ގޭތެރެއިން އެކި ސިފަސިފައިގައި ކުދިންނަށް ލިބޭ އަނިޔާގެ ނަތީޖާ ހިތިވާނެ

25 ފެބުރުއަރީ 2023 - 13:12

އާއްމު ގަބޫލުކުރުމަކީ ކުޑަ ކުދިން ނަމަ އެކުދިން “ބަސް އަހަން” ޖެހޭނެ ކަމެވެ. ނަމަވެސް ކުދިންގެ އަމިއްލަ އިހްތިޔާރުން ކުދިން ބަރީއަކޮށް ހަމަ އެކަނި މައިންބަފައިން ބުނާ ގޮތަށް ކަންކަން ކުރުވަން މަޖުބޫރުކުރުވައި، ކުދިންނަށް އިހުތިރާމު ނުކުރުމަކީ އެކަމުގެ ނަތީޖާ ވަރަށް ދެރަކޮށް ފެންނަ ކަމެއްކަން މި ޖީލުގެ މީހުން އަންނަނީ ގަބޫލުކޮށް ދަރިން ތަރުބިއްޔަތުކުރުމުގައި އަމަލުކުރާ ގޮތް ބަދަލުކުރަމުންނެވެ.

މިކަން އެނގެނީ މިކަމާއި ބެހޭ ވާހަކަތައް ރަސްމީ ސިފައިގައި ވެސް ދެކެވޭތަން ފެންނާތީއެވެ. ނަފްސާނީ ޑޮކްޓަރުންނާއި އެދާއިރާގެ އެހެން ޕްރޮފެޝަނަލުން ވެސް މިކަމާއި މެދު ހޭލުންތެރިކަން އުފެއްދުމަށް ގިނަ މަސައްކަތްތައް ކުރާތަން ފެންނާތީއެވެ.

advertisement

ނަމަވެސް ރާއްޖޭގައި އަދިވެސް ބެލެނިވެރިންނާއި ޖުމުލަކޮށް ހުރިހާ ބޮޑެތިމީހުންވެސް ކުދިންނާއި މެދު އަމަލުކުރުމުގައި އެކުދިންނަށް އިހުތިރާމު ކުރާތަން ފެންނަނީ މަދުންނެވެ. ކުދިން އަދަބުވެރި ކުރުވުމަށްޓަކައި އެކުދިންނަށް އިހުތިރާމު ނުކުރާ ނަމަ ކުދިންވެސް އެހެން މީހުންނަށް އިހުތިރާމު ނުކުރާނެއެވެ.

ބިރު ދެއްކުމަކީ ކުދިން އަދަބުވެރި ކުރުވާ ކަމެއް ނޫން ކަން މިކަމާއި ބެހޭ ތަޖުރިބާކާރުންނާއި ޕްރޮފެޝަނަލުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ކުދިންނަކީ ކުޑަވެފައި ބޮޑެތިމީހުންގެ ބެލުމުގެ ދަށުގައި ތިބޭ ބައެއް ކަމުން އެކުދިންނަށް ބިރު ދެއްކުމާއި އަދަބުދިނުމަކީ ބޮޑެތިމީހުން އަދިވެސް ކުރަމުން އަންނަ ނުރައްކާތެރި ހިތާމަވެރި ކަމެކެވެ. ކުދިންގައިގައި ތެޅުމަކީ ވެސް އަނިޔާ އެވެ. ހަޅޭއްލެވުމަކީވެސް އަނިޔާއެވެ. އަދި ބިރުދެއްކުމާއި ހަޑިބަހުން ވާހަކަ ދެއްކުމަކީ ވެސް އަނިޔާއެވެ.

ނަފްސާނީ އަނިޔާ

ތަޅައި އަނިޔާ ކޮށްގެން ބޮޑުކުރާ ކުދިންނަށް އެންޒައިޓީ، ޑިޕްރެޝަން، އަމިއްލަ ނަފްސުދެކެ ލޯބިނުވުން, އެހެން މީހުންނަށް އިތުބާރުނުކުރުން ފަދަ ކަންކަމާއި ކުރިމަތިވެއެވެ. އަދި އެހެން މީހުންނާއި އެކު ރަނގަޅު ގުޅުން ދެމެހެއްޓުމާއި މުއާމަލާތްކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.

ބިހޭވިއަރަލް މައްސަލަތައް

ރުޅިގަދަ ވުމާއި، ހިތަށްއަރާއިރަށް ކަންކަން ކޮށްލުމާއި، މާ ބޮޑަށް ހަލަބޮލިކޮށް އުޅުމަކީ ޖިސްމާނީ އަނިޔާ އާއި އިމޯޝަނަލް އަނިޔާތެރޭގައި ބޮޑުވާ ކުދިންނަށް ދިމާވާ ބިހޭވިއަރަލް މައްސަލަތަކެވެ. އަދި ކިޔެވުމަށް އުނދަގޫ ވުމާއި ވަކި ގަވާއިދުތަކަކަށް އުޅުމަށް އުދަނގޫ ވުމަކީވެސް މިކަމުން ދިމާވާ މައްސަލަތަކެވެ.

މަސްތުވާތަކެތި ބޭނުންކުރުން

ކުޑަ އިރު ލިބޭ އަނިޔާގެ ސަބަބުން ދިމާވާ ނަފްސާނީ އަނިޔާ އަށް ތަސައްލީ ހޯދުމުގެ ގޮތުން މަސްތުވުމަށް މިފަދަ މީހުން ބޭނުންވަނީ ސިކުނޑި ހަމަޖައްސައި އުފާވެރިކަން ހޯދުމަށެވެ. މިގޮތުން ކުޑަ އިރު އަނިޔާ ލިބޭ ކުދިން ބޮޑުވެގެން ރާ ބުއިން, މަސްތުވާ ހިކި ތަކެތި ބޭނުންކުރުން, ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމަށް ހުށައެޅުމަކީ ގާތް ކަމެކެވެ.

އެކަހެރިވެ އެކަނި އުޅެން ބޭނުންވުން

ގޭތެރޭގެ ދިރިއުޅުމާއި މެދު ލަދުގަނެ އެހެން މީހުން ނުވަތަ ކުދިންނާއި ގުޅުން އުފައްދައި ގާތްކޮށް އުޅުމަށް މިފަދަ ކުދިން ލަދު ގަތުމަކީ ވެސް ކުރިމަތިވާ ކަމެކެވެ. އެކަމުގެ ސަބަބުން އެކަހެރިވެ އެކަނިއުޅެން ފެށުމަކީ އޭގެ ސަބަބުން އަނެއްކާވެސް މީހާ ނަފްސާނީގޮތުން ބަލިކަށިކުރުވާނެ ކަމެކެވެ.

ކަން މިހެން އޮތަސްވެސް އެނގުން މުހިންމު ކަމަކީ މިއީ ހައްލުނުކުރެވޭނެ ކަންކަން ނޫން ކަމެވެ. ކުޑައިރު ދިމާވާ ޓްރޯމާ ނުވަތަ އަދަބުވެރި ކުރުވުމުގެ ގޮތުން ވިޔަސްވެސް ގޭތެރެއިން އެކި ސިފަސިފައިގައި ލިބޭ އަނިޔާގެ ނަތީޖާ ތަކަކީ ބޮޑެތި މީހުންގެ ލޮތްބާއި އަޅާލުމާއި ތެރަޕީ އިން ފަސޭހަ ހޯދޭނެ ކަންކަމެވެ. އަދި އެހެން މީހުންނެކޭ އެއްފަދައިން ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވެސް ހޯދޭނެ ކަމެވެ. ނަމަވެސް އެކަމަށްޓަކައި އަވަހަށް ފަރުވާ ބޭނުންވާނެއެވެ. ހާއްސަކޮށް ކުދިން ބޮޑެތިވެ މި މައްސަލަތައް ބޮޑުވުމުގެ ކުރިން އެހީ ލިބިއްޖެ ނަމަ މި ހާލަތްތައް މެދުވެރިވުން ދުރުވާނެއެވެ.

ރިއެކްޝަންސް
0
0
0
1
2
0
0