ރިޕޯޓް:ރިޔާސީ އިންތިހާބު 2023: ފުރުސަތު ބޮޑީ ކާކަށް؟

31 ޖެނުއަރީ 2023 - 10:59

ޖުމްހޫރީ ވެރިކަމުގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ނިމިގެން ދިޔައީ ރައްޔިތުންގެ އިންތިހާ ރުޅިވެރިކަމުގެ ތެރެއިންނެވެ. އެމަނިކުފާނު ފާހަގަކުރެއްވިފައި ވަނީ ރައްޔިތުންގެ ވިންދަށް ބެލުމެއް ނެތި އަމިއްލަ ގޮތްތަކެއް ކުރިއަށް ނެރުއްވި ވެރިއެއްގެ ގޮތުގައެވެ. ރައީސް އިބްރާހީމް ނާސިރާ މެދު ވެސް ކުރެވިފައި ހުރި ސަހަލު ތުހުމަތުތަކެއް ނޫނެވެ. ދައުލަތުގެ މާލިއްޔާ އިން ވައްކަންކުރުމާއި ހަރުކަށި އަނިޔާވެރި ވެރިއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވެއެވެ. ތަފާތު އެކި ގަޑުބަޑުތަކާއި ތިނަދޫ މީހުން މަރައި ރޭޕްކޮށް ބޭލުވުންފަަދަ ރައީސް އިބްރާހީމް ނާސިރުގެ ހަރުކަށި ވެރިކަމުގައި ކަޅު ލައްގަނޑުތައް ގިނައެވެ. މިހާތަނަށް ވެރިކަން ކުރެއްވި ކޮންމެ ބޭފުޅެއްގެ ފަސްބައިން ވެސް މިފަދަ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ކަންކަން ފެންނަން އެބަ ހުއްޓެވެ. ނާސިރުގެ ވެރިކަމުގައި ޓޫރިޒަމް ތައާރަފުކުރުމާއި އަމީންގެ ވެރިކަމުގައި އަންހެން ކުދިންނަށް ލިބިގެންދިޔަ މިނިވަންކަމާއި ތައުލީމަށް ހުރަސް އެޅެނީ މިފަދަ ކަންކަމުގެ ހިޔަނީގައެވެ.

ރައީސް ނާސިރަށް ފަހު ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި ރައީސް މައުމޫނަކީ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް އެމަނިކުފާނުގެ ވެރިކަންވެސް އެއް ބަޔަކަށް ތަޖުރިބާކުރެވިފައިވަނީ އަނިޔާވެރި 30 އަހަރުގެ ގޮތުގައެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެހާ ހައްޏެވެ. ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅެއް ލިބުނަސް އޭގައި އިންތިހާބުގެ ނަތީޖާ އޮންނަނީ މާ ކުރިން ނިމިފައެވެއެވެ. ވެރިކަމާ ދެކޮޅަށް ކިރިޔާ ވެސް ބަހެއް ބުނި މީހަކު ވިއްޔާ އޮތީ ޖަލުގައެވެ. އެތައް ބަޔަކު ޖަލުގައި މަރުވެދިޔައީ ޝަރީއަތެއް ނެތި އަދި ހުކުމެއް ސާބިތު ނުވެ ކަމަށް ބުނެވެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޑިމޮކްރަސީ އަށް މަސައްކަތްކުރި އެތައް ބަޔަކު ހައްޔަރުކޮށްގެން ގެންގުޅުނެވެ. އެތައް ބަޔަކަށް އަދަބު ދިނެވެ. މަގުމަތިން އެތައް ބަޔަކަށް އަނިޔާވިއެވެ. ކޮރަޕްޝަންގެ ތުހުމަތުތައް އެހާ ގިނައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ތައުލީމް އާންމުކުރައްވައި މުޅި ދިވެހިރާއްޖެ ޝާމިލްވާފަދަ ވެރިކަމެއް ފުރަތަމަ ކުރެެއްވި ރައީސްކަމަށް ވިޔަސް, މިފަދަ ކަންކަމުންވަނީ ކަޅު ލައްގަޑެއްޖެހިފައެވެ.

advertisement

ޒަމާނީ ގޮތްތަކާއި ޑިމޮކްރަސީގެ ބަސްތައް ވިދާޅުވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދަށް ވެސް ކުރައްވަން ޖެހިވަޑައިގެންނެވީ ފަސޭހަ ވެރިކަމެއް ނޫނެވެ. އަދި އެމަނިކުފާނު އިހްތިޔާރުކުރެއްވި ބައެއް މަގުތަކުގައި ކަށިތައް ގިނައެވެ. ކޮރަޕްޓް ގާޒީއަކު ޝަރީއަތަކާ ނުލައި ހައްޔަރުކޮށް ކޯޓުގައި ތަޅު އެޅުވިއެވެ. ސިޔާސީ ގޮތުން ހަލަބޮލިވެ، މުޅި ކެބިނެޓް އެކީގައި އިސްތިއުފާ ދޭންޖެހުނެވެ. ފުލުހުންނާއި ސިފައިން އެއްބަޔަކު އަނެއްބަޔަކު މާރާމާރީ ހިންގައި ބަޢާވާތެއްގެ ތެރެއިން މަޖުބޫރީ ހާލަތެއްގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި އިރު ގައުމު އޮތީ އަނދައަނދައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި އިޤްތިޞާދީ އަދި އިޖްތިމާއީ ބަދަލުތަކުން ރާއްޖެ ދުވަހަކު ނުދެކޭފަދަ ކުރިއެރުން ރައްްޔިތުންނަށް ލިބިގެންދިޔަސް މިދެންނެވި ކަންކަމުގެ ނޭދެވޭ އަސަރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކޮށް ބަލިވިއެވެ.

ރައީސް ނަޝީދުގެ ދައުރުގެ މެދުތެރެއިން ވެރިކަމާ ހަވާލުވެ ވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިއްޕެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ވެސް ނިމިދިޔައީ ހަލަބޮލި ކަމުގެ ތެރޭގައެވެ. ކުރުކޮށް ބުނާނަމަ އެއީ ރާއްޖެއަށް ގެއްލިގެންދިޔަ ދެއަހަރެވެ.  އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ވެރިކަމެއްގެ ތެރެއިން ފެންނާނެ ހުރިހާ ކުޅިވަރެއް ފެނުނެވެ. މަގުމަތީގެ މުޒާހަރާތައް އެހާ ގިނައެވެ. އެމަނިކުފާނު ވެސް ގިނަ ބަޔަކު ސިފަކުރަނީ ރުންކުރު ހަރުކަށި ވެރިއެއްގެ ގޮތުގައެވެ. އިދިކޮޅަށް ރަށްދު ދެއްވުމުގައި ވެސް ގެންގުޅުއްވަނީ ވަރަށް ހަރުކަށި ގޮތްތަކެކެވެ. ރާއްޖޭގައި އެމަނިކުފާނާ ދެކޮޅު ހުރިހާ ސިޔާސީ ވެރިން ބަންދުކޮށް ޖަލަށް ލިއެވެ. ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން މަޖިލީހުގައި ތަޅު އަޅުވައި ހިޔާލު ތަފާތުވި މެންބަރުންގެ ގޮނޑި ގެއްލުވައިލެއްވިއެވެ. އަމިއްލަފުޅު ނައިބު ރައީސާއި ކެބިނެޓްގެ ވަޒީރުންނަށް ބޮޑެތި ތުހުމަތުތަކެއްގެ ތެރެއިން ބައެއް ބޭފުޅުން ޖަލަށް ލެއްވިއެވެ.

ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރައީސް ޔާމީން މާލެ ވަޑައިގަންނަވަނިކޮށް އިންނެވި ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލައި މަރުގެ ހަމަލާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެ ހަމަލާ ރޭވުމުގެ ތުހުމަތުގައި އޭރުގެ ނައިބަކަށް ހުންނެވި އަހްމަދު އަދީބު ހައްޔަރުކޮށް ޖަލަށް ލެއްވިއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ސިފައިން ލައްވާ ފަނޑިޔާރުން ހައްޔަރުކޮށް ހުކުމްކޮށް ޖަލަށް ލިއެވެ. ރައީސް ޔާމީންގެ ވެރިކަމަކީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިން ޖަލަށް ލުމާއި އެފަދަ މީޑިއާތައް ބަންދުކުރުމަށް މަސައްކަތްތައް ކުރި ވެރިކަމެކެވެ. ފަސް އަހަރުގެ ދައުރެއްގެ ތެރެއިން ދެ ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި ގާނޫނުތައް ސަސްޕެންޑްކުރިއެވެ. މާލޭ ސަރަހައްދުގައި މިއިން ޒަމާނަކު ނުދެކޭހާ ބިޔަ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގެވި ނަމަވެސް 2018 ވަނަ އަހަރު އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ރައްޔިތުން ވޯޓު ދިނީ މިފަދަ ކަންކަމާ ހުރެކަމަށް ސިޔާސީ މިފައްކިރުން އިއްތިފާޤުވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ސިޔާސީ ހަލަބޮލިކަން އެބަ އޮތެވެ. މަގުމަތީގައި މުޒާހަރާތައް ވެސް އެބަ ކުރެވެއެވެ. އެހެން ނަމަވެސް ނިމިގެން މިދާ ފަސް އަހަރު ގިނަ ބަޔަކު ސިފަކުރަނީ ހަމަޖެހުން ބޮޑު، އަމާން އޮމާން ވެރިކަމުގެ ފަސް އަހަރުގެ ގޮތުގައެވެ. އޭގެ މައިގަނޑު ސަބަބަކީ ހިޔާލުފާޅުކުރުމަށް މި ސަރުކާރުން ދީފައިވާ މިނިވަންކަމެވެ. ސިޔާސީ އެއްވެސް ބޭނުމެއް ނުވަތަ ތުހުމަތެއްގައި އެއްވެސް ލީޑަރަކު ޖަލަކަށް ނުގެންދެއެވެ. ފަސް އަހަރުގެ ދައުރެއް ރައީސް އެ ނިންމަވާލައްވަނީ އުނދަގޫބޮޑު އެކި ފިކުރުތަކުގެ މީހުންސަރުކާރުގައި ބައިވެރިކުރައްވައިގެންނެވެ.. އާބާދީގެ ކުޑަބޮޑު މިނަށް ބެއްލެވުމެއް ނެތި ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހުރިހާ ރަށެއްގައި މަޝްރޫއުތަށް ހިންގެވުންވެސް މިއީ ރާއްޖޭގައި އާކަމެކެވެ. ރައީސް ސޯލިހުގެ ފާހަނގަ ކުރެވެނީ މީޑިއާތަކާއި ރައްޓެހި ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ. އިދިކޮޅުންދެކޭގޮތުގައ ރައީސް ސޯލިހުވަނީ މީޑިއާތަށް ގަނެލާފައެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލްވެސް ދައުރު ނިންމާލިއިރު ހިތުހުރި މިނަކަށް އެބައޮތެވެ. އަމިއްލަ ކެބިނެޓުގެ ވަޒީރުންނާއި ޕާޓީގެ ޤައުމީ މަޖިލިސްވެސް ފުރިހަމައަށް ތާއީދުކުރާ މަންޒަރު ފެނެއެވެ. އެހެން ވެރިކަންތަކެކޭ އެއްފަދައި, ރައީސް ސޯލިހުގެ ވެރިކަމަކީވެސް ވައްކަމާއި ފަސާދަ ނުހިމެނޭ ވެރިކަމެކޭ ބުނެވޭކަށް ނެތެވެ. އުފެދޭ ސުވާލަކީ ރައީސް ސޯލިހުގެ ވެރިކަން ކުރުމުގެ ނުފޯދުންތެރިކަން ހުރީ 2023 ވަނަ އިންތިހާބުން ބަލި ނޫނީ މޮޅު ވާވަރަށްތޯ އުފެދޭ ސުވާލެވެ.

ރިއެކްޝަންސް
2
0
5
1
0
1
4