ރިޕޯޓް: ޗާގޮސް ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރޭ

30 އެޕްރީލް 2023 - 15:24

އިދިކޮޅުން ނުވަތަ މި ސަރުކާރާ މެދު ހިތްހަމަނުޖެހޭ މީހުން ދެކޭ ގޮތުގައި މޮރިޝަސް އަށް ޗާގޮސް ދޫކޮށްލީ މި ސަރުކާރުންނެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަޑިއަޑިން ނިންމެވި ކަމެކެވެ. 

އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އައީ 2018 ވަނަ އަހަރުގެ ނިމެނިކޮށެވެ. އެހާތަނާ ޖެހުނު އިރު ޗާގޮސްއާ މެދު އޮތީ ގާތްގަނޑަކަށް ގޮތެއް ނިމިފައެވެ. ނުވަތަ އެ ތަނާ މެދު އިތުރަށް ރާއްޖެ އަށް ދެއްކޭނެ ވާހަކައެއް ނެތެވެ. އެއީ ބީވެގެން ދިޔަ ތަނެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރި ނަމަވެސް އެއީ ދުވަހަކު ވެސް ރާއްޖޭގެ ތަނެއްގެ ގޮތުގައި ބެލި ޒަމާނެއް ތާރީހުގެ ފަތްފުށްތަކުގައި ފެންނާކަށް ނެތެވެ.

advertisement

މޮރިޝަސްގެ ތާރީހުގެ ތެރެއިން

މޮރިޝަސްގެ ތާރީހުން ފަށަމާ ހިނގާށެވެ. އާންމުކޮށް ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މޮރިޝަސްގެ ރަށްތައް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ އަރަބީން އިންޑިއާ ކަނޑުގައި ދަތުރުކުރުމުގެ ތެރޭގައެވެ. އެއީ މިލާދީން 1507 ހިސާބުގައި ކަމަށް ބުނެވެއެވެ. އޭރު އެ މީހުން އެތަނަށް ކިޔައި އުޅުނީ ދީނާ އަރޯބީއެވެ. 

އެހެން ނަމަވެސް އޭރު ކަނޑުތަކުގައި ރަސްކަންކުރި ޕޯޗުގީޒުންގެ ޗާޓްތަކުގައި އެ ރަށްތައް ފާހަގަކޮށްފައި އޮތެވެ. ސޯޅަ ވަނަ ގަރުނުގެ ފަހުކޮޅު ހޮޅިން އެ ތަނަށް ވެރިވިއެވެ. އެ ތަނުގައި އާބާދުކުރި މީހުން 120 އަހަރު ވަންދެން ދިރިއުޅުނު ކަމަށް ވެއެވެ. އެރު ހޮޅިން ދިޔައީ ރާއްޖެ ހިމެނޭ ސަރަހައްދު އިސްތިއުމާރުކުރަމުންނެވެ. އެ މީހުންގެ ބާރު ކެނޑި ތަފާތު އެކި ސަބަބުތަކާ ހުރެ 1710 ގައި އެ ރަށްތަކުން މީހުން ފޭބިއެވެ. 

އޭގެ ފަސް ވަރަކަށް އަހަރު ފަހުން މޮރިޝަސްގެ ރަށްތަކަށް ވެރިވެގަތީ ފްރާންސުންނެވެ. އަދި އެ ތަނުގެ ނަން އައިސްލް ޑި ފްރާންސްގެ ނަމަށް ބަދަލުކޮށް މީހުން އާބާދުކުރަމުން ގެންދިޔައެވެ. 

ފްރާންސްގެ ބާރުގެ ދަށަށް

ފްރާންސްގެ ބާރުގެ ދަށުން މި ސަރަހައްދުގެ ސަރަހައްދުތައް އިނގިރޭސީންގެ އަތްދަށަށް ފުރޮޅެން ފެށީ 1800ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ގޮތުން އިންޑިއާ ނުވަތަ މިހާރު ވަކިން އޮތް ޕާކިސްތާނާއި އިންޑިއާ ކަނޑުގެގެ ސަރަހައްދުތައް އިނގިރޭސިންގެ ބާރުގެ ދަށަށް ދިޔައެވެ. 

އެ އޮއިވަރުގައި ރާއްޖެ އާއި ސްރީ ލަންކާ ހިމެނޭ ސަރަހައްދާއި އަދި މޮރިޝަސްގެ ފަޅަށް އޮތް ރަށްތަކުގައި ވެސް އިނގިރޭސިން ވެރިވެގަތެވެ. އެ ތަންތަނުގައި މީހުން އާބާދުކޮށްފައި ވަނީ އިސްތިއުމާރީ ބާރުތަކުން ކަމަށްވުމުން ހުރިހާ ނަސްލެއްގެ މީހުން އެ ސަރަހައްދުތަކުގައި އާބާދުކުރިއެވެ. ގިނައީ އެކި މަސައްކަތްތަކަށް ގެންދިޔަ މީހުންނެވެ. އޭގެ ފަހުން ފްރާންސާއި އިނގިރޭސިންނާ ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ތެރެއިން މޮރިޝަސް އާއި ސީޝަލްސް ވެސް އުފެދިގެން އައެވެ. 

މި ދެ ގައުމު ވުޖޫދުވި ނަމަވެސް މިއަދާ ހަމައާ ޖެހެންދެން އިނގިރޭސިންނާއި ފްރާންސްގެ އަތްދަށުން މުޅި ސަރަހައްދު ސަލާމަތްވެފައެއް ނުވެއެވެ. އިސްތިއުމާރުކުރުމާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކިތަންމެ އަޑު އުފުލި ނަމަވެސް ޗާގޮސް އާއި އަދި އެ ސަރަހައްދުގައި ހިމެނޭ ބައެއް ޖަޒީރާ ރަށްތަކުން އިނގިރޭސިންނާއި ފްރާންސްގެ ނުފޫޒު ދޫކޮށްލާކަށް އެ ގައުމުތަކުން ބޭނުމެއް ނުވެއެވެ. 

މޮރިޝަސް އަށް މިނިވަންކަން ލިބުން

އިނގިރޭސިންނާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު 1968 ގައި މޮރިޝަސް އަށް މިނިވަންކަން ލިބުނު ނަމަވެސް އެ ސަރަހައްދު މުޅިން ދޫކޮށްލަން އިނގިރޭސިން ބޭނުން ނުވިއެވެ. ނަތީޖާއަކަށްވީ މީހުން ވަޒަންވެރިވެގެން އުޅުނު ޑިއޭގޯ ގާސިއާއަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓޮރީއެއްގެ ގޮތުގައި ކަނޑައަޅައި އެ ތަނުން މީހުން ބާލައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ކުއްޔަށް ދިނުމެވެ. ހުރިހާ މަންފާއެއް އިނގިރޭސިންނަށް ލިބޭ ގޮތަށެވެ. 

މިނިވަންކަމަށް ކުރި ދަތުރުގައި ޑިއޭގޯ ގާސިއާ ހިމެނޭހެން އެ ސަރަހައްދުގެ މިލްކުވެރިކަން ހޯދުމަށް މޮރިޝަސް އިން ދިޔާއީ ވަކާލާތުކުރަމުންނެވެ. އެންމެން ފަހުން ޑިއޭގޯ ގާސިއާ ހިމެނޭހެން ޗާގޮސްގެ ރަށްތައް މޮރިޝަސް އަށް ލިބޭ ގޮތަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ހުކުމް ކަނޑައެޅި 2019 ވަނަ އަހަރުއެވެ. 

ރާއްޖެއިން މިތަނުގެ މިލްކުވެރިކަން ހޯދަން މަސައްކަތް ކުރިތަ؟

ޑިއޭގޯ ގާސިއާ އިން ލިބޭ މަންފާތަކާއި އެ ސަރަހައްދުގެ މުހިންމުކަން ވިސްނު ނަމަވެސް އިނގިރޭސިންނާއި މޮރިޝަސް ފިޔަވައި އެހެން ބަޔަކު އެތަނުގެ މިލްކުވެރިކަން ހޯދަން އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައެއް ނެތެވެ. އިނގިރޭސިންގެ އަތްދަށުން ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ވެސް ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ދިވެހިން ވަކާލާތުކުރަމުން ދިޔައީ އައްޑޫ ކަނޑުން ފެށިގެން ތުރާކުނު ބޭރުން އޮތް ސަރަހައްދާ ހަމައަށެވެ. 

އައްޑޫގެ ދެކުނުން އޮތް ޗާގޮސް އާއި އަދި ތުރާކުނުގެ އުތުރުން ދިވެހިން ވަޒަންވެރިވެގެން އުޅުނު މަލިކާ މެދު އޭރު ވެސް އަދި ފަހުން ވެސް ދިވެހި ރަސްމީ އެއްވެސް އިދާރާއަކުން ވަކާލާތުކޮށްފައެއް ނުވެއެވެ. އެހެންކަމުން ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވަހި ހިމެނޭހެން ޗާގޮސްގެ ރަށްތައް ދިވެހިން އަތުން ގެއްލިގެން އުޅޭ ކަމަށް މިއަދު ވާހަކަ ދެކެވުނަސް އެއީ އެއްވެސް ޒަމާނެއްގައި ރާއްޖެއިން ހޯދަން އުޅުނު ތަނެއްކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް އަދި ތާރީހީ ލިޔުމެއް ފެންނާކަށް ނެތެވެ. 

މޮރިޝަސް އާއި ސީޝަލްސް އުފެދިގެން އައި އިރު ވެސް ރާއްޖޭގައި މީހުން އާބާދުވެފައި އޮތް ކަމަށް ބެލެވޭ އެތައް ހެއްކެއް އެބަ ހުއްޓެވެ. ވަކި ގައުމެއްގެ ގޮތުގައި އޭރު ބެލެވިފައި ނެތް ޒަމާނުގައި ވެސް ސީޝަލްސް އާއި މޮރިޝަސް ރަށްތަކަކީ ދިވެހިން ނުވަތަ އޭރު ރާއްޖޭގައި އުޅުނު ބައެއްގެ ތަންތަނުގެ ގޮތުގައި ބަލައިގެން އުޅުނު ޒަމާނެއް ނެތެވެ. 

އަދި އިސްތިއުމާރީ ބާރުތަކުގެ އަތުން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި ވެސް މަލިކު ހޯދުމަށް ވެސް އަދި ރާއްޖެ ހިމެނޭ ސަރަހައްދުގައި ވަކި ބަޔަކަށް ލިޔުއްވާފައި ނެތް އެހެން ރަށްތައް ހޯދުމުގައި ވެސް މަޝްވަރާތަކެއް ކުރެވިފައެއް އޮތްތަނެއް ފެންނާކަށް ނެތެވެ. 

މިސަރަހައްދުން ކަނޑުގެ ބައެއް ގެއްލިގެން ދިޔައީ މި ސަރުކާރާ ހެދިތަ؟

ޗާގޮސް ނުވަތަ އެ ސަރަހައްދުން ކަނޑުގެ ބައެއް ގެއްލިގެން ދިޔައީ މި ސަރުކާރާ ހެދި ކަމަށް އިދިކޮޅު ފަރާތްތަކުން ނުވަތަ ރައީސް ސޯލިހަށް ނަފުރަތުކުރާ ފަރާތްތަކުން ކިތަންމެ ވަރަށް ދައްކަން އުޅުނު ނަމަވެސް އެ ވާހަކަތަކުގައި އޮއްޓަރެއް ނެތެވެ. ސަބަބަކީ މިވެރިކަމުގެ ކުރިން ދިޔަ އެއްވެސް ވެރިކަމެއްގައި ވެސް އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެ އިން ވަކާލާތުކޮށްފައި ނެތަތީއެވެ. އަދި އޭގެ ކުރިން ރަސްކަންތައް އޮތް ޒަމާނުގައި ވެސް އެފަދަ ބަހުސެއް ކުރި ކަމެއް ފެންނާނެ އެއްވެސް ލިޔެކިޔުމެއް ވުޖޫދުގައެއް ނެތެވެ. މިވެރިކަމުން ކުރިހާ ވެސް ކަމަކީ ލިބެން އޮތް ތަނެއް ހޯދުމަށް ކުރި މަސައްކަތެކެވެ. 

ޗާގޮސް ރަށްތައް މޮރިޝަސް އަށް ދިނީ ދާދި އިހަކަށް ދުވަހު ރައީސް ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅަކުން ކަމަށް ގަބޫލުކުރާނީ މޮޔައިންނެވެ. އެއީ އެތައް އަހަރެއް ވަންދެން އިނގިރޭސީންނާއި މޮރިޝަސްގެ ސަރުކާރުތަކާ ދެމެދު ބައިނަލްއަގުވާމީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލައެއްގެ ތެރެއިން ނިމުނު ކަމެކެވެ. ރާއްޖެ ނުވަތަ ރައީސް ސޯލިހާ ގުޅުންހުރި ކަމެއް ނޫނެވެ.

އިނގިރޭސިންނާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައިގެ ތެރެއިން ރާއްޖެގެ މަސްލަހަތު އޮތް ހަމައެކަނި ކަމަކީ ޗާގޮސްގެ އުތުރުން އަދި އައްޑޫގެ ދެކުނުން އިން ވަކިކުރުމުގައި އޮތް މައްސަލައެވެ. ޗާގޮސްގެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް އެ ސަރަހައްދުން ރާއްޖެ އަށް ލިބެންޖެހޭ ބައެއް އޮތް ކަމަށް އަބަދު ވެސް ސަރުކާރުތަކުން ދިޔައީ ގަބޫލުކުރަމުންނެވެ. 

ޗާގޮސްގެ ރަށްތައް އިނގިރޭސިންނަށް ނުވަތަ މޮރިޝަސް އަށް ލިބުނަސް ގޮތެއް ނުނިމި އޮތް ކަނޑުގެ ސަރަހައްދު ވަކިވާނެ ގޮތެއް ބައިނަލްއަގުވާމީ ކޯޓަކުން ނިންމަންޖެހެއެވެ. ދުނިޔެ މިހާރު ޤައުމުތަކަށް ބެހިފައި މިއޮތީ އިނގެރޭސި އިސްތިއުމާރު ނިމިގެން ދިޔައިރު ވެވުނު އެއްބަސްވުންތަކުގެ ތެރެއިންނެވެ. އައްޑޫ ދޫކޮށް ޑިއެގޯ ގާސިއާއަށް އިނގެރޭސި އަސްކަރީ ބޭސް ބަދަލުކުރުމުގެ ތެރެއިން ޗާގޯސް ހޯދުމަށް ވަކާލާތުނުކުރުން އެއީ ރާއްޖެއިން އެކި ސަރުކާރުތަކުގައި އެކި ސިފަތަކުގައި އެއްބަސްވެފައިވާ ކަމެކެވެ.  

ޗާގޮސް ނުވަތަ އެ ސަރަހައްދުން ކަނޑުގެ ބައެއް ގެއްލިގެން ދިޔައީ މި ސަރުކާރާ ހެދި ޑީލަކުން ކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ. ނަމަވެސް ހަޤީޤަތަކީ މިވެރިކަމުގައިވެސް އަދި އެއްވެސް ވެރިކަމެއްގައި ވެސް އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެ އިން ވަކާލާތުކޮށްފައި ނެތެވެ. 

މިސަރުކާރުން 2019 ވަނަ އަހަރު މޮރިޝަސް އާދެކޮޅަށް ވޯޓް ދިނުމުން އިދިކޮޅުން ޕާޓީން ވަނީ އެކަން ކުށްވެރިކޮށް އިސްތުއުމާރާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.. ނަމަވެސް މިދިޔަ އަަހަރު މިސަރުކާރުން މޮރިޝަސް އާ އެއްކޮޅަށް އިސްތިއުމާރާސް ދެކޮޅަށް ތާއީދުކޮށް, ރައީސް ސޯލިހް މޮރިޝަސް އަށް ފޮނުވި ސިޓީ މިހާރު އިދިކޮޅަށް ގޯހެވެ. 

އެތައް އަހަރެއް ވަންދެން އިނގިރޭސީންނާއި މޮރިޝަސްގެ ސަރުކާރުތަކާ ދެމެދު ބައިނަލްއަގުވާމީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގެ ތެރެއިން މިހާރު މިނިމިގެން މިދިޔައީ ކަނޑުގެ ސަރަހައްދު ބަހާނެ ގޮތެވެ. އޭގެ ކުރިން ޗާގޯސް ލިބޭނީ މޮރިޝަސްއަށް ކަމަށް ބައިނަލްއަޤުވާމީ ދުނިޔެއިން ވަނީ ޤަބޫލުކޮށް ބޮޑު ތާއީދާއެކު ވޯޓު ކާމިޔާބުކޮށްފައެވެ. ދެނެއް ޗާގޮސްގެ ރަށްތަކާ މެދު ދިވެހިރާއްޖެއަށް ދެއްކޭނެ ވާހަކައެއް ނެތެވެ. އެއް އިރެއްގައި ވެސް ދިވެހިން އެތަން ހޯދުމާމެދު ވަކާލާތުކޮށްފައި ނުވާތީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0