ރާއްޖޭގައި މި އަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތް ފަށައިފި

25 ފެބުރުއަރީ 2023 - 10:40

ރާއްޖޭގައި މި އަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ 14 އަހަރަށްފަހު ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެވެ. ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެއް ރާއްޖޭގައި އެންމެ ފަހުން ބާއްވާފައިވަނީ 2009 ވަނަ އަހަރު ސެންޓަރަލް އޭޝިއަން ވޮލީބޯލް މުބާރާތެވެ.

advertisement

4 ނޭޝަންސް ކަޕް ރާއްޖޭގައި ބާއްވާއިރު، އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މީގެ އެންމެބޮޑު އެއް ބޭނުމަކީ ދިވެހި ޒުވާނުންނަށް ރާއްޖޭގެ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ 4 ނޭޝަންސް ކަޕްގައި ބައިވެރިވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކެވެ. މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޣާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.

4 ނޭޝަންސް ކަޕް ފެށުމުގެ ގޮތުން މިރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި، މެލޭޝިޔާގެ ޓީމެވެ. 4 ނޭޝަންސް ކަޕްގެ އިތުރުން ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުން މިއަހަރު ބައިނަލްއަޤްވާމީ 2 މުބާރާތުގައި ބައިވެރުވުމަށްވަނީ ހަމަޖެހިފައެވެ.

އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި ސަރުކާރު އައިފަހުން، އެކި ކުޅިވަރުތަކުން މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެ ވަނީ 33 ގޯލްޑް މެޑެއްޔާއި، 18 ސިލްވަރ މެޑެއްޔާއި، 88 ބްރޮންޒް މެޑެލް ހޯދާފައެވެ. އަދި ރާއްޖޭގައި އެކި އެކި ބައިނަލްއަޤްވާމީ މުބާރާތްތައް ވަނީ ބާއްވާފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ބައިނަލްއަޤްވާމީ 9 މުބާރާތެއް ވަނީ ބާއްވާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0