އަހަރަކު 47 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ފަދަ ސޯލާ ސިސްޓަމްތަކެއް 26 ރަށެއްގައި ގާއިމުކުރަނީ

2 ފެބުރުއަރީ 2023 - 9:42

26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ސައިނޮސޯ ޔިންގްލީ ކޮންސޯޓިއަމް އާއި ހަވާލުކޮށްފިއެވެ. މި ސިސްޓަމްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އަދި ބ. އަތޮޅުގެ ރަށްރަށުގައެވެ. އެ ކުންފުންޏާއި މިނިސްޓްރީ އާއި މެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 6.35 މެގަވޮޓުގެ ސޯލާ ޕީވީ އަދި 7.66 މެގަވޮޓް އަވާގެ ބެޓެރި އެނާޖީ ރައްކާކުރާނެ ސިސްޓަމް އާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމްތައް އެރަށްރަށުގައި ގާއިމުކުރާނެއެވެ. މިނިސްޓްރީ އިން މައުލޫމާތުދީފައިވާގޮތުގައި މި ސިސްޓަމް ގާއިމުވުމުން އަހަރަކު 2.9 މިލިޔަން ލީޓަރުގެ ޑީސަލް އާއި 47 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. ހަމަ އެއާއި އެކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެއެވެ.

މިއީ މިހާރު ރާއްޖެ އަށް  ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ރާއްޖެއިން އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ފަށާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވުމުގައި ޝަރުތުކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0