އީފާސްގެ އެޕް ވަރަށް ސަޅި، އެކަމަކު ހޭލުންތެރިވާންޖެހޭ!
23 ފެބުރުއަރީ 2023 - 16:27
އެއް ތަނަކުން ނުވަތަ އެއް ކާޑަކުން ނުވަތަ އެއް ޕޯޓަލަކުން ވިޔަސް މީހާއާ ބެހޭ ގިނަ މައުލޫމާތުތަކެއް ފެންނާނެ ގޮތަކަށް ހުރުމަކީ އެތައް ފަސޭހައެއް ލިބިގެންދާ ކަމެކެވެ. ވިޔަފާރިތަކަށް ވަކި ޕޯޓަލްއެއް، ސިއްހީ ކަންކަމަށް ވަކި ޕޯޓަލްއެއް، ސަރުކާރުން ހޯދާ އެހެން ހިދުމަތްތަކަށް ވަކި ޕޯޓަލްއެއް އޮތުމަކީ އެތައް ގޮތަކުން އުނދަގޫތަކާ ކުރިމަތިވާ ކަމެކެވެ.
އޭގެ ބަދަލުގައި އެއް ޕޯޓަލްއެއް ނުވަތަ އެއް އެޕްލިކޭޝަނެއްގެ ތެރެއިން މިހުރިހާ ކަމެއް ފުރިހަމަވުމަކީ އެތައް ގޮތަކުން ލިބޭނެ ފަސޭހައެކެވެ. މި އުންމީދުގައި މީގެ ކުރިން ޑިޖިޓަލް ވޮލެޓެއްގެ ވާހަކަ ދެކެވުނެވެ. ޕާސްޕޯޓާއި ބޭންކް ކާޑާއި ގުޅުވާލެވުނެވެ. ނަމަވެސް މާ ބޮޑު ތަރުހީބެއް ނުލިބުމާއި އެކަމާ ގުޅުން ހުރި އެހެން ކަންކަން ހަމަނުޖެހި އެކަން ވެސް ވަނީ ވައިގައި ހިފާ ގޮތް ނުވެފައެވެ.
“އީފާސް”އަކީ ރަސްމީ ހުރިހާ މައުލޫމާތެއް އެއް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން ތަރައްގީކުރަން ފެށި ޕްލެޓްފޯމެކެވެ. ޒާތީ މައުލޫމާތުތަކާއި ސަރުކާރަށް ހުށަހަޅަންޖެހޭ އެކިއެކި ފޯމްތަކާއި ވިޔަފާރިތަކާ ބެހޭ އެންމެހާ މައުލޫމާތު އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ޕޯޓަލްގެ މައިގަނޑު މަސައްކަތެވެ. އީފާސް ބޭނުންކުރަމުން އަންނަތާ ދުވަސްތަކަކަށް ފަހު މިއަދު މިވަނީ އަނެއްކާ ވެސް އާ ހަރުފަތެއް ގިރާކޮށްފައެވެ. އީފާސްގެ ތެރެއިން ޑިޖިޓަލް އައިޑީކާޑް ތައާރަފްކުރެވި ޓެސްޓްކުރުމަށްޓަކައި ހުޅުވާލެވިފައެވެ.
To the iOS users, we have not forgotten about you. Our iOS version will be ready for launch. We will be opening it for early access very soon. Stay tuned! https://t.co/FPbRj9dCkU— eFaas (@eFaasmv) February 22, 2023
ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޑިޖިޓަލް އައިޑީކާޑް އާއި އީފާސްގެ އެޕްލިކޭޝަން ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި 500 ފަރާތަކަށް އެ އެޕްލިކޭޝަން ޓެސްޓްކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެޕްލިކޭޝަން ޑިޒައިންކޮށްފައި ވަނީ ޒާތީ ވަރަށް ގިނަ މައުލޫމާތުތައް އެއް އެޕެއްގެ ތެރެއިން ބަލައިލެވޭ ގޮތަށެވެ. އެ ގޮތުން ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން ލައިސަންސް ކާޑާއި އަނބިދަރިންގެ މައުލޫމާތާއި ސިއްހީ މައުލޫމާތުގެ އިތުރުން ވިޔަފާރިއެއް ކުރާ ނަމަ އެ ވިޔަފާރީގެ މައުލޫމާތުތައް ވެސް މި އެޕްލިކޭޝަންގެ ތެރެއިން ބަލައިލެވެއެވެ. ސިއްހީ މައުލޫމާތު ތެރޭގައި އާސަންދައިން ކުރާ ހަރަދުތަކާއި އެންމެ ފަހުން ސިއްހީ ހިދުމަތް ހޯދި ތަންތަނާއި ތާރީހުތައް ފެންނަން ހުރެއެވެ.
މީގެ އިތުރުން މި އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ސަރުކާރުން ހޯދަންޖެހޭ އެކިއެކި ހިދުމަތްތަކަށް ވެސް ހުށަހެޅޭނެ ލިންކްތަކާ އެކުގައެވެ. އެ ގޮތުން ވިޔަފާރީގެ ހުއްދަތަކާއި އީފާސް މެދުވެރިކޮށް ހޯދަންޖެހޭ އެހެން ހިދުމަތްތަކަށް ފަސޭހައި އެކްސެސް ވެވެއެވެ. މިއީ އަދި ޓެސްޓް މަރުހަލާއެކެވެ. އެހެންކަމުން ފުރިހަމަކުރަންޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުއްޓެވެ. މުސްތަގުބަލުގައި މި އެޕްލިކޭޝަން އާންމުކޮށް އެންމެންނަށް ހުޅުވާލެވޭ އިރު މިހާރު ކުރި ކުދިކުދި މައްސަލަތައް ހައްލުވެގެންދާނެއެވެ. އަދި އެންސީއައިޓީގެ ވިސްނުމަކީ މި އެޕްލިކޭޝަންގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ގޮތެއް ހެދުމެވެ.
ސަމާލުވާންވީ ކީއްވެ؟
ޑިޖިޓަލް އައިޑީ ކާޑަކީ ރާއްޖެ އަށް އަދި އާ ކަމެކެވެ. ކޮންމެ އާކަމަކާ އެކު ވެސް ކަންބޮޑުވުންތަކެއް ހުންނާނެއެވެ. ހާއްސަކޮށް އިންޓަނެޓާ ގުޅިފައިވާ ކަމަކަށްވުމުން މި ދުވަސްވަރަކީ އެ ކަންބޮޑުވުންތައް އިންތިހާ އަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ވައްކަންކުރާ މައްސަލަތަކާ ގުޅިގެން އިންޓަނެޓް ބޭންކިންގއާއި މޯބައިލް ބޭންކިންގ އަށް މީހުން ކުރާ އިތުބާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ދަނޑިވަޅެއްގައި ޒާތީ އެތައް މައުލޫމާތެއް ހިމެނޭ ކަމެއްގެ ތެރެއަށް ވަނުމަށް ގިނަ ބަޔަކު ޖެހިލުންވުން ވެސް އެކަށީގެން ވެއެވެ.
އީފާސްގެ ތެރެއިން އެތައް މައުލޫމާތެއް ލިބޭ އިރު މި މައުލޫމާތުތައް ލީކުނުވާނެ ކަމުގެ ޔަގީންކަން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. އަދި މިފަދަ ކަމަކަށް އިތުބާރު އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރަންޖެހޭނެއެވެ. އަދި އެ މައުލޫމާތު ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއްވެސް މެއެވެ. އިންޓަނެޓް ބޭންކިންގ ވިޔަސް އަދި އީފާސް ވިޔަސް އެ މައުލޫމާތެއް ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެކެވެ. އީފާސް ރައްކާކުރުމަށް ވެސް ލިންކްތަކަށް ފިތުމުގެ ކުރިން ވިސްނަންޖެހެއެވެ.
އީފާސް އެޕްލިކޭޝަން ވަރަށް ސަޅިއެވެ. އެހެން ނަމަވެސް މިއީ އާންމުން ވެސް އަދި ދައުލަތުގެ މުއައްސަސާތަކުން ވެސް އަހުލުވެރިވާންޖެހޭ އެޕްލިކޭޝަނެކެވެ. މުސްތަގުބަލުގައި އައިޑީކާޑަކީ ޕްރިންޓްކޮށްގެން ގެންގުޅޭނެ އެއްޗަކަށް ނުވާނެއެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުން ކުރިއަށް އޮތްތަނުގައި ޕްރިންޓެޑް ކާޑު ދޫކުރާނީ އެ ބޭނުން ވެގެން އެދޭ ފަރާތްތަކަށް އެކަންޏެވެ. ލައިސަންސް ކާޑު ދޫކުރުމުގައި ވެސް ގެންގުޅޭނީ މި އުސޫލެވެ. އެހެންކަމުން މި ކާޑުތަކުގެ ބޭނުން ހިފާ މުއައްސަސާތަކުން ވެސް މިކަން ކަމަށް އަހުލުވެރިވާންޖެހެއެވެ. ސިސްޓަމްގެ ތެރެއިން ކާޑް ޗެކްކުރެވޭނެ ނިޒާމު ގާއިމުކުރެވި އަދި މުވައްޒަފުން ވެސް އަހުލުވެރިވާންޖެހޭނެއެވެ. އަދި ހުރިހާތަނަކުން ޑިޖިޓަލް ކާޑު ގަބޫލުކުރަން ވެސް ޖެހޭނެއެވެ.