މާލެ ދިޔުމުން އަހަންނަށް ލިބުނު ޝޮކްގެ ވާހަކަ
24 ޖެނުއަރީ 2023 - 17:13
އަހަރެންގެ އުމުރަކީ 16 އެވެ. އުޅެ ބޮޑުވީ މެދުރާއްޖެތެރޭގެ ރަށެއްގައެވެ. މިދަތުރުމިއީ އަހަރެންގެ ފުރަތަމަ މާލޭ ދަތުރެވެ. އޯލެވެލް ނިމުނީމާ މާލެ ދާން ޖެހޭނެ ކަން އެނގުނު ހިސާބުން އަހަރެން ހުރީ މާލެ އަށް އައުމަށް ކެތްމަދުވެފައެވެ. ރާއްޖޭގެ އެންމެންވެސް ކިޔަވައި، ރަނގަޅު ވަޒީފާ ހޯދައި، މޮޅު އުޅުން އުޅުމަށް ދަނީ މާލެއަށް ކަމުގައި ކިޔާތީ އަޑުއަހަމެވެ. އެތަނަކީ ހުރިހާ ކަމެއް ހިނގާތަނެވެ. މީހުން ގިނަވެފައި ފިހާރަތަކާއި ރެސްޓޯރެންޓުތައް އެތަނުގައި ގިނަކަން އަހަރެން ދަންނަމެވެ. މާލެ އައުމަށްފަހު އަހަންނަށް ކުރެވުނު ތަޖުރިބާ ހިއްސާކޮށްލާނަމެވެ.
އަހަރެން ދިރިއުޅެނީ ބައްޕަ ފަރާތު ބޮޑުދައިތައެއްގެ ފްލެޓުގައެވެ. މިތަނަށް ކިޔަނީ ހިޔާޓަވަރެވެ. މިއީ ހުޅުމާލޭގެ ދެވަނަ ބައެވެ. މިތަނުގައި ގަސް މަދުވެފައި އިމާރާތްތައް ގިނައެވެ. ހިޔަލެއް ވަންޏާ ވަނީ އިމާރާތެއްގެ ހިޔަނިންނެވެ. ގަހަކުން ސާފު ވައިރޯޅިއެއް ނާދެއެވެ. ގައިގައި ޖެހެނީ ހޫނު ތާރުގަޑުން އަރާ ހޫނު ވައެވެ. ޖެހޭ ހޫނު ވަޔާއެކު ލޮލަށް ހިރަފުސް އެޅުމަކީ އާއްމުކަމެކެވެ.
ރަށުގައި އުޅުނު އިރު އަހަންނަށް ހެނދުނު ހޭލެވެނީ އިރުގެ ދޯދިތައް އައިސް މޫނުގައި ޖެހުމުންނެވެ. އަހަރެން ހޭލަނީ ހިނިތުންވަމުންނެވެ. މިއަދު އަހަންނަށް ހޭލެވުނީ މީހުން ވާހަކަދައްކާ އަޑަށެވެ. ތަށިތެޅޭ އަޑަށެވެ. ދޮރުތައް ބާރުބާރަށް ލައްޕާ އަޑަށެވެ. ޖެހިގެން ހުރި ގޭގެ ކުދިން ރޯއަޑަށެވެ. ގޭތެރޭގައި އެކި މީހުން ތެޅިފޮޅެނީ އެވެ.
ގަޑިން 6 ޖެހީއްސުރެން ތަންތަނަށް ދާން އެންމެން ތައްޔާރުވާން ފަށައިފިއެވެ. ސްކޫލަށް ދާ ކުދިންނާއި އޮފީސްތަކަށް ދާ މީހުންނެވެ. މިގޭގައި 7 މީހުން ދިރިއުޅެއެވެ. އަހަރެންމީ 8 ވަނަ މީހާއެވެ. މިރަށަށް އައިސް އަދި ހަފްތާއެއް ނުވެއެވެ. އަހަރެންގެ ފުށުން ބަޔަކަށް އުނދަގޫ ކުރެވޭ ކަމުގެ އިހުސާސް އަހަރެންގެ ބޮލުގައި ކޮށަން ފަށައިފިއެވެ.
ގޭތެރޭގެ ހާލަތު
އަދި ކިޔެވުން ނުފެށޭތީވެ އަހަރެން ހުންނަނީ ގޭގައެވެ. ބޮޑުދައިތަވެސް މަސައްކަތު ހިގައްޖެއެވެ. މިގޭ ބަދިގެ ކުޑަކަމުން އަހަރެން މިހުރީ އަންތަރީސްވެ ހިނިއައިސްފައެވެ. ކައްކާނެ މާބައިވަރުތަކެއް ނެތެވެ. ފްރިޖުތެރެ އޮތީ ތޮއްޖެހިފިތިފައެވެ. ގިނައިން ހުރީ އުކާލަންވެފަ ހުރި އެއްޗިއްސެވެ. ރަށުގޭގެ ބަދިގޭގެ ޖާގައާއި މުޅި މި އެޕާޓްމަންޓްގެ ޖާގަ އެއްވަރެވެ. ތަކެތި ރައްކާކުރާނެ ޖާގަ ނެތީމަ ކޮންމެ މީހަކުވެސް ކައްކަންވީމާ ތިރީގައި ހުރި ފިހާރައަށް ގޮސް ކައްކަން ބޭނުންވާ ތަކެތިގަނެގެން އަންނަނީއެވެ.
ނިދަން ހުރީ 3 ބުރީގެ އެނދެކެވެ. އަހަރެމެން މިއީ ބަންކްބެޑް ޖެނެރޭޝަން ހެއްޔެވެ؟ ތިރީ ދެބައިގައި ނިދަނީ ބޮޑު ދައިތަގެ 2 ކުދިންނެވެ. އަދި އޭގެ ތިރީގައި ހުންނަ ދަމާލާ އެނދުގައި އޮންނަނީވެސް އޭނާގެ ކުއްޖެކެވެ. ބިންމަތީގައި ނިދަނީ ބޮޑުދައިތަގެ ދެމަފިރިންނެވެ. އަނެއް ދެކޮޓަރީގައި ތިބެނީ ދެމަފިރިންނެވެ. އެއީ އެހެން ރަށެއްގެ ބަޔެކެވެ. އަހަރެންގެ އަންނައުނާއި ލެޕްޓޮޕާއި ކިޔަވާ ފޮތްތައް ބަހައްޓަން އޮތްހާވެސް ޖާގައަކީ ނިދަން ލިބުނު ޖާގައެވެ. ބޮޑު ގެއެއްގައި ދިރިއުޅެމުން އައި އަހަރެން 3 ފޫޓު 5 ފޫޓުގެ ގޮދަޑިއެއްގައި ގައިދުވީ ހެއްޔެވެ؟ ރީތިވަނީ އެނދުމަތީގައެވެ. ކިޔަވަނަވެސް އެތަނެވެ. އަހަރެންގެ މުޅި ހަޔާތް މި 5 އަހަރު ހޭދަކުރަންވީ މި ގޮދަނޑިމަތީގަ ހެއްޔެވެ؟
ބޭރުގެ މާހައުލު
އިއްޔެވެސް އަހަރެން ބޭރަށް ނިކުމެލީމެވެ. ހިޔާ ސަރަހައްދަށް އަހަރެން ނުގެއްލުނީ ކިރިޔާއެވެ. ސްކޫލު ކުދިން ސްކޫލަށް، އޮފީސްތަކުގެ މީހުން އޮފީސްތަކަށް ވަދެ ނިމުނީމާ މަގުމަތި ކުޑަކޮށް ހަމަ ނޭވާއެއް ލާފަދައެވެ. އެގަޑީގައި ގިނައިން ފެންނަނީ ބޮލުގައި ފޮށައެއް އަޅައިގެން ބަސްތާ އުފުލާ ބިދޭސީންނެވެ.
އެމީހުން ހޭލަމޭލައަށް އިމާރާތްތައް ހެދުމުގެ މަސައްކަތުގައި އުޅެއެވެ. ދެން ފެންނަނީ އޮފީސް ހެދުމުގައި ކޮޅުކޮޅަށް ދުއްވާ މީހުންނެވެ. ރޭގަނޑު ފެންނަނީ އަހަރެންގެ އުމުރު ކުދިންނާއި ޒުވާންއުމުރުގެ މީހުން ނަލަހެދިގެން ކޮޅުކޮޅަށް ދާތަނެވެ. އެމީހުން ދަނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ރައްޓެހިންނާއެކު މަޖާކޮށް ކާލަން ކަމަށް ވެދާނެއެވެ.
މިގޭ ކުރިމަތީގައި އުޅޭ މީހަކު ހެނދުނު އޮފީހަށް ދާތަން އަހަރެން ދެކެމެވެ. އޭނާ ގެއަށް އަންނަނީ 6 ޖަހާއިރެވެ. ރޭގަނޑު 9 ޖަހާލާހާ އިރު އޭނާ ވަރަށް ރީތިވެގެން ބޭރަށްދާތަން ދެކެމެވެ. އޭނާ ފެންނަނީ ވަރަށް އުފާވެރިކޮށެވެ. މިތަނުގައި އުޅޭ ޒުވާނުންނަކީ އޮފީހަކަށް ގޮސްފައި އައިސް ދެން ރައްޓެހިންނާ އެކު އުޅެފައި އައިސް އަނެއްދުވަހު އޮފީހަށް ދާމީހުންބާއެވެ؟ އެމީހުންގެ ދިރިއުޅުމުގައި އޮތީ މިދެކަންތައް ހެއްޔެވެ؟
ހިމޭންކަމާއި އަރާމާއި ހުސްވަގުތަކީ އެމީހުންނަށް ލިބޭ އެއްޗެއްހެނެއް އަހަންނަކަށް ހިއެއް ނުވެއެވެ. ހަމަގައިމުވެސް މި ސަރަހައްދުގައި އުޅޭ މީހުންގެ މޫނުމަތިން އެކަމެއް ނުފެނެއެވެ. ހާސްވެގެން ދެކޮޅަށް ހިނގާބިނގާވެ އުޅޭތަން ނޫން މަންޒަރެއް ނުދެކެމެވެ. މަޑުޖެހިލައިގެން ހުރިއްޔާ ހުންނަނީ ޑްރަގްއެޑިކްޓުންގެ ގްރޫޕްތަކުގެ މީހުންނެވެ. ބާވެހަސްނެތިފައި ހުންނަ ހެދުމުގައި، ހުއްޓުން އަރާފައި ތިބޭ މީހުން މިސަރަހައްދުގައި ގިނައެވެ.
މިއަދު އަހަރެން ބޭރަށް ނިކުތީ ހަވީރުގަޑީގައެވެ. މިގަޑީގައި ކުޑަކުދިން ގޮވައިގެން އުޅޭމީހުން ވަރަށް ގިނައެވެ. މަގުތައް ހަލަބޮއްޔެވެ. އަހަރެން އަނބުރާ ގެއަށް އައިއިރު ގޭ އެންމެން ހަމަވެއްޖެއެވެ. އިރުއޮއްސިއްޖެއެވެ. އެންމެންވެސް ތިބީ އެމީހަކު ހުރިދިމާލަށް ތިރިވެ އިށީނދެގެން ފޯނަށް ލޯޖަހައިގެންނެވެ. ބޮޑުދައިތަ ދިޔައީ ކައްކަމުންނެވެ. އެއްބަޔަކު ނިދައިފިއެވެ. އެއީ އޮފީހުން އައި މީހުންނެވެ. ސްކޫލުން އައި ކުދިން ތިބީ ފޯނާ ކުޅޭށެވެ. އޮފީހުން އައި މީހުން ދެން ހޭލާނީ 8 ޖަހާލީމައެވެ.
މިއީ މާލޭ ސަރަހައްދުގައި އެންމެން އުޅޭ ގޮތް ހެއްޔެވެ؟ އަހަރެން ބޭނުމީ އަނބުރާ ރަށަށް ދާށެވެ. ހިމޭން މާހައުލެއްގައި އުޅޭށެވެ. ދުނިޔޭގެ ހަމަ ސާފު ވައި ލިބޭ އަހަރެންގެ ގޭގައެވެ. ގޭގައި އުޅުނު އިރު ކާންވީމާ އަތްފޯރާފަށުން ފަތްކޮޅެއް ބިނދެލައިގެން ކާލެވެއެވެ. ނިދަންވީމާ އުނދޯލީގައި ނުވަތަ ފެންޑާގައި ހުރި އަށި މަތީގައި ސާފު ވައި ލިބޭ ހިސާބުގައި އޮވެ މެންދުރު ނިދާލެވެއެވެ.
މީހަކު ފެންވަރާ އަޑެއް، ފޯނުން ވާހަކަދައްކާ އަޑެއް ނުވަތަ ފޮތެއް ކިޔާ އަޑެއް ނީވެއެވެ. އެންމެނަށް ވެސް އެކަކު އަނެކެއްގެ ތޮއްވަރިއަށް ނުވަދެ އުޅެވޭނެ ޖާގައޮވެއެވެ. އެކަނި ވަގުތު ހޭދަކުރެވެއެވެ. އިރުގެ އަވި ގެއަށް ވަދެއެވެ. ގަސްތަކުގެ ކައިރީގައި އުޅެ ހިތްއުފާކޮށްލެވެއެވެ. ހިނގާލާފައި ގޮސް ސާފު މޫދަށް ފައިބާ ފަތާލެވެއެވެ. ލިފްޓުތެމިދާނެތީ، މީހަކަށް އުނދަގުލެއް ވެދާނެތީ އުޅޭކަށް ނުޖެހެއެވެ.
މީހުންގެ ގައިގައި ކޭއްތެމުން ހިނގާކަށް ނުޖެހެއެވެ. މަގުމަތީ އުޅެފައި ގެއަށް އަންނަ އިރު އަންނައުނުން ކައްކާ ވަހާއި ދުން ވަސް ނުދުވައެވެ. އެއްޗެހި ދޮވެ ހިއްކަން އަޅަނީ ބަދިގެއަކު ނޫނެވެ. ކައްކަން ވީމާ ތެތް އަންނައުނު ފޮރުވާފައި ކައްކައި ނިމުނީމާ އަލުން ހެދުން ހިއްކަން އަޅާކަށް ނުޖެހެއެވެ. ފާހާނާގައި ހުރެ އެނބުރިލާގޮތަކުން އުޅަބޮށި ގޮސް ފާރެއްގައި ނުޖެހެއެވެ.
މިހިރީ އަހަރެން ރަށުގައި އުޅުނު އިރު ޝުކުރުވެރި ނުވި ކަންކަމެވެ. ތަނަވަސް ޖާގަހުރި ގެއެއްގައި ގަސްތަކުތެރޭ އުޅެލަން ލިބުމަކީ ހާދަހާ ބޮޑު ނިއުމަތެކެވެ. މިހާރު އަހަރެން މިވިސްނަނީ އޭލެވެލް ނުހަދައި ވީހާވެސް އަވަހަކަށް ނަރުސްކޯސް ނިންމާފައި ރަށަށް ދިޔުމަށެވެ. 3 ފޫޓު 5 ފޫޓު އެނދެއްގެ 3 ވަނަ ބުރީގައި އަހަންނަކަށް ދިރިނޫޅެވޭނެއެވެ. ހިތް އޮތީ ހިމޭންކަމާއި ސާފު ވައިލިބޭ ތަނަވަސް ޖާގައަކަށް އެދިއެވެ. މާލެއަކީ އަހަރެންފަދަ މީހަކަށް ނަރަކައެއް ފަދައެވެ.