ރިޕޯޓު: ރަނިންގ މޭޓުން — ސިޔާސީ ކުރިމަގު ނެތް ބައެއް!

10 އެޕްރީލް 2023 - 11:51

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ވާދަކުރާނެ ކެންޑިޑޭޓުން ގާތްގަނޑަކަށް ވަނީ ޔަގީންވެފައެވެ. އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުންނަ އިރު ކުރިން ހީކުރިގޮތާ ހިލާފަށް ކޯލީޝަނާ ވަކިން ޖޭޕީގެ ފަރާތުން ގާސިމް އިބްރާހީމް ނިކުންނާނެކަން ވަނީ އިއުލާންކޮށްފައެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އާއި ޕީއެންސީން ޓިކެޓް ދީފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ ޖަލުގައި ހުރުމުން އަދި ހުރީ ވާދަކުރޭ ހާލަތެއްގައެއް ނޫނެވެ. އެމްއެންޕީން ވެސް އެ ޕާޓީގެ ނިންމުން ބަދަލުނުކުރާ ނަމަ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވާދަކުރާނެއެވެ. ޕާޓީއަކާ ނުލައި ވަކިން ވާދަކުރާނެ ކަމަށް ދެތިން ކެންޑިޑޭޓަކު އިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އުމަރު ނަސީރާއި ޑރ. މުހައްމަދު މުނައްވަރު ހިމެނެ އެވެ.

advertisement

މި ނެގޭ އިންތިހާބުގައި ރަނިންގ މޭޓުގެ މަގާމު ފުރާނެ އުންމީދީ ކެނޑީޑޭޓުންނަކީ ކޮބާ?


އިންތިހާބުގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުންދާ އިރު މިހާރު އިންތިޒާރު އޮތީ މި ކެންޑިޑޭޓުންގެ ފަޅި އަށް އަރާނެ ފަރާތްތަކާއި އެ ކެންޑިޑޭޓުންގެ ރަނިންގމޭޓުންނަކީ ކޮބައިކަން ހާމަކުރާނެ ދުވަހަކަށެވެ. މިކަމާ ބެހޭ ގޮތުން ވަރަށް ގިން މަޝްވަރާތަކާއި އަޑުތައް ދަނީ ފެތުރެމުންނެވެ. ރައީސް ސޯލިހުގެ ރަނިންގމޭޓަކަށް އަންނާނީ ކޯލީޝަން ހަދާފައިވާ އަދާލަތާއި އެމްޑީއޭގެ ޑިމާންޑްތަކަށް ވެސް ބަލައިގެންނެވެ. އެހެން ނަމަވެސް އެމްޑީޕީގެ ތެރެއިން ރަނިންގމޭޓެއް ފެނުމުގެ ފުރުސަތު މިފަހަރު ބޮޑު ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.


ޖޭޕީގެ ރަނިންގމޭޓް އަންނަނީ އެމްޑީޕީގެ ތެރޭގައި ބަގާވާތްކޮށް ޖޭޕީ އަށް ސަޕޯޓް ދެމުން އަންނަ ފިކުރެއްގެ ދިރުމުން ކަމަށް ވަރަށް ޔަގީނެވެ. އިވޭ އަޑުތަކަށް ބަލާއިރު ރައީސް ނަޝީދުގެ ފަރާތުން މިހާރު ވެސް ވަނީ ނަންތަކެއް ޝޯޓް ލިސްޓްކޮށްފައެވެ. އޭގެ ތެރޭގައި ދާދި ފަހުން އެސްޓީއޯގެ އެމްޑީ ކަމުން ވަކިކުރި ހުސެއިން އަމްރު އާއި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހިމެނެއެވެ.


ޕީޕީއެމް/ޕީއެންސީންގެ ރަނިންގމޭޓަކާ މެދު ވާހަކަ ދެކެވެން ވެސް އަންނަނީ އެ ޕާޓީން އިންތިހާބުގައި ވާދަކުރާނެ ކަމާ މެދު އުފެދިފައިވާ ސުވާލަށް ޖަވާބެއް ލިބިގެންނެވެ.

ދެ ޕާޓީން ވެސް ގޮތް ދޫނުކޮށް ބުނަމުންދަނީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ. އެއީ ޝަރުއީ މަރުހަލާގެ ތެރެއިން މިނިވަންވާނެ ކަމަށް ކުރާ އުންމީދަކަށް ބިނާކޮށް ދައްކާ ވާހަކައެކެވެ. ރައީސް ޔާމީން ނޫން އެހެން ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން ވެސް އެ ދެ ޕާޓީން ބޭނުމެއް ނުވެއެވެ. އެހެންކަމުން މި ވަގުތު ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ޝައުގުވެރިކަން އޮތީ ބަދަލު ކެންޑިޑޭޓްގެ ޖާގައަށެވެ. ރަނިންންގމޭޓަކާ މެދު އަދި ވިސްނުމެއް ނެތެވެ.


ޖޭޕީގެ ލީޑަރު ގާސިމްގެ ރަނިންގމޭޓަކަށް ރައީސް ނަޝީދު އަންނާނެ ކަމަކަށް ވެސް ބައެއް މީހުން ގަބޫލުކުރެއެވެ. ޖޭޕީގެ ފަހަތަށް ނަޝީދު އަންނާނެ ނަމަވެސް ރަނިންގމޭޓަކަށް އަންނާނެ ކަމާ މެދު ޝައްކެވެ. އެންމެ ބޮޑު ސަބަބަކީ ނައިބެއްގެ މަގާމަކީ ސިޔާސީ ގޮތުން ވަރަށް ބަލިކަށި އަދި ހިޔަންޏެއްގެ ދަށުވެފައިވާ މަގާމަކަށް ވުމެވެ. އަދި ސިޔާސީ ހަޔާތް ވަޅުޖެހޭ ނުވަތަ ރައީސް ކަމުގެ އުންމީދެއް ކުރާ ބޭފުޅަކު ވެސް ބޭނުންވާނެ މަގާމެއް ނޫންކަން މާޒީން ހެކި ދެއެވެ.

މަޒީގައި ރަނިންގ މޭޓުގެ މަގާމު ފުރި މީހުންގެ ސިޔާސީ ކެރިއަރު އަޑިއަށް


ރައީސް ނަޝީދުގެ ފުރަތަމަ ރަނިންގމޭޓަކަށް ޑރ. މުހައްމަދު ވަހީދު ހަމަޖެއްސި އިރު ޑރ. ވަހީދަކީ ވެސް ވެރިކަމަށް އާދެވޭނެ ވަރުގެ މަގުބޫލުކަމެއް އޮތް މީހެއް ނޫނެވެ. ޖެހިގެން އައި އިންތިހާބުގައި ޑރ. ވަހީދު ވާދަކުރުމަށް ނިންމީ ވެސް މެދުތެރެއިން ވެރިކަން ލިބުމުންނެވެ. އައު ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރަނިންގމޭޓަކީ ތަސްމީން އަލީއެވެ.

ރައީސް މައުމޫނުގެ ހިޔަނީގައި ސިޔާސީ ގޮތުން އޭރު ނުފޫޒު ގަދަ މީހެއްގެ ގޮތުގައި ހުރި ނަމަވެސް ތަސްމީނަކީ ވެސް އާންމުންގެ މެދުގައި މާ މަގުބޫލު މީހެއް ނޫނެވެ. އަދި މައުމޫނާ ވަކިވުމާއި އެކު މަޑުމަޑުން ސިޔާސީ ހަޔާތް ވަޅުޖެހިގެން ދިޔައެވެ.


އެންމެ ފޯރިގަދަ އިންތިހާބު ކަމަށްވާ 2013 ވަނަ އަހަރު ރައީސް ނަޝީދުގެ ރަނިންގ މޭޓަކަށް ހަމަޖެއްސީ ޑރ. މުސްތަފާ ލުތުފީއެވެ. އޭނާއަކީ ވެސް ސިޔާސީ ގޮތުން މާ ނުފޫޒު ގަދަ އަދި ރައީސް ކަމަށް އަންނާނެ ކަމަށް ބެލެވޭ ލިސްޓްގައި އެއްވެސް އިރެއްގައި ހިމެނޭ މީހެއް ނޫނެވެ. ރައީސް ޔާމީންގެ ރަނިންންގމޭޓުން ކަނޑައެޅުމުގައި ވެސް އެކަން އޮތީ އެހެންނެވެ.

އެ ގޮތުން 2013 ވަނަ އަހަރު ކަނޑައެޅީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެއީ ސިޔާސީ ގޮތުން ކިތަންމެ މަޝްހޫރު ނަމަވެސް އިންތިހާބެއްގައި ވާދަކޮށްގެން ކުރިއެރުމެއް ލިބިދާނެ ފަދަ މީހެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރުމުން ވެސް ލަދެއްގައި ބެދުން ފިޔަވައި އެހެން ކަމެއް ނުވިއެވެ.


ރައީސް ޔާމީންގެ ދައުރުގައި ތިން ނައިބުން ފެނުނެވެ. ޑރ. ޖަމީލް ބޭރުކޮށް ދެން އެ މަގާމަށް ހަމަޖެއްސީ އޭރު ޓުއަރިޒަމް މިނިސްޓަކަށް ހުރި އަހްމަދު އަދީބުއެވެ. ނަމަވެސް ސިޔާސީ ގޮތުން މާ ނުފޫޒުގަދަވުމާއި ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވި އެންމެ ފަހުން މަގާމުން ބޭރުކޮށް ޖަލަށް ލިއެވެ. ބުނެވޭ ގޮތުގައި އެހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ރައީސްކަން ކުރުމަށް އަދީބު ކުރަމުން ގެންދިޔަ އުންމީދެވެ.

ދައުރުގެ ބާކީ ބައިގައި ރައީސް ޔާމީންގެ ނައިބަކަށް ހުރީ ކުރިން ފިނޭންސް މިނިސްޓަރުކަމުގައި ހުރި އަބްދުﷲ ޖިހާދެވެ. އޭނާއަކީ ވެސް ސިޔާސީ ގޮތުން މާ ނުފޫޒުގަދަ މީހެއް ނޫނެވެ. އަދި މުސްތަގުބަލުގައި ވެސް ސިޔާސީ ކުރިމަގެއް އޮތް މީހެއް ނޫނެވެ.


އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ނުކުތީ ކޯލީޝަނެއްގެ ތެރެއިންނެވެ. އެހެންކަމުން ރަނިންގމޭޓް ކަނޑައެޅުމުގެ ބާރު ދިނީ އެ ކޯލީޝަންގައި އެމްޑީޕީ ނަގާފައި ދެން އެންމެ ބޮޑު ޕާޓީ ޖޭޕީއަށެވެ. އެހެން ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އެކަމަށް ކުރިމަތިނުލީ ނައިބެއްގެ ސިޔާސީ ކުރިމަގު އޮތްގޮތް އޭނާއަށް ވެސް ފެންނާތީ އެވެ.

އަދި ގާސިމަކީ ރައީސްކަން ކުރުމުގެ ޝައުގުވެރިކަން ހުންނަ މީހަކަށް ވާތީއެވެ.

އެ ޕާޓީން ރަނިންގމޭޓަކަށް ކަނޑައެޅީ ޕާޓީގެ ކައުންސިލްގެ ތެރެއިން ނެގި ވޯޓަކުންނެވެ. ވާދަވެރި އިންތިހާބެއްގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ މައްޗަށް ކުރި ހޯދި އޭރު ގާސިމްގެ އަރިސް މީހެއް ކަމަށްވާ ފައިސަލް ނަސީމެވެ. މިހާރުގެ ނައިބު ރައީސް ފައިސަލްއަކީ އަދި ޕާޓީއެއް ނުވަތަ ކޯލީޝަނެއް ލީޑްކުރައްވައިގެން ރިޔާސީ އިންތިހާބު ވާދަކުރެއްވުމުގެ ޝައުގެއް ނުވަތަ އުންމީދެއް ގެންގުޅޭ މީހެއް ކަމަކަށް ނުބެލެވެއެވެ.

އަދި މިހާރު ރައީސް ސޯލިހްއާ އެކު ހުރުމުން ގާސިމްގެ ވެސް އަރިސްކަން ވެސް ވަނީ ގެއްލިފައެވެ.


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރަނިންގމޭޓުންގެ ގޮތުގައި ފެންނާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ގިނަވާނީ ކުރިން ވެސް މި ފާހަގަކުރި ފަދަ މީހުންނެވެ. ރަނިންގމޭޓުން ނުވަތަ ނައިބެއްގެ މަގާމަކީ ހައިބަތު ބޮޑު މަގާމެއް ނަމަވެސް ނުފޫޒެއް ނެތް ސިޔާސީ މަގާމެކެވެ.

އަދި ރައީސްގެ ހިޔަނީގައި މަސައްކަތްކުރާ މީހަކަށް ވުމުން ސިޔާސީ ގޮތުން ފަސް އަހަރު ދުވަހު އަމިއްލަ އެޖެންޑާއެއް ހިންގެވުމަކަށް ފުރުސަތެއް ވެސް ނުލިބޭނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ މަގާމު ވެފައި އޮންނަނީ ތިމާގެ ސިޔާސީ ހަޔާތުގައި ސިއްކަޖެހޭ މަގާމަކަށެވެ.

އެހެންކަމުން މިފަހަރުގެ ރަނިންގމޭޓުންގެ ގޮތުގައި ވެސް ފެންނަނީ 2028 ގެ ރިޔާސީ އިންތިހާބަށް އުންމީދުނުކުރާނެ މީހުންނެވެ. ޖޭޕީގެ ރަނިންގމޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ނުފެންނާނެ ކަމަށް ގިނަ މީހުން ބުނާ މައިގަނޑު ސަބަބީ ވެސް އެއީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0