މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
28 ޖެނުއަރީ 2023 - 17:12
އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު
ރިޔާސީ އިންތިހާބަށް ކުރިމަތިލާ އެމްޑީޕީގެ ކެންޑޭޓަކު ހޮވުމުމަށް ބާއްވާ ޕްރައިމަރީ މިއަދު ފެށީ ހެނދުނު 9:00 ގައި އެވެ. މި އިންތިހާބުގައި ވާދަ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީގައި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ އެޑިއުކޭޝަން އެކްސްޕޯ ކުޅުދުއްފުށީ ސިޓީގައިއި މިމަހު 30ގައި އޮންނާނެ އެވެ. މި އެކްސްޕޯ އޮންނާނީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހު 30 ވަނަ ދުވަހުގެ 14:00 ން 18:00 އަށެވެ.
ގިނަ އަދަދެއްގެ ފައިސާއާއެކު ރާއްޖެއިން ބޭރަށް ފިލި މީހަކު އަތުލައިގެންފި
ގިނަ އަދަދެއްގެ ފައިސާއާއެކު ރާއްޖެއިން ބޭރަށް ފިލި މީހަކު އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސްފި އެވެ. އޭނާގެ މައްޗަށް ކުރަނީ މަކަރާއި ޙީލަތުން ފައިސާ ހޯދުމާއި، އެއަށް ފަހު ފިލި ކަމުގެ ތުހުމަތު އެވެ.
ރާއްޖޭގައި ލޮނު އުފެއްދުމަށް ހުރި ފުރުސަތުތައް އެސްޓީއޯ އިން ބަލަނީ
ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމަށް އެސްޓީއޯއިން ނިންމައިފިއެވެ. ބޯޑަށް ހުށަހެޅުނު ކައްކާ ލޮނު އުފެއްދުމާއި ގުޅޭ ދިރާސާ ބަލައިގަނެ މި ދާއިރާއިން ހުރި ފުރުސަތުތައް ބެލުމަށް އެސްޓީއޯ އިން ވަނީ ނިންމާފައި އެވެ.
ބ.ތުޅާދޫ އައު ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފި
ބ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ @MTCCPlc އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ އެފަރާތާއި ހަވާލުކުރެވިފަ pic.twitter.com/YAWLNEgPaZ— Ministry of Health (@MoHmv) January 27, 2023
މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ. ޞިއްހީ ނިޒާމް ފުޅާކުރުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 15 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރާނެ އެވެ.