އީޓިންޑިސޯޑާއެއް ކަމުގައިވާ ބުލީމިއާ އަދި އެނޮރެކްސިއާގެ ނުރައްކާ ބޮޑު
9 ފެބުރުއަރީ 2023 - 12:57
އީޓިން ޑިސޯޑާގެ ވައްތަރެއް ކަމުގައިވާ ބުލީމިއާ އަކީ ފުރާނައަށް ނުރައްކާވާވަރުގެ ނަފްސާނީ ބައްޔެކެވެ. އެމެރިކާގެ 7.8 މިލިޔަން މީހުން މި ބަލި ތަހައްމަލުކުރެއެވެ. މި ބަލި ހުންނަ މީހުން ނުކަނީ ހިކިކޮށް ތިބުމަށްޓަކައެވެ. ނަމަވެސް ގިނަ އިރުވަންދެން ނުކައި ތިބުމަށް ފަހު ކުއްލިއަކަށް ވަރަށް ގިނައިން ކައެވެ. އަދި ކެއުމަށްފަހު އަނެއްކާވެސް ތިމާ ފަލަވެދާނެ ކަމަށް ބިރު ހީވެ ހޮޑުލާން މަސައްކަތްކުރެއެވެ. މިބަލި ހުންނަ މީހުން އަބަދުވެސް ތިމާގެ ހަށިގަނޑު ހަޑިކަމަށް ދެކި ހަށިގަނޑު ހިއްކަން މަސައްކަތްކުރާނެއެވެ. މިއީ ފަރުވާ ހޯދޭނެ ބައްޔެކެވެ.
މިއީ ރާއްޖޭގެ ޒުވާން ކުދިން އަދި ބޮޑުވަމުން އަންނަ ފުރާވަރުގެ ކުދިންގެ ކިބައިންވެސް ގިނައިން ފެންނަމުން އަންނަ އަލާމާތްތަކެކެވެ. މިގޮތަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުދިންގެ ސިފައަށް މީހުން ފާޑު ކިޔުމާއި، ފަލަ ވުމުން މަލާމާތް ކޮށް ބުލީ ކުރުމުގެ ސަބަބުން ތިމާގެ ހަށިގަނޑު ހަޑިކަމަށް އަމިއްލަ އަށް ގަބޫލުކުރެވެން ފެށުން ހިމެނެއެވެ. ހަށިގަނޑު ކިތަންމެ ހިކިކޮށް ހުރި ނަމަވެސް މިފަދަ މީހުންނަށް ލޯގަނޑުން ސިފަ ފެންނާނީ ހުތުރުކޮށެވެ. ސިފަ ރީތި މޮޑެލުންނަށް ވެސް މި ބަލި ޖެހެއެވެ.
މިބަލީގެ އަލާމާތްތަކަކީ؛
1. އަބަދުވެސް ހަށިގަނޑުގެ ބައްޓަމާއި ބަރުދަނާއި މެދު ވިސްނުން
2. ފަލަ ވެދާނެ ކަމަށް ނުވަތަ ކުޑަކޮށްވެސް ބަރުވެދާނެ ކަމަށް ބިރުހީވެގެން އުޅުން
3. އެއްފަހަރާ ބައިވަރު ކެއުން
4. އެގޮތަށް އެއްފަހަރާ ކާއިރު، ކޮންޓްރޯލު ގެއްލޭ ހެން ހީވުން، އަދި ކާ އެއްޗެހި ކެވޭ މިންވަރު ހިފެހެއްޓުމުގެ ބާރެއް ތިމާގެ ކިބައިގައި ނެތް ކަމަށް ހީވުން.
5. ގަދަކަމުން ހޮޑުލުން އަދި މާ ގަދައަށް ކަސްރަތުކުރުން
6. ކެއުމަށްފަހު ލެކްސަޓިވްސް ނުވަތަ ބަނޑު ހުސް ކުރަން ބޭނުންކުރާ ބޭސް ކެއުން
7. ދުވާލު ގަޑީގައި ހަމައެކަނި ފެން ބޮއެގެން އެހެން އެއްޗެއް ނުކައި ހުރުން
8. ހިކުމަށްޓަކައި ބާޒާރުން ލިބެންހުންނަ ބޭހާއި ސަޕްލިމެންޓްތައް ކެއުން
މިފަދަ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އީޓިން ޑިސޯޑާގެ ތެރޭގައި ބުލީމިއާ އާއި އެނޮރެކްސިއާ ހިމެނެއެވެ. މިދެ ބަލީގެ އަލާމާތްތައް ވެސް ދާދި އެއްގޮތެވެ. ނަފްސާނީ ބަލިތަކުގެ ތެރޭގައި މީހުން އެންމެ ގިނައިން މަރުވާ މައިގަނޑު ސަބަބަކީ ވެސް މިއީއެވެ. މިކަމަށް ދެވޭ ފަރުވާގެ ތެރޭގައި ސައިކޮލޮޖިކަލް ތެރަޕީ އާއި ބޭސް ހިމެނެއެވެ.