަށް ހުސްކޮށްލާނެ ވަގުތެއް ނެތަސްވެސް ދަރިންގެ ދަރިން ބަލަން ގައިދުވެފައި ތިބުން ނޫންގޮތެއް ނެތީއެވެ. މިއީ އެ މުސްކުޅި މައިންބަފައިންނަށް ކުރެވޭ ބޭއިންސާފެއް ނޫންހެއްޔެވެ؟

މާމައިން ލައްވާ ދަރިން ނުބައްލާ ދެން ކިހިނެއް ހަދާނީ؟

އެންމެ މޮޅު ގޮތަކީ އަމިއްލަ ދަރިން އަމިއްލައަށް ބެލުމެވެ. މާމަ އިން މާމައިންގެ ރޯލު އަދާކުރުމެވެ. މަންމައިން މަންމައިންގެ ރޯލު އަދާ ކުރުމެވެ. ނަމަވެސް އާއިލާތަކުގެ ދިރިއުޅުން ބަށްޓަންވެފައި މިހާރު ހުރީ އެމީހަކަށް އެމީހެއްގެ އާއިލީ ޒިންމާ އެންމެ ރަނގަޅަށް އަދާކުރެވޭނެ ގޮތަކަށް ނޫނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޑޭކެއާ ސެންޓަރުތަކަށް ކުދިން ލުމަކީ ވެސް އިންސާފެއް ނޫނެވެ. އަދި މަސައްކަތްކުރާ އޮފީހުގައި ޑޭކެއާއެއް ހުރެ އެތަނަށް ދަރިން ލައިގެން އުޅުމަކީވެސް ރަނގަޅުކަމެއް ނޫނެވެ.

މަސައްކަތްކުރާ ތަނާއި އާއިލީ ދިރިއުޅުން މަސްހުނިވާތީ ކަމަށް މިގޮތަށް ދެކޭ މީހުން ބުނެއެވެ. ސަބަބަކީ ކުދިން ބޮޑުވާން ޖެހޭނީ އެކުދިންގެ މައިންބަފައިންނާއި އެކު އާއިލީ މާހައުލެއްގައެވެ. މައިންބަފައިންނަކީ ހަމައެކަނި އިރުއޮއްސުމުން ފެނިފައި ގެއްލޭ ބަޔަކަށް ވެއްޖެ ނަމަ އެއީ އަސާސީ މައްސަލައެކެވެ. މިގޮތަށް ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި ވާންޖެހޭ ގޮތަކީ މަންމައިންނާއި ބައްޕައިންގެ މަސައްކަތު ވަގުތު ކުޑަ ކުރުމެވެ.

ސްކޫލަށްދާ އުމުރަށް ކުއްޖާ އަޅަންދެން އެކުއްޖަކަށް ދޭންޖެހޭ ވަގުތަކީ އެހެން އެއްވެސް އިމާރާތަކުން ނުވަތަ ބަޔަކަށް ދެވޭނެ ވަގުތެއް ނޫނެވެ. އެހެން ގައުމުތަކުގައި މިފަދަ ސިޔާސަތުތައް ހަދަނީ ގައުމުގެ ކުރިމަގަށް ކުރާ އިންވެސްޓްމަންޓެއްގެ ގޮތުންނެވެ. މައިންބަފައިން ގާތުގައި ތިބެ ލޯބި ލިބިގެން ބޮޑުވާ ޖީލަކީ އުފެއްދުންތެރި މުހިންމު ހަރުދަނާ ޒުވާން ޖީލަކަށް ވާނެތީއެވެ.

މުސްކުޅި މައިންބަފައިންނަކީ މިއަދުގެ ޒުވާނުންގެ އިންޝިއުރެންސް ކަމުގައި ވެގެންގޮސްފައިމިވަނީ މިފަދަ ހަރުދަނާ ސިޔާސަތުތަކެއް ނެތީމައެވެ. މިއީ ކޮންމެ އާއިލާއަކަށް ވެސް މުހިންމު ސިޔާސަތެކެވެ. ދަރިން ހޯދުމާއި ދަރިން ބެލުމާއި އާމްދަނީ ހޯދުމަކީ ކޮންމެ އާއިލާއަކުން ހާއްސަކޮށް ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ އަންހެނުންނަށް އޮތް ގޮންޖެހުމެކެވެ. މިއީ ބަދަލުކުރެވޭނެ ހާލަތެކެވެ.

ރިއެކްޝަންސް
0
0
0
3
0
0
1