އަގުހެޔޮކޮށް ބަދިގެ ސާފުކޮށްލެވޭނެ ގޮތްތަކެއް

18 ފެބުރުއަރީ 2023 - 12:36

ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ބޮޑު ވަމުން އަންނަ އިރު, ކޮންމެހެން ނޫނީ ގަންނަން ނުޖެހޭ ތަކެތި ނުގަތުމަކީ މަސް ނިމެންވާއިރަށް ގެންގުޅެލަން އޮތް މަދު ފައިސާކޮޅުން އިތުރު ދެތިން ދުވަހުގެ ކޮއްތު ވެސް ހަމަޖެއްސިދާނެ ކަމެކެވެ.

ސާފުކުރުމަށްޓަކައި ގެންގުޅޭ އެކިއެކި ކްލީނިން ފުޅިތަކަކީ ތަށި، ތެލި އަދި ސިންކާއި މުޅި ބަދިގެ އެކީ ސާފުކޮށްލަން ބޭނުންވިއަސް ކޮންމެހެން ހޯދަންޖެހޭ ތަކެއްޗެވެ. ބަދިގެ ސާފުކޮށްލުމަކީ ނަފްސާނީ ގޮތުންވެސް ހިތްއުފާވެ ތިމާގެ ކަންކަން އަމިއްލަ ކޮންޓްރޯލުގައި ވާ ކަމުގެ އިހުސާސް ސިކުނޑިއަށް ވިސްނުވައިދޭ ތެރެަޕިއުޓިކު ކަމެކެވެ. މިކަން ކޮށްލުމަށްޓަކައި ބޭނުންވާ ސާފުކުރާ ތުވާއްޔާއި ސާފުކުރާ ފުޅިތައް ގަތުމަށް ފިހާރައަކަށް ގޮސްފި ނަމަ މި ހުރިހާ ސާމާނުތަކަށް ތިން ސަތޭހައެއްހާ ރުފިޔާ ހޭދަވާނެއެވެ. ނަމަވެސް މަދު އެތިކޮޅެއް ބޭނުންކޮށްގެން ސާފުކޮށްލަން ވަރަށް ފަސޭހަ ގޮތްތަކެއް ހޯދިދާނެއެވެ.

advertisement

ބޭކިން ސޯޑާ އާއި ވިނެގާ

ބޭކިން ސޯޑާ އާއި ފެންކޮޅެއް އެއްކޮށްލުމަށްފަހު ސާފުކުރަން ބޭނުންވާ އެއްޗެއް ސާފުކުރާށެވެ. އެއަށް ފަހު ވިނެގާ އާއި ފެން އެއްކުރުމަށް ފަހު, ސާފުކުރިތަން އެ ފެނެނުން ދޮވެލާށެވެ. 1.5 ލީޓަރުގެ ފެނަށް ފުޅީގެ މަތިގަނޑުގެ 3 ގުނަ ވިނެގާ އަޅާލުމުން ވިނެގާ ފެން ހެދޭނެއެވެ. ބޭކިން ސޯޑާއަށް އަޅާނީ ޕޭށްޓު ހެދޭވަރުގެ ފެންކޮޅެކެވެ.

ލުނބޯ ހުތް

ގިނަ ދުވަހަށް ހަރުލާފައި ހުންނަ ލައްގަނޑުތައް ފިލުވާލުމަށް ލުނބޯ ހުތަކީ ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ބާރުގަދަ ކެމިކަލްތައް ޖެހުމުގެ ބަދަލުގައި ދަބަރުކޮޅު ފިލުވާލުމަށް ވެސް ލުބޯ ހުތާއި ބޭކިން ސޯޑާ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ބާޒާރުގައި ލިނބޯ އަގުބޮޑު ނަމަ އާޓިފިޝަލް ލެމަން ޖޫސް ހޯދިދާނެއެވެ. އެއީ ކެއްކުމަށް ބޭނުންކުރާ އެއްޗެއް ކަމުން ކެމިކަލް ހުންނަ ސާފުކުރާ ތަކެއްޗަށްވުރެ އެކަހަލަ ލެމަން ޖޫސް ފުޅިވެސް މާ ރަނގަޅުވާނެއެވެ.

ލޮނު

މިއީ ވެސް ފިލުވަން އުނދަގޫ ލައްގަނޑުތައް ފިލުވާލުމަށް ވަރަށް ފަސޭހަ ގޮތެކެވެ. ތެތް ފޮތިކޮޅެއް ނުވަތަ ސްޕޮންޖެއްގެ މައްޗަށް ލޮނު ކޮޅެއް އަޅާލާފަ ހާކާލުމުން ފަސޭހައިން ހަޑިތައް ފިލާނެއެވެ.

ތަށިދޮންނަ ސޯޕް

މި ސޯޕަކީ ހަމައެކަނި ތަށި ދޮންނަން ހާއްސަ އެއްޗެއްގެ ގޮތަށް ވިއްކި ނަމަވެސް މީގެއިން ސާފުނުކުރެވޭނެ އެއްޗެއް ބަދިގޭގައި ނުހުންނާނެއެވެ. ތެލިތަކާއި އުނދުނުގެ މަތި އަދި އަވަނާއި ބިންމަތިވެސް މީގެއިން ރީތިކޮށް ސާފުކޮށްލެވޭނެއެވެ. ޑީޝް ވޮޝް ކޮޅެއް ފެނާއި އެއްކޮށްލައިގެން ބަދިގެ މޮޕް ކުރަން ވެސް ބޭނުން ކުރެވިދާނެއެވެ. ބިންމަތީގައި ހުންނަ ހުރިހާ ހަޑިއެއް ސާފުވާތަން ފެންނާނެއެވެ.

ސާފުކުރުމަށް ސްޕޮންޖުގެ ބަދަލުގައި މައިކްރޯ ފައިބާ ފޮތިކޮޅުތައް ބޭނުންކުރާށެވެ. އޭރުން މޭޒުފަދަ ތަންތަނުގައި ރޮނގު ނޭޅޭނެއެވެ. އަދި ހަޑި ފިލުވަން ފަސޭހަވާނެއެވެ. ބަދިގެ ސާފުކޮށް ބެހެއްޓުމަށްޓަކައި ކުރުން އެންމެ މުހިންމު ކަމަކީ ތަނަކަށް އެއްޗެއް އެޅި ނުވަތަ ބުރައިގެން ގޮސްފިނަމަ ވަގުތުން ނުވަތަ ވީހާވެސް އަވަހަކަށް އެތަނެއް ސާފުކޮށްލުމެވެ. ދުވަސްވާ ހަޑިތައް ފަހުން ފިލުވައި ސާފުކުރަން އުނދަގޫވާނެއެވެ.

ފިހާރަތަކުގެ ކްލީނިން ސާމާނަށް ހާއްސަ ހަރުގަނޑުތަކުގައި އެކި ކަހަލަ އެކި ބްރޭންޑް ތަކުގެ ސާފުކުރާ ފުޅިތައް ގިނައެވެ. ނަމަވެސް ސާފުކުރުމަކީ ވަރަށް ސިމްޕަލް ޑީއައިވައި އެއްޗަކުން ވެސް ކޮށްލެވޭނެ ކަމެކެވެ. މިއީ, އެފައިސާ އެހެން ކަމަކަށް ހާއްސަކޮށްލައި މީހާގެ ހަށިގަނޑުވެސް ކެމިކަލްތަކުން ސަލާމަތްކުރެވޭނެ ގޮތެކެވެ.

ރިއެކްޝަންސް
0
1
0
0
0
0
0