ރިޕޯޓު: ސަރުކާރުގެ އޮފީސްތައް ހިންގަން ކުލީގެ ގޮތުގައި އެތައް މިލިއަނެއް!

20 މާޗް 2023 - 14:06

ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ބޭނުންވާ އިމާރާތްތަކުގެ ދަތިކަމަކީ ކޮންމެ ސަރުކާރަކަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވެލާނާގެ ހުރި ތަނުގައި 14 ބުރީގެ ބިޔަ އޮފީސް އިމާރާތެއް އެޅުމުން ގިނަ ބަޔަކަށް ގަބޫލުކުރެވުނީ އެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އާ ގާނޫނު އަސާސީއާ އެކު އާ މުއައްސަސާތައް ވުޖޫދުވެ އާ އޮފީސްތައް އުފެދުނެވެ.

ސިވިލް ސާވިސްގެ އިތުރުން ސިޔާސީ އެތައް މަގާމުތަކެއް އުފެދުނެވެ. އޭގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ހިންގާނެ ޖާގަ އިންތިހާ އަށް މަދުވިއެވެ. ނަތީޖާއަކަށްވީ އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ނަގަންޖެހުމެވެ. ދައުލަތުގެ ބަޖެތުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަންޖެހުމެވެ.

advertisement

އަމިއްލަ ތަންތަނަށް ކުލި ދެއްކުމަކީ ރައްޔިތުންގެ ލާރިން ކުރެވޭ ބޮޑު އިސްރާފެއް

ދައުލަތުގެ ބިންތައް ކިތަންމެ ގިނަ ނަމަވެސް އޮފީސް އިމާރާތްތައް ހަދާނެ ފައިސާއެއް ނުހުރެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ އިމާރާތްތައް އެޅުމަށް އެއްފަހަރާ ހޭދަކުރާނެ ފައިސާއެއް ނުލިބެއެވެ. އެހެން ކަމުން މަހުން މަހަށް ކުލި ދައްކާލައިގެން ހަމަޖެއްސުމަކީ ފަސޭހަ ގޮތެއް ކަމަށް ބަލައި އަމިއްލަ މީހުންގެ ގެދޮރުގައި ދައުލަތުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ހިންގައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ކޮންމެ ސަރުކާރަކުން ވެސް ކުރާ ވަރަށް ބޮޑު އިސްރާފެކެވެ. ކުއްޔަށް މިހާރު ހޭދަކުރާ ފައިސާ އިން އެކަނި ވެސް އެތައް އިމާރާތެއް އެޅޭނެއެވެ. އެހެންކަމުން ކޮންމެވެސް ގޮތަކުން ފަންޑް ހޯދައިގެން ވިޔަސް ދައުލަތުގެ އިދާރާތައް ހިންގާނެ އިމާރާތްތަކެއް އެބަ އަޅަންޖެހެއެވެ. 

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އޮފީސް އިމާރާތްތަކުގެ ކުއްޔަށް ބިލިއަނެއްހާ ރުފިޔާ ހޭދަކުރެއެވެ. މިދިޔަ އަހަރު އެކަނި ވެސް 180 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އޮފީސް އިމާރާތްތަކުގެ ކުއްޔަށް ދައުލަތުން މިހާ ބޮޑު ހޭދައެއް ކުރަންޖެހޭ އިރު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއި ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ސަރުކާރުން ކުރާ ކަމެކެވެ. މިކަމާ ގުޅޭ ކަންބޮޑުވުންތައް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ފާހަގަކުރައްވާފައި ވެސް ވެއެވެ. 

އިމާރާތްތައް ކުއްޔަށް ހިފަން ދައުލަތުން އަހަރަކު 102 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރޭ: މުއިއްޒު | ފޮޓޯ: މަޖިލިސް

ސަރުކާރުގެ އޮފީސް އިމާރާތްތަކުގެ ކުއްޔަށް ކުރާ ހޭދަ ކުޑަކުރުމަށް ގޮވާލައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ގަރާރެއްގައި ބުނެފައި ވަނީ އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް 102 މިލިއަން ރުފިޔާ ސަރުކާރުން މި ކަމަށް ހޭދަކުރާ ކަމަށެވެ. މި ގަރާރުގެ ބަހުސްގައި ވަރަށް ގިނަ މެންބަރުން ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ގުދަން ފަދަ ތަންތަން ސަރުކާރުގެ އިމާރާތްތަކަށް ބަދަލުކުރުމުގެ ރަނގަޅު ޕްލޭނެއް އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ކަމަށެވެ. އެ ކަމަށް ޕްލޭނެއް ބޭނުންވާ ކަމަށާއި ރެއަލް އެސްޓޭޓްކުރާ ވަކި ކުންފުނިތަކަކަށް ނުވަތަ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ. 

“މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ވިސްނުމެއް އޮތް ކަމަށް ނުދެކޭތީ އަދި ކޮރަޕްޝަނަށް މަގުފަހިވާތީ ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މި މަޖިލީހަށް ހާޒިރުކޮށް، މިކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް ގޮވާލައި، މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،” މުއިއްޒު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

އުމަރު ޒާހިރު އިމާރާތް: ބަޖެޓަށް ބޮޑު ލުޔެއް

 މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ވަނީ ފަށައިފައެވެ. އެ ގޮތުން ހުޅުމާލޭގައި 25،000 އަކަފޫޓުގެ ޖާގައެއްގައި ޕާކިން ވެސް ހިމެނޭހެން ހަ ބުރީގެ އިމާރާތެއް ހަދައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ އުމަރު ޒާހިރުގެ ނަމުން ނަން ދީފައިވާ މި އިމާރާތުގެ ސަބަބުން އަހަރަކު 12 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އެ އިމާރާތައް ތިން މިނިސްޓްރީއެއް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެއީ ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއެވެ. މިއީ ކުރިން އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހިންގި އޮފީސްތަކެވެ. އެ ގޮތުން ޖެންޑާ މިނިސްޓްރީން މީގެ ކުރިން ކޮންމެ މަހަކު ކުލީގެ ގޮތުގައި 225،000ރ. ދައްކާ އިރު ސަރުކާރުގެ ބަޖެޓުން އެ އޮފީހުގެ ކުއްޔަށް އަހަރަކު 2.7 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ހަޔާ އެޑިއުކޭޝަނުން މަހަކު 198،000ރ. ކުއްޔަށް ހޭދަކުރާ އިރު އެ އިދާރާގެ ބަޖެޓުގައި ވެސް ކުލީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައި ވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ހިންގަމުން އައީ އެކި އިމާރާތްތަކަށް މަހަކު ކުލީގެ ގޮތުގައި 660،000ރ. ދައްކައިގެންނެވެ. އެ މިނިސްޓްރީގެ އަހަރީ ބަޖެޓުގައި ކުލީގެ ގޮތުގައި 7.7 މިލިއަން ރުފިޔާ ޖަހާފައި ވެއެވެ. 

އުމަރު ޒާހިރު ބިލްޑިންގް ހުޅުވުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތްތައް މަދުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް އެކަމަށް ކުރަންޖެހޭ ކަމަށެވެ. މިހެން މެދުވެރިވެފައި ވަނީ ކުރިން ބޭނުންކުރަމުން އައި ބައެއް އިމާރާތްތައް ހަލާކުވެ ބޭނުންނުކުރެވޭ ގޮތް ވެފައިވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީ ކުރިން ހިންގަމުން އައީ ހުރަވީ ބިލްޑިންގައެވެ. ނަމަވެސް އެތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމުން މިހާރު ވަނީ ތަޅާލާފައެވެ. 

“ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު. އޭގެ ފަހުން، ސަރުކާރުގެ ހިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެން ދިޔައިރު ވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރު ވެސް ހޯދިފައެއް ނެތް,” އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އެ ދުވަހު ވަނީ މިފަދަ އިތުރު އޮފީސް އިމާރާތްތައް އެޅުމުގެ ޕްލޭނެއް ސަރުކާރުގައި އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލްތަކެއް މިހާތަނަށް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

އުމަރު ޒާހިރު ބިލްޑިންގް ރީތި ނަމަވެސް އެހާ ބޮޑު ޖާގައެއްގައި މިޒަމާނާ އަޅާބަލާއިރު ތިރި އިމާރާތެއް އެލުމުން ވެސް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. މިފަދަ އިމާރާތެއް އަޅާއިރު ބިމުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފުން މުހިންމުކަމާއި ޖާގަ އޮތް އިރު އުސްކޮށް އިމާރާތްތައް އެޅުން މުހިންމު ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. އެ ގޮތުން ދެން އިމާރާތްތައް އެޅުމުގައި ވީހާ ވެސް ގިނަ އޮފީސްތަކަކަށް ޖާގަ ލިބޭނެ ގޮތަށް އިމާރާތްކުރުން މުހިންމު ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލު ފާޅުކޮށްފައި ވެއެވެ. 

ސަރުކާރު އޮފީސްތައް ހިންގާނެ އިމާރާތްތައް އިތުރުކުރަން އެބަ ޖެހޭ

ސަރުކާރު އޮފީސްތައް ހިންގާނެ އިމާރާތްތައް ހެދުމަށް މީގެ ކުރިން ވެސް ޕްލޭންތަކެއް ކުރެވިފައި ވެއެވެ. އެ ގޮތުން އަމީނީ މަގުގައި ފިނޭންސް މިނިސްޓްރީ ހުރި ބިމުގައި 25 ބުރީގެ ބިޔަ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ބިން ވެސް ސާފުކުރިއެވެ. ނަމަވެސް އެ ސަރަހައްދުގައި އެހާ ބޮޑު އިމާރާތެއް އެޅުމުން ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބާލުކުރެވި އެ އިމާރާތް ހުޅުމާލޭގައި އެޅުމަށް ނިންމިއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ޕްލޭންގައި ކުލަޖެހިފައެއް ނުވެއެވެ. އިމާރާތް އެޅުމަށް އަމީނީ މަގުން ހުސްކުރި ބިން މިހާރު ބޭނުންކުރަނީ ވެހިކަލް ޕާކް ކުރުމަށެވެ. 

ދައުލަތުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ސަރުކާރުގެ ބާ އިމާރާތްތަކުގައި އެބަ ހިންގައެވެ. ބައެއް އިމާރާތްތައް ވަރަށް ބޮޑަށް ވަނީ ބާވެ ހަލާކުވެފައެވެ. ގާޒީ ބިލްޑިންގާއި ކުރީގެ ކުތުބުހާނާ ހިންގި ބިއްލޫރި ޖެހިގެއަކީ ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތްތަކެކެވެ. އެ ތަންތަނުގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ދަނީ ވަރަށް ދަތި ގޮތަކަށެވެ.

ކަރަންޓްގެ މައްސަލަ އާއި ތަންތަން ފީވެ ވެއްޓުން ފަދަ ގިނަ މައްސަލަތަކެއް އެ އިމާރާތްތަކުގައި ހުރި އިރު އެ ތަންތަން މަރާމާތުކުރުމަށް ވެސް ބަޖެޓުގައި ފައިސާއެއް ނުހުރެއެވެ. އެ އިމާރާތްތަކުގައި ނުހިންގޭ ވަރުވުމުން ދެންޖެހެނީ ކޮންމެ ވެސް އަމިއްލަ މީހެއްގެ އިމާރާތެއް ކުއްޔަށް ނަގަންށެވެ. ޖެންޑާ މިނިސްޓްރީއަކީ ވެސް ކުރިން ބިއްލޫރިޖެހި ގޭގައި ހިންގި އޮފީހެކެވެ. ނަމަވެސް ފަހުން ގިނަ ސެކްޝަންތައް އަމިއްލަ މީހެއްގެ ގެއަށް ބަދަލުކުރިއެވެ. 

ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތްތަކުގެ މައްސަލައަށް ފާއިތުވި އަހަރުތަކުގައި މާބޮޑު ހައްލެއް ހޯދިފައެއް ނުވެއެވެ. އޮފީސްތަކަށް ހާއްކޮށްގެން އެޅުނީ އެންމެ އިމާރާތެކެވެ. އެހެން ނަމަވެސް ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި މުޅިން އަލަށް އެތައް އިދާރާއެއް އުފެދިއްޖެއެވެ. އެތައް ވަޒީފާއެއް އިތުރުވެއްޖެއެވެ. އެހެން ނަމަވެސް އޮފީސްތަކަށް ޖާގަ އިތުރުކުރެވި ނުވަތަ އޮފީސްތައް ހިންގާނެ އިމާރާތްތަކެއް އިތުރުވެފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ކުއްޔަށް ހޭދަކުރަންޖެހެއެވެ. ނަމަވެސް މިއީ ކޮންމެވެސް ހިސާބަކުން ނިމުމެއް އަންނަންޖެހޭ ކަމެކެވެ. އަދި ދުރުމުސްތަގުބަލަކަށް ބަލައި ސަރުކާރުގެ އޮފީސް އިމާރާތްތަކެއް ހަދަން ޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0