މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

31 ޖެނުއަރީ 2023 - 15:30

ޕޮލެންޑް ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކޮށްފި

ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން-ރެޒިޑެންޓް ސަފީރު، އެޑަމް ބްރަކޮވްސްކީ، ރައީސް ޞާލިޙަށް ވަދާޢީ ޒިޔާރަތް ކޮށްފި އެވެ. ރައީސް ވަނީ ރާއްޖެއާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރުމަށް ޕޮލެންޑުގެ ސަފީރު ކުރި އިޚްލާޞްތެރި މަސައްކަތް ފާހަގަކޮށްސަފީރަށް ޝުކުރު އަދާ ކޮށްފަ އެވެ.

ނޮޅިވަރަމް ދަނޑުގައި ޓާފް އަޅަން 3 ދުވަހަށް ވެފައި އޮއްވައި ޓާފްތަކުގައި ރޯކޮށްލައިފި

އެ ދަނޑުގައި ޓާފް އަޅަން އެންމެ ތިން ދުވަހަށްވެފައި ވަނިކޮށް އެ ރަށަށް ގެނެސްފައިހުރި ޓާފްތަކުގައި ރޭ އަލިފާން ރޯކޮށްފި އެވެ. ޓާފްތަކުގައި ރޯކޮށްލީ ރޭ ދަންވަރު 03:15 ހާއިރު. އެކަން ކުރި ބަޔަކު އަދި ނޭނގޭ އެވެ.

މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި 7062.65 ރުފިޔާ ކަނޑައަޅައިފި

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7062.65 ރުފިޔާ އެވެ. މީގެކުރިން މިދިޔަ ސެޕްޓެމްބަރުމަހު ކަނޑައަޅާފައިވާ ނިޞާބަކީ 5777.45 ލާރި އެވެ.

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ. އެ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ މިހާރު ނިމިފައި ވެއެވެ. 

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުން

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައިޖެހެމުންދާއިރު މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ވައި ނުސާފުވެ, ލޮލަށްފެންނަ ދުރުމިން ވަނީ ދަށްވެފައި ވެއެވެ. މިއަދު ހެނދުނު 7:00އިން ފެށިގެން ހާއްސަކޮށް މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި މި މަންޒަރު ވަނީ އެވަރޭޖް ގޮތެއްގައި 4 ކިލޯމީޓަރަށް ދަށްވެފައި ކަމަށް މެޓު އޮފީހުން މައުލޫމާތުދޭ އެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0