ރިޕޯޓް: ޤާސިމް ނިންމައިފި, މައުމޫނު ހަދާނީ ކިހިނެއް?

30 މާޗް 2023 - 14:01

ވަކި ވަކި ސިޔާސީ ލީޑަރުންނަށް ބަލާ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އަދިވެސް ސިޔާސީ ނުފޫޒު ވަރުގަދަ ބޭފުޅެކެވެ. ދިގު 30 އަހަރުގެ ވެރިކަމުގައި އެތައް ބައެއްގެ ނަފްރަތު ލިބުނު ނަމަވެސް އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ވެސް އެމަނިކުފާނަށް ލިބުނެވެ. އެކަން އަދިވެސް އެ ގޮތުގައި އެބަ އޮތެވެ.

ކުރިން ނަފްރަތު ކުރި އެތައް ބަޔަކު ވެސް މިހާރު އެމަނިކުފާނަށް އިހްތިރާމް އަދާކުރެއެވެ. އެހެން ނަމަވެސް ސިޔާސީ ބުރަދަނަކީ ހަމައެކަނި އިހްތިރާމާއި ލޯބީގެ މައްޗަށް ބިނާވާ ކަމަކަށް ނުވާތީ ސިޔާސީ ތިލަފަތުގައި ރައީސް މައުމޫނަކީ މިހާރު މާ ބުރަދަނެއް ހުރި ނަމެއް ނޫނެވެ. އެމަނިކުފާނުގެ އަމިއްލަ ޕާޓީގައި ކިރިޔަ ކިރިޔާ 3،000 މީހުން ހަމަވާ ކަމެވެ. އެ އަދަދު ވެސް ހަމަ ނުވެގެން ދޭތެރެ ދޭތެރެއިން އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލުމުގެ ނޯޓިސް ވެސް ފޮނުވައެވެ.

advertisement


މިހާރު ދެމި އޮތް ސަރުކާރުގައި ވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަކީ ބައިވެރިއެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ބޭނުންވަނީ ދެން އޮތް ރިޔާސީ އިންތިހާބަކަށް ވެސް ރައީސް މައުމޫނާއި އެމްއާރުއެމް މިހާރު ވެސް ތިބި ގޮތުގައި ދެމި ތިބުމަށެވެ. އެކަމަށް އެދިވަޑައިގެން ރައީސް ސޯލިހް ވަނީ ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ. އެހެން ނަމަވެސް އެކަމާ މެދު އެމްއާރުއެމް އިން ވަކި ގޮތެއް އަދިވެސް ނުނިންމައެވެ.


މި ވަގުތު ކޯލީޝަން ސަރުކާރުގައި ތިބި ޕާޓީތަކުގެ ތެރެއިން އަރާނެ ކޮޅެއް ކަނޑަނާޅައި އޮތީ ވެސް ހަމައެކަނި އެމްއާރުއެމްއެވެ. އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާ އެކު ދެމި އޮތުމަށް ނިންމާފައެވެ. ރައީސްގެ ސިޓީފުޅަށް ރަސްމީ ޖަވާބެއް ނުދިން ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން މާ ބޮޑު ބާރެއް މިހާރު ނެތް އެމްއާރުއެމް އިން ގޮތެއް ނިންމުމުގައި ދިގު ދައްމަނީ ކީއްވެތޯ އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

އެމްއާރުއެމުން ޖޭޕީއާ ކޯލިޝަން ހަދާނެތަ?


އެމްއާރުއެމް އިން ދެކޭ ގޮތުގައި ގޮތެއް ނުނިމިގެން އުޅޭހާ ލަހެއް އަދި ނުވެއެވެ. އެ ޕާޓީން އަރާނެ ކޮޅެއް ނިންމާނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށް ޕާޓީ ބުނެއެވެ. އެހެން ނަމަވެސް ހަގީގަތުގައި އެމްއާރުއެމް އިން ވަކި ކޮޅެއް ހިޔާރުކުރުން ލަސްކުރުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ވާކަމަށް ސިޔާސީ މުފައްކިރުން ދެކެއެވެ.


އަޑުތައް އިވޭ ގޮތުން އެމްއާރުއެމް އިން ޕާޓީތަކާ އެކު ލޮބީކުރާ މައިގަނޑު އެއް ކަމަކީ އެ ޕާޓީގެ އެއް ބާނީ އަދި ރައީސް މައުމޫނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނަށް ރަނިންގމޭޓްކަން ދިނުމެވެ. މިކަމާ ބެހޭ ގޮތުން އެ ޕާޓީން ވެސް އަދި އެހެން ޕާޓީތަކުން ވެސް ސީދާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ނޫސްވެރިން އެ ސުވާލު ކުރިމަތިކުރުމުން ވިދާޅުވީ ފާރިސްއަކީ ރަނިންގމޭޓަކަށް ތައުލީމީ ގާބިލް ބޭފުޅެއް ކަމަށެވެ.


“ހަމަ ޕޮސިބުލް ދެއްތޯ، ކީއްވެގެންތޯ ނުވާނީ. ހަމަ ޕޮސިބުލް ކަންތައްތައް. ވައި ނޮޓް؟. މިހެން މި ދެންނެވީ ގާބިލް، ތައުލީމީ ބޭފުޅެއް އެ ބޭފުޅާ އަކީ ވެސް. އެކި ބޭފުޅުން ސަރުކާރުގައި ހިދުމަތް ކޮށްފައި ވާނީ އެކި މުއްދަތަށް،” ހ. ހުރަފާގައި ހުންނަ ރައީސް މައުމޫނުގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވެފައި ވެއެވެ.


ރަނިންގމޭޓަކަށް ފާރިސް ހަމަޖެއްސުމަށް އެމްއާރުއެމް އިން ޕާޓީތަކަށް ލޮބީކުރަމުން އައި ނަމަވެސް ޖޭޕީގެ އެތެރޭގެ ކަންކަން އޮތް ގޮތުން މި ވަގުތު އެއީ އެހާ ފަސޭހަ ކަމެއްގެ ގޮތުގައި ގަބޫލުކުރަން ދަތި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ އެމްއާރުއެމްގެ ސިޔާސީ މާބޮޑު ބުރަދަނެއް ނެތުމެވެ. އަނެއް ކަމަކީ ޕާޓީގެ އެތެރޭގައި އެ ކަމަށް އެދިއެދި ތިބި އެތައް ބަޔަކު ވެސް ތިބުމެވެ.

އަނެއްކޮޅުން އެމްޑީޕީގެ ތެރޭގައި ބަގާވާތްކޮށް ގާސިމް ކޮޅަށް އަރައި ތިބި “ފިކުރެއްގެ ދިރުން”ގެ ޑިމާންޑްތަކެއް ވެސް އޮންނާނެތީއެވެ. ސިޔާސީ ގޮތުން ބަލާއިރު މި ވަގުތު ފާރިސް އާއި އެމްއާރުއެމް އަށް ވުރެ ޖޭޕީ އަދި ގާސިމަށް ވެސް މުހިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓެވެ. އެހެންކަމުން ޖޭޕީގެ ރަނިންގމޭޓް އަންނަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ވަކި ސިޔާސީ ހަރަކާތެއް ކަމަށްވާ ފިކުރެއްގެ ދިރުމުގެ ތެރެއިން ކަމަށް ގަބޫލުކުރެވެއެވެ.


އަނެއްކޮޅުން އެމްޑީޕީ ނުވަތަ ރައީސް ސޯލިހްގެ ރަނިންގމޭޓްގެ ޖާގަ އެމްއާރުއެމް އަށް ދިނުމުގެ ފުރުސަތު ހަންޏެވެ. އެންމެ ބޮޑު ސަބަބަކީ މެންބަރުންގެ ގޮތުން ވެސް އަދި ނުފޫޒުގެ ގޮތުން ބަލާއިރު ވެސް އެމްއާރުއެމް އަށް ވުރެ މި ވަގުތު ރައީސް ސޯލިހާ އެކުގައި ތިބި އަދާލަތާއި ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވަރުގަދަވުމެވެ. އަދި އެމްޑީޕީގައި ވެސް އެކަމަށް އެދިއެދި ތިބި އެތައް ބަޔަކު އެބަ އުޅެއެވެ. އެހެންކަމުން ހަމައެކަނި ރައީސް މައުމޫނު ރުއްސުމުގެ ބޭނުމުގައި ފާރިސް އަށް ރަނިންގމޭޓްކަން ދިނުމަކީ ރައީސް ސޯލިހު އަޅާނެ ފިޔަވަޅެއް ކަމަކަށް ނުބުލެވެއެވެ.

ސިޔާސީ ގޮތުން ވަރުގަދަ ނޫންނަމަވެސް އެމްއާރުއެމްގެ ސަޕޯޓު އެމްޑީޕީއަށް މުހިއްމު


އެމްއާރުއެމް އިން ގޮތެއް ނިންމުމުގައި ލަސްކުރާ އެހެން ސަބަބެއް ވެސް އޮތް ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. އެ ގޮތުން އެ ޕާޓީން ވަކި ގޮތެއް ނުނިންމަނީ މި ވަގުތު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަދި ފާރިސްގެ ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީން އަށް ވާނެ ގޮތެއް ނޭނގޭތީއެވެ.


ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ނަމަ ޕީޕީއެމް/ޕީއެންސީގެ ކޯލީޝަންގެ ރިޔާސީ ޓިކެޓް ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނަށް ދިނުން އެކަށީގެންވާ ކަމަށެވެ. އެމްއާރުއެމް އަދި ރައީސް މައުމޫނާ ސިޔާސީ ގޮތުން ޕީޕީއެމްއާ ގުޅުމެއް މި ވަގުތު ނެތް ނަމަވެސް އަދި ހިޔާލު ތަފާތު ވިޔަސް ސީދާ ޣައްސާނާ ދެކޮޅަށް ރައީސް މައުމޫނާއި ބޭބެ ފާރިސް އަދި މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރުކަމުގައި ހުންނެވި ދައްތަ ޔުމްނާ މައުމޫން ނުކުންނަވާނެ ކަމަކަށް ނުބެލެވެއެވެ.

އަދި ޣައްސާން ވާދަކުރައްވާ ނަމަ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއެކު އެމްއެންޕީގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ނުކުންނަވާނީ ކޮއްކޮއާ އެކުގައި ކަމަށް ތަޖުރިބާކާރުން ދެކެއެވެ.


އެމްޑީޕީ ނުވަތަ ޖޭޕީއާ އެކު ކޯލީޝަން ހެދުން އެމްއާރުއެމް އިން ފަސްކުރާ މައިގަނޑު ސަބަބަކީ ވެސް ރައީސް ޔާމީންގެ ބަދަލުގައި ޣައްސާނަށް ރިޔާސީ ޓިކެޓް ލިބުމުގެ ފުރުސަތެއް އޮތުމެވެ. އެމްޑީޕީ ނުވަތަ ޖޭޕީއާ އެކު އެމްއާރުއެމް އިން ކޯލީޝަން ހަދަން ނިންމައި އެކަން އިއުލާންކޮށްފައި ވަނިކޮށް ފަހު ވަގުތު ޣައްސާނަށް ޓިކެޓް ލިބިއްޖެ ނަމަ އެ ޕާޓީ ނުބައި ފައްތަރަކަށް ވެއްޓުމަކީ ވެސް މި ނިންމުން ލަސްވާ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އެހެންކަމުން ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ޕީޕީއެމް/ޕީއެންސީ އަށް ރައީސް މައުމޫނާއި އެމްއާރުއެމް އިން ވެސް ނުސީދާ ގޮތެއްގައި ވިޔަސް ޕްރެޝަރުކުރާނެ ކަމަށް ބެލެވެއެވެ. އެކަމާ ބެހޭ ބައެއް އަޑުތައް ވެސް ފެތުރިފައި ވެއެވެ. އެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ތެރެއިން ރައީސް ޔާމީނަށް ނޯޓެއް ފޮނުވިކަމާއި އެ ނޯޓު ވީދާލެއްވި ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އެކަން ދޮގުކޮށްފައި ވެއެވެ.


އެމްއާރުއެމްގެ ނިންމުން ސިޔާސީ މައިދާނުގައި މި ވަގުތު އެހާ މުހިންމު ނޫން ނަމަވެސް އެ ޕާޓީން ދަނީ ދަނޑިވަޅާއި ހާލަތުގެ ފުރިހަމަ ފައިދާ ނަގަމުންނެވެ. އެ ގޮތުން މި ވަގުތު ރައީސް ސޯލިހާ އެކު ކޯލީޝަނުގައި ތިބި ނަމަވެސް ސަރުކާރުގެ ކަންކަން ގޯސްކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް ކޯލީޝަނުން ވަކިވާންޖެހޭ ހާލަތަށް ނުދާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަނެއްކޮޅުން ޖޭޕީ ނުވަތަ ޕީޕީއެމްއަކީ ވެސް އޮޕްޝަނެއް ކަމުގައި ދަނީ ދައްކަމުންނެވެ. އަދި ރިޔާސީ އިންތިހާބަށް ފާރިސް ވަކިން ނުކުންނެވުމަކީ ވެސް ވެދާނެ ކަމެއްގެ ގޮތުގައި ދެއްކުމަށް ސޯޝަލް މީޑިއާގައި ފާރިސްގެ ސަޕޯޓަރުން ދަނީ ލޮބީ ކުރަމުންނެވެ.


ސިޔާސީ ގޮތުން ބަލާއިރު އެމްއާރުއެމްއަކީ އެހާ ނުފޫޒު ގަދަ ޕާޓީއަކަށް ނުވި ނަމަވެސް އެމްޑީޕީ އަށް އަދި ޖޭޕީ އަށް ވެސް ރައީސް މައުމޫނުގެ ތާއީދު މި ވަގުތު މުހިންމެވެ. މިހާރު އޮތް ކޯލީޝަންގެ ތެރެއިން ޖޭޕީ ވަކިވެފައިވާތީ އެމްޑީޕީ އާއި އަދާލަތު އަދި އެމްޑީއޭއާގެ ރިޔާސީ ކޯލީޝަނާ ރައީސް މައުމޫނު ގުޅިވަޑައިގަތުމަކީ އެ ކޯލީޝަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެކެވެ.

އަނެއްކޮޅުން ވަކި ވާދަކުރަން ޖޭޕީން ނިންމާފައިވާ އިރު އެ ޕާޓީއާ އެކު މި ވަގުތު އިތުރު އެހެން އެއްވެސް ޕާޓީއެއް ނެތެވެ. ނުރަސްމީކޮށް ސަޕޯޓް ދެމުން އަންނަނީ ރައީސް ނަޝީދާއި ފިކުރެއްގެ ދިރުމުންނެވެ. އެހެންކަމުން ރައީސް މައުމޫނާއި އެމްއާރުއެމްގެ ސަޕޯޓަކީ ޖޭޕީ އަށް ވެސް ލިބޭ ޕްލަސް ޕޮއިންޓަކަށް ވާނެއެވެ. ނަމަވެސް މި ދެ ކޯލީޝަނުން ވެސް އެމްއާރުއެމް ބޭނުންވާ މަގުސަދު ހާސިލްވުމުގެ ފުރުސަތު ކުޑައެވެ. އެ ޕާޓީ އަށް އަދިވެސް ފައިދާ އޮތީ އަރާނެ ކޮޅެއް ނިންމުން ފަސްކުރުމުގައި ކަމަށް ގަބޫލުކުރެވެނީ އެހެން ވެގެންނެވެ. އެމްޑީޕީ، ޖޭޕީ އަދި ޕީޕީއެމް/ޕީއެންސީއަކީ ވެސް އޮޕްޝަނެއްގެ ގޮތުގައި އެމްއާރުއެމް އިން އެ ދައްކަނީ އެހެން ވެގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0