އެމް.ޑަބްލިޔު.އެސް.ސީ އިން މަތިވެރީގައި ފެނުގެ ނިޒާމު ޤާއިމްކޮށް ނިމެނީ
29 ޖެނުއަރީ 2023 - 14:03
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %80 މަސައްކަތް ވަނީ ނިމިފައެވެ.
ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢޫތަކުގެ ތެރެެއިން، އއ.މަތިވެރީގައި އެމް.ޑަބްލިޔު.އެސް.ސީ އިން ހިންގާ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތުގެ %80 ނިމިއްޖެ.#MWSCAsaasee#TeamMWSC pic.twitter.com/xZMF3hTGpP
— Male’ Water and Sewerage Company Pvt. Ltd. (@MWSC_Official) January 26, 2023
މިމަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށްޓަކައި 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ހިމެނެއެވެ.
އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން މަތިވެރީގައި ކުރި މަސައްކަތުގެ ތެރެއިން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިއެވެ. އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢުގެ އަގަކީ ޖުމްލަ 38.83 މިލިއަން ދިވެހި ރުފިޔާއެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ އެވެ.
މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ.
މިމަޝްރޫއުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމިގެންދާނެ އެވެ.