އަމިއްލަ ހިޔާލު: ކެމްޕޭނުކުރާ ޓީމުތަކުން ގެއަށް އައީމާ ދިރިއުޅުމުގެ ހާލަތު ދައްކާށެވެ. ހާލަތު ނުފޮރުވާށެވެ. ސުވާލުކޮށް ޖަވާބުހޯދާށެވެ.
28 މާޗް 2023 - 12:01
އަނެއްކާވެސް ރިޔާސީ އިންތިހާބެއް ބޯމަތިވަނީ އެވެ. މިއަހަރު ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފަ އޮތް އިންތިހާބަކީ ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއް ގާއިމުވީފަހުން ބާއްވާ 4 ވަނަ ރިޔާސީ އިންތިހާބެވެ. ހިނގަމުން މިދަނީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރެވެ. ރަސްމީގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އަދި މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކޮށްފައި ނެތް ނަމަވެސް އިންތިހާބަށް ކުރިމަތިލާނެ ކަން ކަށަވަރުވާ ކެންޑިޑޭޓުން މިހާރު ކެމްޕެއިން ފަށްޓަވައިފިއެވެ.
ރައްޔިތުންގެ ހާލުބެލުމަށް ކަމަށް ބުނެ, މި ބޭފުޅުންނާއި މި ބޭފުޅުންގެ ފަރާތުން ދާ ވަފުދުތައް ދާދި އަވަހަށް ގޭގެއަށް ހިނގަން ފަށާނެއެވެ. ރަށްރަށުގެ ހާލަތުބެލުމަށް ކަމަށް ބުނެ ރަށްރަށަށް ގޮސް ވައުދު ވާން ފަށާނެއެވެ. ތިމަންނާ ހޮވައިދީފި ނަމަ މިރަށަށް މިވެނިކަމެއް, މިގެއަށް މިވެނި ކަމެއް ކޮށްދޭނެ ކަމަށް ބުނާނެއެވެ.
މިވާހަކަތައް އަޑުއަހައި އެއްވެސް ސުވާލެއް ކުރުމެއް ނެތި ލޮލުންބޮލުން މިވާހަކަތައް ގަބޫޅުކުރުމަކީ ޑޮމޮކްރަސީގެ އަސާސްތަކާއި ހިލާފުކަމެކެވެ. ވީމާ ޒިންމާދާރު ރައްޔިތެއްގެ ރޯލު އަދާކުރުމުގެ ގޮތުން ކޮންމެ ފަރުދަކަށް ވެސް އަދާކުރެވޭނެ ޒިންމާތަކެއް އެބަވެއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ފަރާތްތަކާއި ސުވާލުކުރުމަކީ މުހިންމު ކަމެކެވެ. އެއީ ޒިންމާދާރުކަމެކެވެ. ހަރުދަނާ ސިފައެކެވެ.
ސިޔާސީ ބޭފުޅުން ކައިރި ދައްކަންވީ ވާހަކަތައް
ދޮރުންދޮރަށް ހިނގާ މީހުންގާތުގައި, މިދިޔަ 5 އަހަރުތެރޭގައި ރައްޔިތުންގެ ހާލަތު ނުބެލީ ކީއްވެތޯ އަހާށެވެ. ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށާއި ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ ހިސާބެއްގައި ކަންކަން ނިންމާ ފަރާތްތައް ތިބެން ޖެހުމަކީ މުހިންމު ކަމެއް ކަމަށް ދެކި ރާއްޖެ މިވަނީ ލާމަރުކަޒުކޮށްފައެވެ.
ކޮންމެ ރަށެއްގައި ކަތީބުންގެ ބަދަލުގައި 5 ކައުންސިލަރުން އެބަތިއްބެވެ. އެއިން މީހަކު ރައްޔިތުންގެ ހާލުބަލާލަން އެންމެ ފަހުން ރަށުތެރޭ ހިނގާލީ ކޮންއިރަކުތޯއެވެ? މަޖިލީހަށް ހޮވި މެމްބަރާއި, ކައުންސިލަށް ހޮވި މެމްބަރާއި އެކުވެގެން ނުވަތަ ވަކިވަކިން އެމީހަކު ތާއީދުކުރާ ކެންޑިޑޭޓަށް ވޯޓު ހޯދަން ރަށުތެރޭގައި ހިނގާއިރު ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ އަޑު އުފުލަން އެމީހުން މިހާތަނަށް ކުރީ ކީއްތޯ އަހާށެވެ.
ޑްރަގް އެޑިކްޝަނުން ސަލާމަތްނުވެވިފައި ހުރި ދަރިފުޅު ދައްކާށެވެ. އޭނާއަށް ހޯދައިދިން ފަރުވާ ކޮބާތޯ އާއި ފަރުވާގެ ފެންވަރާއި ހާލަތާއި އެކަމުން އޭނާއަށް ކުރިމަތިވީ ކަންކަން ކިޔައިދޭށެވެ. އެކަމުގެ ސަބަބުން މުޅި އާއިލާ އަށް ލިބޭ ގެއްލުންތައް އަޑުއިއްވާށެވެ. ލިބޭ މުސާރަކޮޅު ކިރިޔާ ބޮޑުވާއިރަށް ތަކެތީގެ އަގު އުފުލިގެން ގޮސް މިއަދު ކަންމަތީ ފިހާރައިން ވަޅޯ މަސްކޮޅަކާއި, ތަރުކާރީކޮޅަކާއި, އަންނައުނު ދޮންނަ ސައިބޯންޏާއި, ސްކޫލަށް ގެންދަންޖެހޭ ސާމާނުތައް ގަނެލީމައި އަތުގައި ބާކީ ފައިސާކޮޅެއް ނެތްވާހަކަ ބުނާށެވެ.
ބޮޑުވާ މުސާރައާއި އެކު ތަކެތީގެ އަގު އުފުލޭނަމަ މުސާރަބޮޑުކުރުމުގެ ބޭނުމެއް އޮތްތޯ ސުވާލުކުރާށެވެ. އިންފްލޭޝަން ހިފަހައްޓަން ފިޔަވަޅު ނާޅަނީ ކީއްވެތޯ އަހާށެވެ. ހިތްއުފާކޮށްލަން, ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ކުރިއަރުވަން ކުރީ ކޮންކަމެއްތޯ ހެދީ ކޮން ސިޔާސަތެއްތޯ, އޭގެ ނަތީޖާ އަކީ ކޮބައިތޯ އަހާށެވެ.
ގެއަށް ވާރޭވެހޭތަން ދައްކާށެވެ. ބަދިގޭގައި ކައްކަން ގެންގުޅޭ ބާތެލިތައް ދައްކާށެވެ. މިއީ ސިއްހަތާއި ގުޅިފައި ހުރި މުހިންމު ކަންކަމެވެ. ފަގީރު ހާލަތުގެ ސަބަބުން ދިރިއުޅުމުގައި ހުރި މިފަދަ ކަންކަން ދައްކާށެވެ. މިއީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވަނީ ރައްޔިތުން އަމިއްލައަށް ކުރި އަދި ނުކުރި ކަމަކުންނެއްވެސް ނޫނެވެ. ސިޔާސަތުތަކާއި ގުޅުމެއް ނެތް އެއްވެސް ހާލަތެއް ގައުމަކަށް މެދުވެރިނުވާނެއެވެ. އެސިޔާސަތުތައް ހަދާ މީހުންނާއި ކުރިމަތިލާށެވެ. މިހާލަތު މެދުވެރިވާނެ ފަދައިން ކަންކަން ނިންމީ ކީއްވެތޯ އަހާށެވެ.
އެވެނިމިވެނި ކަމެއް ކުރީ ރައްޔިތުން އެދިގެންނޭ ބުނުމަކުން ނުފުދެއެވެ. “އިންފޯމްޑް ކޮންސެންޓް” ނުވަތަ ކަމާއި އެކަމުން ނިކުންނާނެ ނަތީޖާ ރަނގަޅަށް އެނގިހުރެ ކަމަކަށް އެއްބަސްވުމާއި ރަނގަޅަށް ކަންކަން ނޭނގޭ ހާލު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ހުރެ ކަމަކަށް އެއްބަސްވުމާއި މިއީ ތަފާތު ދެކަމެކެވެ. މަސްތުގެ ހާލަތުގައި ވާނުވާ ނޭނގޭހާލު ހުރި މީހަކު ނުވަތަ ފައިގައި ރިއްސާވަރުން ކެތްނުކުރެވިގެން އެ ތަދު އިހުސާސުކުރަމުން ހެއަށް ގޮތްވެފައިވާ މީހަކު ތިމަންނާގެ ފައި ބުރިކޮށްލަދޭށޭ ބުނެފިނަމަ އެކަން އެގޮތަށް ކުރާނެ ޑޮކްޓަރަކު ކީއްކުރަން އިންސާނަކުވެސް ނުހުންނާނެއެވެ. ސަބަބަކީ އެމީހާ އެ އެދޭކަމަކީ އޭނާއަށް ގެއްލުންވާނެ ކަމަކަށްވާތީއެވެ. ބޭނުންވަނީ އެދަތު ކަނޑުވައި ދިނުމެވެ. ތަދަށް ފަރުވާއެކެވެ.
ރައްޔިތުންގެ މައްސަލަތަކަށް ބޭނުންވަނީ ފަރުވާއެވެ. ހައްލެކެވެ. އެވެނިމިވެނި ކަމަކީ ހައްލުކަމުގައި ދެކި މީހުންލައްވައި ވަކި އެޖެންޑާތަކެއް ކުރިއަރުވައި އެކަންކަމަށް މަގުފަހިކޮށް އެފަދަ ޕްރިޖެކްޓް ހިންގާފައި ކަލޭމެން ރައްޔިތުން ބޭނުންވީ ގޮތަށް އެތީ އެކަން ކޮށްފައޭ ބުނިޔަނުދޭށެވެ. ކުޅުދުއްފުށީގެ ކުޅި މިކަމުގެ މިސާލަކަށް ފުދެއެވެ.
އެރަށަށް އަހަރަކު އެތައް މިލިޔަން ރުފިޔާގެ އާމްދަނީ ވައްދަމުން އައި އާއިލާތަކުގެ އާމްދަނީ ހުއްޓުނީ އެތަނުގައި ބޮނބީގެ މަސައްކަތްތައް ކުރެވޭނެ މަގު ބަންދުވީމައެވެ. އެތަން ހިއްކީމައެވެ. ރަށުގެ ގުދުރަތީ ވެށީގެ ވަށަލަވެސް ދިޔައީއެވެ. ލިބުނީ އިޔާދަ ނުކުރެވޭނެ ވަރުގެ އަދި އަގުވެސް ނުކުރެވޭނެ ވަރުގެ ގެއްލުންތަކެކެވެ.
ކަންކުރި މީހުން ބުނަނީ މިއީ ރައްޔިތުން އެދުނު ގޮތްކަމަށެވެ. ނަމަވެސް ހަގީގަތުގައި އެރައްޔިތުން އެދުނީ ރަށުން ފުރައިގެން މާލެދެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ. ބަލިމީހުންނާއި މާބަނޑުމީހުން އަނގަމަތީ ދޯނީގައި ކަނޑު މެދަށް މަރުވުމާއި ދަރިން ވިހެއުން ހުއްޓުވުމަށެވެ. އެކަމަށް އޮތްހައްލަކީ އެކުޅި ހަލާކުކޮށްލުން ކަމަށް ވިސްނައިދިނުމަކީ ޖާހިލު ސިފައެކެވެ. ތަންދޮރުއެނގޭ ކިޔަވައިގެން ތިބި ބަޔަކު ކުރި ޝައިތާނީ އަމަލެކެވެ. މިފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި އެފަދަ މީހުން ދައްކާހާ ވާހަކަތައް ގަބޫލުކުރުން ހުއްޓާލަންޖެހެއެވެ.
ކުޅުދުއްފުށި އެކަމަކަށް މަޝްހޫރުވެފައިވާ ރޯނު ވެށުމުގެ މަސައްކަތަށް ބޮނބި ފާ ކުރަން އެތައް ބަޔަކު އަދިވެސް ގެންދަނީ ކުޅި ބޭނުން ކުރަމުން އެވެ. ކުޅި ހިއްކުމަކުން އެކަން ހުއްޓާލަން އެ މީހުން ބޭނުމެއް ނުވެ އެވެ. @DrHussainHassan @naeembe #SaveKulhudhuffushiKuhli
📷@najahmasoo pic.twitter.com/Em8aeVFlpI— Isham (@AdamIshamMV) January 27, 2020
މިފަހަރު ދޮރުންދޮރަށް ހިނގާ ޓީމުތަކާއި ކެންޑީޑޭޓުންނަށް ރަނގަޅަށް ދިރިއުޅުމުގެ ހާލަތު ބުނެދޭށެވެ. ދައްކާށެވެ. އެއްވެސް މީހަކީ އަޑެއް ނެތް މީހެއް ނޫނެވެ. އަޑުވަނީ ގަސްތުގައި އޮބަހައްޓާފައެވެ. ނުވަތަ އަޑުމަޑުކޮށްފައެވެ. ބަޔަކަށް އަޑު ނީވޭ ވަރަށެވެ. މިފަހަރު މިއަޑުތައް އިއްވާށެވެ. ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމުގައި ގާނޫނު އަސާސީގައި ކަނޑައަޅައި ލިޔެފައި އޮންނަނީ ކަމެއްވީމައެވެ. އެބާރުތައް ބޭނުންކުރާށެވެ. ވެރިން މައިތިރިކުރާށެވެ.
ރައްޔިތުންގެ ވޯޓު ލިބޭނީ ވައުދުތަކަކަށް ނޫންކަން ސާބިތުކޮށްދޭށެވެ. ރައްޔިތުންބަލާނީ ދައުރުނިމި ދިޔަ އިރު އެ ރައްޔިތުންގެ ހަޔާތަށް, ދިރިއުޅުމަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯއެވެ. އެއީ ދެމެހެއްޓެނިވި ބަދަލެއްތޯއެވެ. ކުރި ކަމެއްގެ ނަތީޖާއަށެވެ. ހާސިލުކުރީ ކޮން ކަންކަންތަކެއްތޯއެވެ. މީގެ 50 އަހަރު ކުރިއަށް ވިސްނައި ކޮށްފައިހުރީ ކޮންކަމެއްތޯއެވެ. ގޭގައި ހުރި ތުއްތު ކުއްޖާ ބޮޑުވެގެން ދިރިއުޅެން ފަށާއިރު މިއަދު މިތިބަ ވެރިންގެ އިހުމާލުން އެކުދިންގެ މުސްތަގުބަލު ގެއްލޭފަދަ ކަމެއް ކޮށްފައި އޮތްނަމަ އެކަމެއްވެސް ބަލައި ސުވާލުކުރާށެވެ. ރިޔާސީ އިންތިހާބުތަކުގައި ތިމާގެ ރޯލަކީ ހަމަ އެކަނި ވޯޓު ލުން ނުވަތަ ނުލުމެއް ނޫނެވެ. ސުވާލުކޮށް ޖަވާބުދާރީކުރުވާށެވެ. ޒިންމާދާރު ކަމަކީ މިއީއެވެ. ފަރުދީ ޒިންމާ އަކީ މިއީއެވެ.