ގދ. ފިޔޯރީ އަދި ށ. ފުނަދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފި

28 ޖެނުއަރީ 2023 - 13:03

ށ. ފުނަދޫ އަދި ގދ. ފިޔޯރީގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި ދެ މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

800,2 މީހުންގެ އާބާދީއެއް އޮތް ށ. ފުނަދޫއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން ށ. އަތޮޅުގެ ގިނަ ރަށްތަކާއި ހިލާފަށް ބޮޑު ފަޅެއް މި ރަށުގައި އޮންނައިރު، ރަށުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު ރާސްތާއަކަށް ދެމިގެންދާ ރީތި ކޯރެއް މިރަށުގައި އޮވެއެވެ.

advertisement

ށ. ފުނަދޫއަކީ މި އަތޮޅު ވެރި ކަން ކުރާ ރަށަށްވެފައި، އެއަރޕޯޓްވެސް އޮތުމާއެކު، ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރާނީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައެވެ.

ގދ. ފިޔޯރީއަކީ 1,730 މީހުން ދިރިއުޅޭ ރަށެކެވެ. އަދި އެ ރަށަކީ 80 ހެކްޓަރުގެ ހެޔޮވަރުގެ ތަނަވަސް ބިމެއް އޮތުމުގެ އިތުރުން، ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ހިތްގައިމު ރަށެކެވެ.

އެގޮތުން މި ރަށާއި އިންވެގެން އެއްފަޅެއްގައި 10 ވަރަކަށް ފަޅުރަށް ރަށުގެ އުތުރު ފަރާތުގައި އޮންނައިރު، ރަށުގެ ދެކުނު ފަރާތުގައި ރީތި ކުޅިއެއް އޮވެއެވެ. ރަށުގައި މިހާރު މާބޮޑު މަސްވެރިކަމެއް ނެތްނަމަވެސް، ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރާ ފަރާތްތައް އުޅެއެވެ.

އެގޮތުން، ދަނޑުވެރިކަންކުރުމަށް 100 ފަރާތަކަށް ބިން ދެވިފައިވާނެކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. ރަށުގެ ބަނދަރަކީ އަތޮޅުގެ އެތެރެވަރިއާއި ދިމާލަށް ހުޅުވިފައިވާ ބޮޑު ފަޅެއްގެތެރޭގައި އޮންނަ ތަނަކަށްވުމާއެކު، ލަފާފުރުމުގައި ގުދުރަތީގޮތުން މިރަށަށް ވަނީ ފަސޭހަތަކެއް ލިބިފައެވެ.

ފުނަދޫގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ 7 އޮޑިފަހަރާއި، އަތޮޅުތެރޭ ރަނގަޅު ފެންވަރަކަށް ކޮންސްޓަރަކްޝަން މަސައްކަތްކުރާ 3 ފަރާތެއްވެސް އުޅެއެވެ. ރާއްޖޭގެ ގިނަ ރަށްތައް ފަދައިން ފުނަދޫއަކީވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށެކެވެ.

އެގޮތުން ރަށްގިރުމުގެ ސަބަބުން ބޮޑު ސަރަހައްދެއް މިހާރުވެސް ރަށުގެ ދެކުނުފަރާތުން ގިރައިގެން ގޮސްފައިވާއިރު، މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ.

އަދި ފިޔޯރީގެ ހާއްސަ ގުދުރަތީ ސިފަތަކުގެ ސަބަބުން އާންމުކޮށް ބަނދަރުތެރެ އަމާންކޮށް އޮތުމާއެކު، މި ރަށުގައި އޮންނަނީ ހަމައެކަނި ބަނދަރުގެ ގޮތުގައި ބޭނުންކުރާ އެއްގަމު ތޮއްޓެކެވެ. ރާއްޖޭގެ ގިނަ ރަށްތައް ފަދައިން ފިޔޯރީއަކީވެސް ރަށް ގިރުމުގެ ނުރައްކާ ދިމާވެފައިވާ ރަށެކެވެ.

އެގޮތުން ރަށްގިރުމުގެ ސަބަބުން ބޮޑު ސަރަހައްދެއް މިހާރުވެސް ރަށުގެ އިރުމަތީފަރާތު އޮންނަ ބަނދަރުގެ ދެފަރާތުން ވަނީ ގިރައިގެން ގޮސްފައެވެ.

ހަމައެހެންމެ، ފުނަދޫގެ ހުޅަނގު ދެކުނު ފަރާތުން ރަށްގިރުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކާއި ހަމައަށް މިކަމުގެ ނުރައްކާ ބޮޑުވެފައިވާއިރު، އުދަ އަރައިފިނަމަ ރަށުގެ މީހުން ދިރުއުޅޭ ބައެއް ހިސާބުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

އެހެންކަމުން ށ. ފުނަދޫގައި ސޮއެކުރެވިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލެވުމުން، މި ރަށު ރައްޔިތުންނަށް ދެކުނު ފަރާތުންނާއި އަދި ހުޅަނގު ދެކުނު ފަރަތުން ދިމާވެފައިމިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީ އިން ދެކެއެވެ. 

އަދި މީގެ އިތުރުން ގދ. ފިޔޯރީގައި ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުގެ ދަށުން ގދ. ފިޔޯރީގެ ނެރާއި ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި އޮންނަ ސަރަހައްދު ބޮޑުކުރެވިގެން ދިޔުމާއި، އަދި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ ދެފަރާތުގައި ރިވެޓްމަންޓަކާއި ގްރޮއިންސް ޖެހުމާއި، ރަށް ގިރުމުގެ އުދާސްކަމުން ސަލާމަތްވެ ފިޔޯރީ ރައްޔިތުންނަށް ލަފާފުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

މި މަޝްރޫޢުގެ ދަށުން، ށ. ފުނަދޫގައި  023,21 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 56.18 މިލިއަން ރުފިޔާއަށް 280 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

އަދި ގދ. ފިޔޯރީގައި މި މަޝްރޫޢުގެ ދަށުން، 750,26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300,18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 760 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0